Roadha Mihaaru
ޖަޕާނުގެ ރަމްޒީ މޮނިއުމެންޓް އަލުން ބަހައްޓައިފި

ރާއްޖެ-ޖަޕާނުގެ ގުޅުން ރަމްޒުކޮށްދޭ މޮނިއުމެންޓް އަލުން ބަހައްޓައިފި

20 ޑިސެމްބަރ 2022

ރާއްޖެ އާއި ޖަޕާނުގެ ގުޅުން ރަމްޒުކޮށްދޭ މޮނިއުމެންޓް އަލުން ބަހައްޓައި މިއަދު ހުޅުވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖެ އާއި ޖަޕާނުގެ ގުޅުން ރަމްޒުކޮށްދޭ މޮނިއުމެންޓް އަލުން ބަހައްޓައި މިއަދު ހުޅުވައިފި އެވެ.

ދެ ގައުމުން ސިޔާސީ ގުޅުން ގާއިމްކުރިތާ 55 އަހަރު ފުރުން ފާހަގަކުރުމަށް، އުސްފަސްގަނޑު ސަރަހައްދަށް ޓެޓްރާފޮޑް، ނުވަތަ އާންމު ނަމުން ނަމަ "ބަޖިޔާ ގާ" ހުޅުވައިދެއްވީ އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޓަކޭ ޝުންސުކޭ އާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

މާލޭގެ އެއްގަމު ތޮއްޓަކީ މީގެ 35 ވަރަކަށް އަހަރު ކުރިން މާލެ އަށް ފުލުފުލުގައި އެރި ބޮޑު ރާޅުތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވަނިކޮށް އެފަދަ ކާރިސާތަކުން ސަލާމަތްވުމަށް ޖަޕާނުގެ ސަރުކާރުގެ އެހީގައި ލާފައިވާ ތޮއްޓެކެވެ.

އެކަމުގެ ގުޅުން ރަމްޒުކޮށްދިނުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި، ކުރީގެ ސުނާމީ ބިނާ މައިޒާން ހުރި ސަރަހައްދުގައި ހެދި އެވެ. އެކަމަކު، ބްރިޖު މަޝްރޫއުއަށް އެ ތަން ހުސްކުރިއިރު އެ ބިނާ ވެސް ނެގީ އެވެ.

ރާއްޖެ އާއި ޖަޕާނުގެ ގުޅުން ރަމްޒުކޮށްދޭ ބިނާ އުސްފަސްގަނޑުގައި ހުޅުވައިދެއްވުމަށްފަހު، އެ ސަރަހައްދު ބައްލަވާލައްވަނީ.-- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ރާއްޖެ އާއި ޖަޕާނުގެ ގުޅުން ރަމްޒުކޮށްދޭ ބިނާ އުސްފަސްގަނޑުގައި ހުޅުވައިދެއްވުމަށްފަހު، އެ ސަރަހައްދު ބައްލަވާލައްވަނީ.-- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބައެއް މަޝްރޫއުތައް ހިންގަން އެއަށް ބައެއް ބަދަލުތައް ގެނަ އެވެ. އެކަމަކު، މިދިޔަ އޮކްޓޯބަރު މަހު ޕްލޭނިން މިނިސްޓްރީން ވަނީ އެއްގަމު ތޮށި އަޕްގްރޭޑްކުރުމަށް ސާވޭތަކެއް ކުރަން ޖަޕާނާއެކު އެއްބަސްވެފަ އެވެ.

ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) ގެ ހިލޭ އެހީގައި ގެންދާ މަސައްކަތުގެ ދަށުން މާލޭގެ އެއްގަމު ތޮއްޓާއި މާލޭގެ ފެން ހިންދާ ނިޒާމު އަޕްގްރޭޑްކުރުމާ ގުޅޭ ސާވޭތަކެއް ކުރުން ހިމެނެ އެވެ.

މިނިސްޓްރީން ބުނީ އެއްގަމު ތޮއްޓަކީ ރާއްޖޭގައި ހިންގި އުމްރާނީ ތަރައްގީގެ އެންމެ ބޮޑު އެއް މަޝްރޫ އެވެ. އަދި އެއީ، މާލޭގެ ވަށައިގެންވާ ގުދުރަތުގެ ބާރުތަކާ ދެކޮޅަށް މާލޭގެ ބޮޑު ކިއްލާ ކަމަށް ބުންޏެވެ.