މ. މުލީގައި ތަރައްގީކުރަން ނިންމާފައިވާ އެއާޕޯޓުގެ ޑިޒައިން ބަދަލުކުރުމުން އެ ރަށުގެ ރައްޔިތުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
10 މެއި 2021
މ. މުލީގައި ތަރައްގީކުރަން ނިންމާފައިވާ އެއާޕޯޓުގެ ޑިޒައިން ބަދަލުކުރުމުން އެ ރަށުގެ ރައްޔިތުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މުލީ އެއާޕޯޓު ހަދަން ލޭންޑް ޔޫސް ޕްލޭނެއް ތައްޔާރުކޮށް ޕްލޭނިން މިނިސްޓްރީން އެ ރަށު ކައުންސިލާއި ރަށުގެ ރައްޔިތުންނާ ހިއްސާ ކޮށްފައި ވަނީ 2019 ވަނަ އަހަރު އެވެ. އެ ޕްލޭނުގެ ދަށުން އެއާޕޯޓު އަޅާއިރު އެ ރަށް ކައިރީގައި އޮންނަ ނާލާފުއްޓާ ކޯޒްވޭއަކުން ގުޅުވާލަން އޮތީ ނިންމައިފަ އެވެ.
ނާލާފުއްޓާއި މުލި ގުޅުވާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ދެ ރަށުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދެއް ކަމަށް މުލީ ކައުންސިލުން ބުންޏެވެ. މި ދެ ރަށް ގުޅުވާލާ ގޮތަށް އެއާޕޯޓު އެޅުމަށް ފޮނުވި ޑިޒައިނަށް ގިނަ ބަޔަކު ވަނީ ތާއީދު ކޮށްފަ އެވެ. ކައުންސިލުން ބުނި ގޮތުގައި އީއައިއޭ ވެސް ހަދާފައިވަނީ މި ޕްލޭނަށެވެ.
އެ ރަށު މީހުން ބުނާ ގޮތުގައި މި ޕްރޮޖެކްޓު ފެށުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރިއިރު ޑިޒައިން ވަނީ މުޅިން ބަދަލުކޮށްފަ އެވެ. އަދި މި އާ ޑިޒައިނުގައިވާގޮތުން ރަށަށް އެކި ގޮތްގޮތުން ގެއްލުންވާނެ ކަމަށް އެ ރަށުގެ ރައްޔިތުން ގަބޫލު ކުރެ އެވެ. ޑިޒައިން ބަދަލު ކޮށްފައިވާ ކަން އެ ރަށުގެ ކައުންސިލުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އެ ރަށުން "މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުނީ އާ ޑިޒައިނަށް އެއާޕޯޓު އަޅައިފިނަމަ އެ ރަށުގައި ހިންގަން ރާވާފައިވާ ގިނަ ޕްރޮޖެކްޓުތަކެއް ނުހިންގޭނެ ކަމަށެވެ. މީގެ ތެރޭގައި ގޯތި ދޫކުރުމާއި ދަނޑު ހެއްދުމާއި ޓޫރިޒަމް ދާއިރާގެ ޕްރޮޖެކްޓުތަކާއި ހައުސިން ޕްރޮޖެކްޓުތައް ހިމެނޭ ކަމަށް އޭނާ ބުންޏެވެ.
"ނާލާފުއްޓާ ގުޅާލުމުން ތަރައްގީގެ އެތައް މަޝްރޫއެއް ކުރިއަށްދާނެ ކަމަށް ކުރިން ބުނި. މީގެ ސަބަބުން ދެ ރަށުގެ ޒުވަނުންނަށް ވަޒީފާގެ ފުރުސަތު ލިބި ރަށް ތަރައްގީ ވާނެ ކަމަށް ބުނި. އެކަމަކު މިހާރު މިއޮތް ޑިޒައިނުގެ ސަބަބުން ދެ ރަށް ނުގުޅުވޭ ތަނުގައި ރަށުގައި ހިންގަން ހުރި ގިނަ ކަންކަމަށް ވެސް ހުރަސް އެބައެޅޭ،" އެ މީހާ ބުންޏެވެ.
