Roadha Mihaaru
ސެލޫންތައް ހުޅުވާ ކަމެއް އެނގޭ ކަމަކަށް ނުވި؟

އެންގުމާ ހިލާފަށް ސެލޫންތައް ހުޅުވާ ކަމެއް އެޗްޕީއޭ އަށް އެނގޭ ކަމަކަށް ނުވި؟

10 މެއި 2021

ރާއްޖޭގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް، މާލެ ސަރަހައްދުގައި ހިންގާ ސެލޫންތައް މިދިޔަ ހުކުރު ދުވަހުން ފެށިގެން ބަންދުކުރަން އެޗްޕީއޭ އިން އަންގާފައިވީ ނަމަވެސް އެ ތަންތަން ހުޅުވައިގެން ހިދުމަތް ދެނީ އެ އިދާރާ އަށް އެނގިގެން ކަމަކަށް ނުވި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރާއްޖޭގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް، މާލެ ސަރަހައްދުގައި ހިންގާ ސެލޫންތައް މިދިޔަ ހުކުރު ދުވަހުން ފެށިގެން ބަންދުކުރަން އެޗްޕީއޭ އިން އަންގާފައިވީ ނަމަވެސް އެ ތަންތަން ހުޅުވައިގެން ހިދުމަތް ދެނީ އެ އިދާރާ އަށް އެނގިގެން ކަމަކަށް ނުވި އެވެ.

ނަމަވެސް އާންމުކޮށް ބޯކޮށާ ތަންތަނުގެ ގޮތުގައި މާލެ ސަރަހައްދުގައި ހިންގާ ސެލޫންތައް "އޯޕެން" ބޯޑު ޖަހައިގެން ފާޅުގައި ހުޅުވައިގެން ހިދުމަތް ދިނުން ހުއްޓައެއް ނުލަ އެވެ. މީގެ އިތުރުން "ބިއުޓީ ސެލޫން" ތަނުން ވެސް ދަނީ އެޗްޕީއޭ އަށް ސިއްރުން އެހެން ގޮތްގޮތަށް އެ ތަންތަނުން ކަސްޓަމަރުންނަށް އެޕޮއިންޓްމަންޓް ދީ ހިދުމަތް ދެމުންނެވެ.

މާލޭން ކޮންމެ ދުވަހަކު ވެސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު 500 އަށް ވުރެ މަތީގައި އުޅޭއިރު، ސަރުކާރުގެ އެންގުންތަކަށް ބޯލެނބުމެއް ނެތި ހިންގާ ސެލޫންތައް ދުވަހުން ދުވަށް ބެލެހެއްޓުމުގައި ތިބީ ބިދޭސީންނެވެ.

"މިހާރު" ގެ ނޫސްވެރިން މިއަދު ދިޔަ ބައެއް ސެލޫންތަކުގައި ވެސް ހިދުމަތް ހޯދަން ކިއު ހަދާފައި ދިވެހިންނާއި ބިދޭސީން ތިއްބެވެ. ބައެއް ތަންތަނުގައި ހިދުމަތް ދެނީ ސިއްރުން ނަމަވެސް، ބައެއް ތަންތަނުން ކުރިއާލައި އެޕޮއިންޓްމެންޓް ހައްދައިގެން ވެސް ހިދުމަތް ދެ އެވެ.

އެކަމަށް އެއްވެސް ފިޔަވަޅެއް ނާޅާ ސަބަބާ ގުޅޭގޮތުން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު، (އެޗްއީއޯސީ)އާ ސުވާލު ކުރުމުން އެތަނުގެ ފަރާތުން ވާހަކަ ދެއްކެވި ތަސްލީމާ އުސްމާން (ތަހޭ) ވިދާޅުވީ ރާއްޖޭގެ ކޮވިޑްގެ ހާލަތު އޮތް ގޮތުން ސެލޫންތަކުގައި ހިދުމަތް ދިނުމަކީ މަނާކަމެއް ކަމަށެވެ.

