Roadha Mihaaru
ހުޅުމާލޭ އިންޓަނޭޝަނަލް ސްކޫލު ބަޔަކަށް ދީފި

ހުޅުމާލޭ އިންޓަނޭޝަނަލް ސްކޫލު ބަޔަކަށް ދީފި

06 ނޮވެމްބަރ 2016

ހުޅުމާލޭގައި ލާލޭ އިންޓަނޭޝަލް ސްކޫލު ހިންގި އިމާރާތަށް ބިޑް ކުރި ކޮލިޓޭޓް އެޑިއުކޭޝަން ކިޔާ ކުންފުންޏަކުން ބިޑް ކާމިޔާބުކޮށް އެ ސްކޫލު އެޑިއުކޭޝަނުން ހަވާލުކޮށްފި ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ހުޅުމާލޭގައި ލާލޭ އިންޓަނޭޝަލް ސްކޫލު ހިންގި އިމާރާތަށް ބިޑް ކުރި ކޮލިޓޭޓް އެޑިއުކޭޝަން ކިޔާ ކުންފުންޏަކުން ބިޑް ކާމިޔާބުކޮށް އެ ސްކޫލު އެޑިއުކޭޝަނުން ހަވާލުކޮށްފި ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ފަރީދިއްޔާ ސްކޫލުގައި ހިންގަމުން އައި ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލުގެ މުއްދަތު ހަމަވެފައިވާތީ އެތަނުގައި އަލުން ކިޔަވައިދޭނެ ބަޔަކު ހޯދުމަށް ހުޅުވާލި ބިޑު، ކޮލިޓޭޓް އެޑިއުކޭޝަނުން ކާމިޔާބުކޮށްފައިވާ ކަމަށާއި ދެން އެ ސްކޫލު ހިންގާނީ ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލުގެ ނަމުގައި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ގާތްގަނޑަކަށް 500 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ ލާލޭގެ ބެލެނިވެރިންނަށް، ކޮލިޓޭޓް އެޑިއުކޭޝަނުން ކުރި މެސެޖެއްގައި ބުނީ ސްކޫލު ހިންގުމަށް ހުށަހެޅި ބިޑުން އެންމެ މަތިން މާކްސް ލިބިގެން ބިޑު ކާމިޔާބުވިކަން، މިދިޔަ ބުދަ ދުވަހު އެ ކުންފުންޏަށް ސިޓީއަކުން އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

އިންޑިއާ އާއި ސްރީ ލަންކާ އާއި އިނގިރޭސި ވިލާތް އަދި އޮމާންގައި ވެސް ސްކޫލުތައް ހިންގަމުން އަންނަ ގޭޓްވޭ ސްކޫލާ ގުޅިގެން އަންނަ އަހަރު ހުޅުމާލޭގައި ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލުގެ ނަމުގައި އާ ސްކޫލެއް ހުޅުވާނެ ކަމަށް އެ މެސެޖުގައި ބުނެފައި ވެ އެވެ.

އެކަމަކު އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލުން ފޯނު ނުނަންގަވާތީ މިކަމާ ގުޅޭގޮތުން އެ މިނިސްޓްރީގެ ބަހެއް ލިބޭގޮތެއް ނުވި އެވެ.

މީގެ އަށް އަހަރު ކުރިއްސުރެ ލާލޭ ސްކޫލު ހިންގަމުން އައި ތުރުކީގެ ކުންފުނި، ބިޒް އެޓޯލް އަށް ދީފައިވާ މުއްދަތު ހަމަވުމުން، ސްކޫލު އަލުން ހިންގުމަށް ބިޑަށް ހުޅުވާލުމުން ފައިނޭންޝަލް ބިޑުގައި އެންމެ ކުޑަ ފީއެއް ހުށަހަޅާފައިވަނީ ވެސް ބިޒް އެޓޯލުންނެވެ. ދެ ވަނައަށް އެންމެ ކުޑަ ފީއެއް ހުށަހަޅާފައިވަނީ ކޮލިޓޭޓް އެޑިއުކޭޝަނުންނެވެ.