މުލީގެ ރައްޔިތުންނާ ހިއްސާ ކޮށްފައިވާ ލޭންޑް ޔޫސް ޕްލޭނުގައި ކުރަހާފައިވާ ޑިޒައިނުގައިވާ ގޮތުން އެއާޕޯޓުގެ ރަންވޭ ހަދަން ނިންމާފައި އޮތީ ނާލާފުއްޓާ ދިމާލުން އިތުރަށް ބިން ހިއްކައިގެންނެވެ. ނަމަވެސް އާ ޑިޒައިނުގައިވާ ގޮތުން ބިން ހިއްކާނީ މިިހާރު އެ ރަށުގައި ހިއްކާފައިވާ ސަރަހައްދާ ގުޅުވައިގެންނެވެ. އަދި މިހާރު ހިއްކާފައިވާ ސަރަހައްދުގެ ބައެއް ވެސް އެއާޕޯޓު ހެދުމަށް ނަގާނެ އެވެ.
މުލީގެ ލޭންޑް ޔޫސް ޕްލޭނުގައި ހިމަނާފައިވާ އެއާޕޯޓު ޑިޒައިން: ކުރީގެ ޑިޒައިނުގެ ސަބަބުން މުއްޔާއި ނާލާފުއްޓަށް ވެސް ފައިދާވާނެ ކަމަށް ބުނޭ--
ލޭންޑް ޔޫސް ޕޭލްނުގައި ވާގޮތުން މިހާރު ހިއްކާފައިވާ ސަރަހައްދަކީ އެ ރަށުގައި އާ މިސްކިތެއް އެޅުމަށާއި ހައުސިން ޕްރޮޖެކްޓުގެ ދަށުން ފްލެޓުތައް އެޅުމަށާއި ގޯތި ދޫކުރުމަށް ހިއްކާފައިވާ ސަރަހައްދެކެވެ. އެގޮތުން، މިހާތަނަށް 40 ވަރަކަށް ހެކްޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ.
މީގެ އިތުރުން އާ ޑިޒައިނުގެ ސަބަބުން، އެ ރަށާ ކައިރީގައި އޮންނަ ބޯހުރާ ތަރައްގީ ކުރުމަށް ވެސް ހުރަސް އެޅޭނެ ކަަމަށް ރައްޔިތުން ބުނެ އެވެ. ބޯހުރާ އަކީ ރާޅާ އަޅާ ތަނެއްގެ ގޮތުގައި ދުނިޔޭގެ ފެންވަރުން ވެސް މުހިންމު ސަރަހައްދަކަށްވާތީ އެ ރަށުގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީ ކުރުމަކީ މުލީ ރައްޔިތުން ދެކޭ ހުވަފެނެކެވެ.
"މިހާރު އޮތީ ފުއްޓަރާ ދިމާލުން އިތުރަށް ހިއްކާގޮތަށް. އެހެން ހަދައިފިއްޔާ ބޯހުރާގެ ރާޅުގަނޑަށް ބަދަލުތައް އަތުވެދާނެ. އެއީ މި ރަށުގެ ޓޫރިޒަމަށް ކުރަމުން އައި އުއްމީދު ވެސް ގެއްލިދާނެ ކަމެއް،" އެ ރަށުގެ މީހަކު ނަން ހާމަ ނުކުރުމަށް އެދި ބުންޏެވެ.