"ކޮން ތަނެއްގައިތޯ ހިދުމަތް ދެނީ؟ އެއީ މަނާކަމެއް. އަޅުގަނޑުމެންނަށް އެކަން އެނގޭ ހިސާބުން ފިޔަވަޅު އަޅާނަން،" ތަހޭ ވިދާޅުވި އެވެ.

ކޮވިޑާ ގުޅިގެން އެޗްޕީއޭ އިން ކަންކަން މަނާކުރުމަށް ފަހު، އެކަން ތަންފީޒު ކުރުމުގެ ބާރު ދީފައި އޮންނަނީ ފުލުހުންނަށެވެ. ނަމަވެސް ފަހުން އެޗްޕީއޭ އިން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރޭތޯ ބަލަން ފުލުހުން މަސައްކަތް ކުރާ ތަނެއް ނުފެނެ އެވެ. ކޮންމެ ރެއެއްގެ 9 އިން ފަތިހު 4 އަށް މާލެ ސަރަހައްދުގައި މިހާރު ކާފިއު ހިންގާފައިވާއިރު، ކުރީ ފަހަރުތަކާ ހިލާފަށް ފުލުހުން މަގުތަކަށް ނުކުމެ ކާފިއުއާ ހިލާފުވާ މީހުން ހުއްޓުވައި ސުވާލުކޮށް ހަދާ ތަނެއް ވެސް ނުފެނެ އެވެ.

މާލޭގައި ގިނަ އަދަދެއްގެ ބޯ ކޮށާ ސެލޫންތައް ހުންނައިރު، މީގެ ތެރެއިން ގިނަ ތަންތަން މިއަދު ވެސް ހުރީ ހުޅުވައިފަ އެވެ. އެ ތަންތަން ހުޅުވާފައި ހުންނަކަން އަންގައިދޭ "އޯޕެން" ބޯޑު ވެސް އަޅުވާފައި ހުރި އިރު ހިދުމަތް ހޯދަން ވަންނަ މީހުންގެ އަދަދު މަދެއް ނުވެ އެވެ. އާންމު އުސޫލުން ސާފުތާހިރު ކަމެއް ވެސް ނެތެވެ. ސެނިޓައިޒް ކުރެވޭނެ ގޮތެއް ނެތް ސެލޫންތައް ވެސް އޭގެ ތެރޭގައި ހުއްޓެވެ. ބިއުޓީ ސެލޫންތަކުން އެޗްޕީއޭ އަށް "ވަގަށް" ހިދުމަތް ދެނީ ކުރިއެކޭ ވެސް އެއްގޮތަށް އެޕޮއިންޓްމަންޓް އުސޫލުންނެވެ. ހިދުމަތް ދެނީ ރެގިއުލާ ކަސްޓަމަރުންނަށެވެ. އާންމުކޮށް، މީހުން ބޯކޮށަން ދާ ތަންތަނާ ތަފާތުކޮށް، ބިއުޓީ ސެލޫންތަކުގައި "އޯޕެން" ބޯޑެއް ނާޅުވަ އެވެ. އެކަމަކު، ގުޅައިލުމުން އަދި ބައެއް ތަންތަނުގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދުމުން ސެލޫން އަށް ގޮސް ހިދުމަތް ޙޯދެ އެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ ނިސްބަތް، މީގެ ކުރިން ދުވަހަކު މައްޗަށް ނުދާ ވަރަށް މިހާރު ދަނީ މަތިވަމުންނެވެ. މި ފަހުން ކޮންމެ ދުވަހަކު 700 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހެ އެވެ. އޭގެ ތެރޭގައި ގިނައީ މާލޭން ބަލި ޖެހޭ މީހުން ކަމުން، ބަލި ކޮންޓްރޯލްކުރުމަށް، ވެރިރަށުގައި ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފަ އެވެ.