އެކަމަކު ބިޑު ކާމިޔާބު ކުރެވޭނީ ފައިނޭންޝަލް ބިޑުގެ އިތުރުން ޓެކްނިކަލް ބިޑުން ވެސް އެންމެ މަތިން މާކްސް ހޯދާ ބަޔަކަށެވެ. ޓެކްނިކަލް ބިޑުގައި ހިމެނެނީ ސްކޫލު ހިންގުމުގެ ތަޖުރިބާ އާއި ގާބިލްކަމުގެ އިތުރުން ސްކޫލު ހިންގުމަށް ޕްލޭންކޮށްފައިވާ ގޮތެވެ. ބިޑް ޕްރޮސެސް ދިޔަ ގޮތާއި ލިބިފައިވާ ޖުމްލަ މާކްސްތައް "މިހާރު" އަށް ލިބޭ ގޮތެއް އަދި ނުވެ އެވެ.

ސްކޫލު ހިންގުމުގެ ތަޖުރިބާ ގޭޓްވޭ ސްކޫލުގައި ހުރި ނަމަވެސް އެނގިފައިވާގޮތުގައި ކޮލިޓޭޓް އެޑިއުކޭޝަނުން މިހާތަނަށް ރާއްޖޭގައި އެއްވެސް ސްކޫލެއް ހިންގާފައެއް ނުވެ އެވެ.

އެ ކުންފުނިން ލާލޭގެ ބެލެނިވެރިންނަށް ފޮނުވި މެސެޖެއްގައި ބުނީ ބިޒް އެޓޯލްގެ ބަދަލުގައި އެ ކުންފުންޏަށް ބިޑު ކާމިޔާބު ކުރެވުނު ނަމަވެސް ބިޑުގެ މުއްދަތުގެ ތެރޭގައި "އެއްވެސް ކަމެއް ގޯސްކޮށް" އެ ކުންފުނިން ކޮށްފައި ނުވާނެ ކަމަށެވެ.

އަދި އެ ކުންފުންޏާ ބެހޭގޮތުން ދޮގު މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ މެސެޖުގައި ބުނެފައި ވެ އެވެ.

ކޮލިޓޭޓް އެޑިއުކޭޝަނުން ހުށަހެޅި ބިޑުގައިވާ ގޮތުން އެތަނުން ހިންގާ ސްކޫލުގައި ޕްރައިމަރީ ގްރޭޑްތަކުގެ ދަރިވަރުންގެ އަތުން ފީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ 2،833ރ. އެވެ. އަދި ސާނަވީ ގްރޭޑްތަކުގެ ދަރިވަރުންގެ ފީގެ ގޮތުގައި 3،076ރ. ކަނޑައަޅާފައިވާއިރު، މަތީ ސާނަވީ ގްރޭޑްތަކުގެ ދަރިވަރުންގެ ފީއަކީ 4،047ރ. އެވެ.

މިއީ މިހާރު ލާލޭ ހިންގާ ބިޒް އެޓޯލްއިން ހުށަހެޅި އަގަށް ވުރެ މާބޮޑު އަގެކެވެ.

އެކަމަކު ސްކޫލު ހިންގާ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ދަރިވަރުންގެ އަތުން ނަގާނީ މިހާރު ވެސް ނަގާފީ ކަމަށް ކޮލިޓޭޓް އެޑިއުކޭޝަނުން ބުންޏެވެ.

ލާލޭ އިންޓަނޭޝަނަލް ސްކޫލުގެ ބެލެނިވެރިން ވަނީ އެ ސްކޫލު ހިންގުން ބިޒް އެޓޯލްއާ އަލުން ހަވާލުކުރުމަށް އެދި ޕެޓިޝަނެއް ވެސް ތައްޔާރުކޮށްފަ އެވެ.

ހުޅުމާލޭގައި އެންމެ ފުރަތަމަ އިމާރާތްކުރި ސްކޫލް، ބިޒް އެޓޯލްއާ 2008 ގައި ހަވާލުކުރީ، އެ ކުންފުނީގެ އަމިއްލަ ސްކޫލެއް އިމާރާތްކުރެވެންދެން ފަސް އަހަރުގެ މުއްދަތަކަށެވެ. އެކަމަކު އެންމެ ފުރަތަމަ އެއްބަސްވުމުގެ މުއްދަތު 2013 ގައި ހަމަވުމުން އަނެއްކާވެސް އެޑިއުކޭޝަނުން ވަނީ އާކޮށްފަ އެވެ.