Roadha Mihaaru

މުލީ އެއާޕޯޓް ހަދަން 212 މިލިއަނަށް އެމްޓީސީސީއާ ހަވާލުކޮށްފި

މ. މުލީގައި އެއް އަހަރު ތެރޭގައި އެއާޕޯޓެއް ހަދަން އެމްޓީސީސީ އާ މިއަދު 212 މިލިއަން ރުފިޔާ އަށް ހަވާލުކޮށްފި އެވެ.

މުލީ އެއާޕޯޓް ހަދަން 212 މިލިއަނަށް އެމްޓީސީސީއަށް
ލަމްޔާ އަބްދުﷲ
ލަމްޔާ އަބްދުﷲ

28 ފެބުރުއަރީ 2021

މ. މުލީގައި އެއް އަހަރު ތެރޭގައި އެއާޕޯޓެއް ހަދަން އެމްޓީސީސީ އާ މިއަދު 212 މިލިއަން ރުފިޔާ އަށް ހަވާލުކޮށްފި އެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމް އެވެ.

މި އެއާޕޯޓްގައި 1،200 މީޓަރުގެ ރަންވޭއެއް ހަދާނެ އެވެ. މީގެ އިތުރުން ޓާމިނަލް އިމާރާތް ހެދުމާއި އެއާޕޯޓަށް ބޭނުންވާ އެހެން ވަސީލަތްތައް ގާއިމުކުރުން ވެސް މި މަޝްރޫއުގައި ހިމެނެ އެވެ.

އެއްބަސްވުމުގައި ސޮއިކުުރުމުގެ ރަސްމިއްޔާތުގައި ނެޝަނަލް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މިއީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ބައި ގަޑިއިރު ތެރޭ ކަނޑުމަގުން އެއާޕޯޓަކަށް ދަތުރުކުރެވޭނެ ގޮތް ހަދަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރާ މަސައްކަތެއް ކަމަށެވެ. މ. އަތޮޅަކީ ދަތުރުފަތުރުގެ ގޮތުން ވަރަށް އެކަހެރިކޮށް އޮންނަ އަތޮޅެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ އިތުރު ހަތަރު ރަށެއްގައި އެއާޕޯޓު ހަދަން، އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތައް ހޯދަން އިއުލާންކޮށްފައިވާ ކަމަށެވެ.

"އޭރުން [އިތުރު ހަތަރު އެއާޕޯޓު ހެދުމުން] އަޅުގަނޑުމެންނަށް ވައިގެ މަގުން ދަތުރުކުރަން ބޭނުންވާ އިންފްރާސްޓްރަކްޗާ މި ދެންނެވި ސިޔާސަތާ އެއްގޮތަށް ނިމޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ގދ. ފަރެސްމާތޮޑާގައި އެއާޕޯޓު ހެދުމުގެ މަސައްކަތް ވެސް މިހާރު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. އެ ކުންފުނީގެ ސީއީއޯ މި ރަސްމިއްޔާތުގައި ވިދާޅުވީ އަންނަ އަހަރުގެ ފެބްރުއަރީ ހިސާބުގައި މި މަސައްކަތް ނިމޭނެ ކަމަށެވެ. މި މަސައްކަތް އަހަރެއް ތެރޭގައި ނިންމަން އޮތަސް އެއަށް ވުރެ އަވަހަށް ނިމޭނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބުނަމުން މި އަންނަނީ ހިއްކައިގެން ކުރަންޖެހޭ މަސައްކަތެއް އެއް އަހަރު ދުވަހުގެ ތެރޭގައި އަޅާނަން ކަމަށާއި ހިއްކަން ނުޖެހޭ މަސައްކަތެއް އަށް މަސް ދުވަހުގެ ތެރޭގައި ކުރާނަން ކަމަށް،" އެމްޓީސީސީ އަށް ސަރުކާރުން ކުރާ އިތުބާރަށް ޝުކުރުއަދާކައްވަމުން އާޒިމް ވިދާޅުވި އެވެ.

މީގެ އިތުރުން ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރަމުން އަންނަކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެއީ މުޅި ރާއްޖެ ދަތުރުފަތުރުން ގުޅާލުމުގެ މަސައްކަތުގެ ދަށުން ހއ، ހދ. އަދި ށ. އަތޮޅު ފެރީގެ ނިޒާމަކުން ގުޅާލުމުގެ މަސައްކަތެވެ

"މިއަހަރުގެ ސެޕްޓެމްބަރު މަހު ތެރޭގައި އިރާދަކުރެއްވިއްޔާ ހއ، ހދ އަދި ށ. ގައި އަޅުގަނޑުމެންނަށް ދަތުރުފަތުކުރެވެން ފަށައިގަނެވިގެން ދާނެ،" އަސްލަމް ވިދާޅުވި އެވެ.

އުތުރުގެ ދަތުރުފަތުރުގެ ނިޒާމު ފެށުމަށް ފަހު އަންނަ އަހަރުގެ ތެރޭގައި އެހެން ޒޯނެއްގައި ފެރީގެ ނިޒާމް ގާއިމްކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.