Roadha Mihaaru
"ޕަމްޕްތައް ރަނގަޅު، މައްސަލަައަކީ ޑިޒައިންކުރި ގޮތް"

ޕަމްޕްތައް މަސައްކަތްކުރޭ، މައްސަލައަކީ ޑިޒައިންކޮށްފައިވާ ގޮތް: ޝާހް

01 އެޕްރީލް 2023

މާލެއަށް މިއަދު ވެހުނު ބޯ ވާރޭ ހުއްޓާލިތާ އެތައް އިރެއް ވިއިރު ވެސް މަގުތަކުން ފެން ނުހިނދެނީ ޕަމްޕުތައް ނުޖައްސާތީ ނޫން ކަމަށާއި މައްސަލަ އުޅެނީ ފެން ހިންދާ ނިޒާމް ޑިޒައިންކޮށްފައިވާ ގޮތުން ކަމަށް އެމްޑަބްލިއުއެސްސީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލެއަށް މިއަދު ވެހުނު ބޯ ވާރޭ ހުއްޓާލިތާ އެތައް އިރެއް ވިއިރު ވެސް މަގުތަކުން ފެން ނުހިނދެނީ ޕަމްޕުތައް ނުޖައްސާތީ ނޫން ކަމަށާއި މައްސަލަ އުޅެނީ ފެން ހިންދާ ނިޒާމް ޑިޒައިންކޮށްފައިވާ ގޮތުން ކަމަށް އެމްޑަބްލިއުއެސްސީން މިއަދު ބުނެފި އެވެ.

ހުއްޓާނުލާ ދެ ތިން ގަޑިއިރަށް ވުރެ ގިނަ އިރުވަންދެން ވާރޭ ވެހުމުގެ ސަބަބުން މާލޭގެ މަގުތަކުގައި ވަނީ އާދަޔާ ހިލާފަށް ބޮޑަށް ފެން ބޮޑުވެފަ އެވެ. އަދި ވާރޭ ހުއްޓާލިތާ ފަސް ގަޑިއިރަށް ވުރެ ގިނަ އިރު ވެގެންދިޔައިރު ވެސް މަގުތަކުން ފެން ނުހިނދެ އެވެ.

އެއާއެކު، އެމްޑަބްލިއުއެސްސީން ބަލަހައްޓާ ޕަމްޕުތައް މަސައްކަތްކުރޭތޯ އެތައް ބަޔަކު ސުވާލުކުރެ އެވެ. ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިހާ ގިނަ ވަގުތު ނަގާއިރު ވެސް ފެން ނުހިނދި ހުންނާނީ ޕަމްޕުތައް ނުޖައްސާ ނުވަތަ އެ އެއްޗެހި މަސައްކަތްނުކުރާތީ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އެކަމަށް ރައްދު ދެއްވައި ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ ޕަމްޕުތައް ބަރާބަރަށް މަސައްކަތްކުރާ ކަމަށެވެ. ނަމަވެސް، ފެން ހިންދުމުގައި އުނދަގޫވަނީ އޭގެ ކެޕޭސިޓީ ކުޑަވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭގައި މިހާރު ބޭނުންކުރާ ފެން ހިންދާ ނިޒާމަކީ މުއިއްޒުގެ މިނިސްޓަރުކަމުގެ ދަށުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ގެންދިޔަ މަޝްރޫއުއެކެވެ. އެ މަސައްކަތުގައި، ފެން ހިންދާ ނިޒާމު ޑިޒައިންކުރީ އެމްޑަބްލިއުއެސްސީން ވިޔަސް، އެ އެޕްރޫވްކޮށްފައިވަނީ ޕްލޭނިން އެވެ.

ޝާހު ވިދާޅުވީ އެ ނިޒާމު ޑިޒައިންކޮށްފައިވަނީ ވާރޭ ހުއްޓާލާތާ 2-3 ގަޑިއިރުގެ ތެރޭގައި ފެން ހިންދާ ގޮތަށް ކަމަށެވެ. ނަމަވެސް، އެތައް އިރެއް ވެގެން ދިޔައިރު ވެސް، ފެން ނުހިނދެނީ ކެޕޭސިޓީގެ މައްސަލައަކުން ކަމަށާއި މިހާރުގެ ކެޕޭސިޓީއަކީ ނުވަ ކިލޯވޮޓް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އުނދަގުލެއް ނެތި ފެން ހިންދުމަށް ކެޕޭސިޓީ 13 ކިލޯ ވޮޓަށް ބަދަލުކުރަންޖެހެ އެވެ.

"ޑިޒައިންކުރިއިރު މާލޭގެ ފުރާޅުތަކުން އަންނަ ފެނާއި ބޮޑުތަކުރުފާނު މަގު އަލުން ހެދިއިރު، އުސްކޮށް ހެދީމަ އެތެރެއަށް ހުރިހާ ފެންތަކެއް ދަނީ. އެއިން އެއްވެސް އެއްޗަކަށް ނުބަލާ ޑިޒައިންކޮށްފައި ހުރީ." ޝާހު ވިދާޅުވި އެވެ.

"ޑިޒައިންގެ މައްސަލަ މި އުޅެނީ."

އެކި ހިސާބުތަކުން ފެން ހިންދުމަށް 14 ޕަމްޕު ސްޓޭޝަން ހަދާފައިވެ އެވެ. އަމީނީ މަގުގައި މިހާރު ކޮނެފައި ހުރި ސަރަހައްދު ނޫން އެހެން ހުރިހާ ޕަމްޕެއް ރަނގަޅަށް މަސައްކަތްކުރާ ކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުންޏެވެ.

ޕަމްޕު ސްޓޭޝަންތައް ބެލެހެއްޓުމަށް އެމްޑަބްލިއުއެސްސީ އާއި ޕްލޭނިން މިނިސްޓްރީއާ ދެމެދު ހަދާފައިވާ އެގްރިމެންޓު ވެސް ވަނީ މިދިޔަ ނޮވެމްބަރު މަހު ހަމަވެފަ އެވެ. ނަމަވެސް، ޝާހު ވިދާޅުވީ މިނިސްޓްރީން އެދިގެން އެ މުއްދަތު މިދިޔަ ޑިސެމްބަރު މަހަށް އިތުރުކޮށްފައިވާ ކަމަށެވެ. އެއްބަސްވުމެއް ނެތް ނަމަވެސް، ޕަމްޕު ސްޓޭޝަންތައް ބަލަހައްޓަނީ އެ ކުންފުނިންނެވެ.

"އެއްބަސްވުމާ ގުޅޭގޮތުން މިނިސްޓްރީއާއެކު ބައްދަލުވުމެއް ބާއްވައިފިން. އަޅުގަނޑުމެން އެދިފައިވާނީ މަގުތަކުގެ ތަފްސީލުތައް ދިނުމަށް." ޝާހު ވިދާޅުވި އެވެ.