މުލީ ރައްޔިތުން ގަބޫލު ކުރާ ގޮތުގައި އެއާޕޯޓުގެ ޑިޒައިން ބަދަލުކުރީ އެ ދާއިރާގެ މެމްބަރު އިކްރާމް ހަސަން އެދިވަޑައިގެންނެވެ. އަދި މިއީ އަމިއްލަ މަންފާއެއް ހޯދަން ކުރާ މަސައްކަތެއް ކަމަށް ވެސް އެ ރަށުގެ ބައެއް މީހުން ވަނީ ތުހުމަތު ކޮށްފަ އެވެ. ނަމަވެސް ޑިޒައިން ބަދަލުކުރުމުގައި އެއްވެސް ބާރެއް ބޭނުން ކުރައްވާފައި ނުވާނެ ކަމަށް އިކްރާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާ ޑިޒައިނަކީ ޕްލޭނިން މިނިސްޓްރީން އަމިއްލަ އަށް ހެދި ޑިޒައިނެއް ކަމަށެވެ. އަދި އެއީ ކޮވިޑް-19ގެ ސަބަބުން ގައުމަށް މާލީ ގޮތުން ދިމާވެފައިވާ ދަތިތަކާއެކު ހެދެން އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
"އަޅުގަނޑު ދެންނެވިން ކުރިން އޮތްގޮތަށް އަޅައިދޭން. އެކަމަކު މިވަގުތު އެކަން އެގޮތަށް ކުރެވެން ނެތީ. އަޅުުގަނޑު ގަބޫލުކުރަން މިކަން ކޮށްފަ އޮތީ މިވަގުތު ސަރުކާރަށް ކުރެވެން އޮތް އެންމެ ރަނގަޅު ގޮތަށް ކަމަށް. އަޅުގަނޑުމެން އެބަޖެހޭ އިގްތިސާދު އޮތް ހާލަތާ މެދު ވެސް ވިސްނަން،" އިކްރާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި އާ ޑިޒައިނަށް އެއަޕޯޓު ތަރައްގީ ކުރުމުން ހަރަދު ކުޑަ ކުރެވޭނެ އެވެ. ނަމަވެސް އާ ޑިޒައިނާ އެކު ހިއްކާފައިވާ ސަރަހައްދުގައި ހުރި ބައެއް ތަންތަން އެހެން ތަންތަނަށް ބަދަލުކުރަން ދާ ހަރަދު މާ ބޮޑުވާނެ ކަމަށް އެ ރަށުގެ މީހަކު ބުންޏެވެ.
"މިހާރު މި ބުނަނީ ހަރަދު ބޮޑުވާނެއޭ ކުރީ ޑިޒައިނަށް އެޅީމަ. އެކަމަކު އަޅަން ނިންމާފައިވާ މިސްކިތާއި އުރީދޫ އެންޓަނާއާއި ދަނޑުބިންތައް އެހެންތަންނަށް ބަދަލު ކުރަންޏާ ވެސް ހަމަ ހަރަދު ދާނެ. މި ތަންތަނަށް ބަދަލު ދޭން ޖެހޭނީ ވެސް ހަމަ ސަރުކާރުން،" އޭނާ ބުންޏެވެ.
"މިހާރު އޮތް ޕްލޭނަށް އަޅައިފި ނަމަ ރަށުގެ ހިއްކާފައި އޮތް ބަޔާ ލައިގެން 20 ހެކްޓަރު އެބަ ގެއްލޭ. ރަށުގެ ވަށާޖެހޭ ތަރައްގީ ހާސިލް ކުރެވޭނެ ކަމަށް ބުނެ އަޅުގަނޑުމެންނަށް ދެއްކި ޕްލޭނުގައިވާ އެއް ކަމެއް ވެސް ނުކުރެވޭނެ."
އެނގިފައިވާ ގޮތުގައި، ޕްލޭނިން މިނިސްޓްރީ އާއި ރައީސް އޮފީހަށް މިހާރު މި މައްސަލާގައި ވަނީ ޝަކުވާ ހުށަހަޅައިފަ އެވެ.
މުލި އެއާޕޯޓު އާންމު ދަތުރުތަކަށް ހުޅުވާލައިފި
މުލީ އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖައްސައިފި
މުލީ އެއާޕޯޓް ޖުލައި 26ގައި ހުޅުވަން އަމާޒު ހިފައިފި
މީމު އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށައިފި
މުލީ އެއާޕޯޓް ހަދަން 212 މިލިއަނަށް އެމްޓީސީސީއަށް
ޑޮމެސްޓިކް އެއާޕޯޓްތަކުގެ ހާލަތު އެމްއޭސީއެލްއިން ބަލަނީ
ފުވައްމުލަކު އެއާޕޯޓަށް އައްޑޫއިން ފަޔާލޮރީއެއް ގެންދަނީ
ރީޖަަނަލް އެއާޕޯޓްސްގެ އެއާޕޯޓުތައް އެމްއޭސީއެލް އަށް
މަކުނުދޫ އެއާޕޯޓާއި ބިން ހިއްކުން އެމްޓީސީސީއަށް
މަތިވެރި އެއާޕޯޓު އަޅަން ބިން ހިއްކަން ފަށައިފި