Roadha Mihaaru

މަސައްކަތް ކުރަނީ ކިޔެވުމުގައި އެއްވެސް ކުއްޖަކު ބާކީވިޔަ ނުދީ ހަމަހަމަކަމާއެކު ހައްގު ފޯރުކޮށްދޭން: ރައީސް

ސަރުކާރުން މަސައްކަތް ކުރަނީ އެއްވެސް ރަށެއްގައި ހުރި އެއްވެސް ކުއްޖަކު ބާކީވިޔަ ނުދީ ތައުލީމު ދިނުމުގެ ހައްގު ހަމަހަމަކަމާ އެކ،މ ފޯރުކޮށްދިނުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

"ކިޔެވުމުގައި އެއްވެސް ކުއްޖަކު ބާކީވިޔަ ނުދޭނަން"
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

07 އެޕްރީލް 2025

ސަރުކާރުން މަސައްކަތް ކުރަނީ އެއްވެސް ރަށެއްގައި ހުރި އެއްވެސް ކުއްޖަކު ބާކީވިޔަ ނުދީ ތައުލީމު ދިނުމުގެ ހައްގު ހަމަހަމަކަމާ އެކ،މ ފޯރުކޮށްދިނުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށުމާ ގުޅިގެން ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ، ތައުލީމީ ދާއިރާގެ ކުރިއެރުމާއި ކާމިޔާބީ އިތުރުކުރުމަށް ސަރުކާރުން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ވަސީލަތްތަކާއި ޖާގައިގެ ގޮތުން ފަހި ސްކޫލު މާހައުލެއް ގާއިމުކޮށްދީ، ޓީޗަރުންނަށް އިތުރު ތަމްރީނާއި ފުރުސަތުތައް ހޯދައިދިނުމާއި ތައުލީމީ ދާއިރާގެ ހުރިހާ ހިދުމަތްތެރިންނަށް ވެސް ރަނގަޅު މަގުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އެއްވެސް ރަށެއްގައި ހުރި އެއްވެސް ކުއްޖަކު ބާކީވިޔަ ނުދީ ތަޢުލީމު ދިނުމުގެ ހައްގު ހަމަހަމަކަމާއެކު އެކު ފޯރުކޮށްދިނުމަށް ސަރުކާރުގެ ލަޔާގަތާއި ގާބިލިއްޔަތު ތަންދިން އެންމެ މަތީ މިންވަރަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަސައްކަތްކުރަމުން ގެންދާނަމެވެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ބެލެނިވެރިން ފަހުރުވެރިވާނެ މަތީ ނަތީޖާތަކެއް ހާސިލު ކުރެވޭނެ ހުރިހާ އަމާޒަކަށް ވާސިލުވުމަށް ސަރުކާރުން ވެސް މަސައްކަތް ކުރަމުން އެބަދެ އެވެ.

ރައީސް ވަނީ ތައުލީމީ ދާއިރާ ކުރިއެރުވުމަށް އެންމެން ގުޅިގެން އެއްބާރުލުން ދިނުމަށް ވެސް އެދިވަޑައިގެންފަ އެވެ. އަދި މުދައްރިސުންނާއި ތައުލީމީ ދާއިރާގެ ހިދުމަތްތެރިން، އިހުލާސްތެރިކަމާ އެކު މަސައްކަތް ކޮށްދިނުމަށް ވެސް އިލްތިމާސް ކުރެއްވި އެވެ.

ރައީސްގެ ހިތާބުގައި ބެލެނިވެރިންނަށް އިލްތިމާސް ކުރެއްވީ ކުދިންނަށް ރަނގަޅު ތައުލީމާ އެކު، ހަރުދަނާ ތަރުބިއްޔަތެއް ދިނުމުގައި އެންމެ ހިނދުކޮޅެއް ވެސް ފަރުވާ ކުޑަ ނުކުރުމަށެވެ. ދަރިވަރުން ވެސް ފުރުސަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ހެޔޮލަފާ ކުދިންނަށް ވުމަށް އެ މަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.