Roadha Mihaaru
މާފުށީގެ ނަރުދަމާ ނިޒާމު އަޕްގްރޭޑްކުރުމުގެ މަސައްކަތް ފަށަނީ

މާފުށީގެ ނަރުދަމާ ނިޒާމު އަޕްގްރޭޑްކުރުމުގެ މަސައްކަތް ފަށަނީ

02 އެޕްރީލް 2023

ކ. މާފުށީގެ ނަރުދަމާ ނިޒާމު އަޕްގްރޭޑްކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އެމްޑަބްލިއުއެސްސީން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކ. މާފުށީގެ ނަރުދަމާ ނިޒާމު އަޕްގްރޭޑްކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އެމްޑަބްލިއުއެސްސީން މިއަދު ބުނެފި އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް އިއްޔެ މާފުއްޓަށް ކުރެއްވި ދަތުރާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ފެން ބިލްޑިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

މާފުށީގެ ނަރުދަމާ ނިޒާމު އަޕްގްރޭޑްކުރާނެ ކަމުގެ ޔަގީންކަން އަޅުގަނޑު ރައްޔިތުންނަށް އަރުވަން ބޭނުން. އެކަމަށްޓަކައި އަޅުގަނޑުމެންގެ ޕްލޭންތަކެއް ވެސް އެބަހުރި. އެކިއެކި ޕްރޮޕޯސަލްތައް ވެސް އެބަހުރި: ޝާހް

ޝާހް ވިދާޅުވީ މާފުއްޓަށް ކުރެއްވި ދަތުރުގައި އެ ރަށު ރައްޔިތުންނާއި ވިޔަފާރިވެރިންނާ ބައްދަލުކޮށް، ނަރުދަމާ ނިޒާމުގެ ހުރި ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި ކަމަށެވެ. މާފުއްޓަކީ މިހާރު ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސް ވިޔަފާރި ވެސް ކުރަމުން އަންނަ ރަށަކަށް ވާތީ މިހާރު ހަދައިފައި ހުރި ނިޒާމަށް އޯވާލޯޑް ހިދުމަށް ދިނުމަށް ދަތިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މާފުށީގެ ނަރުދަމާ ނިޒާމު އަޕްގްރޭޑްކުރާނެ ކަމުގެ ޔަގީންކަން އަޅުގަނޑު ރައްޔިތުންނަށް އަރުވަން ބޭނުން. އެކަމަށްޓަކައި އަޅުގަނޑުމެންގެ ޕްލޭންތަކެއް ވެސް އެބަހުރި. އެކިއެކި ޕްރޮޕޯސަލްތައް ވެސް އެބަހުރި،" ޝާހް ވިދާޅުވި އެވެ.

"އެހެން ނަމަވެސް، އަޅުގަނޑުމެންނަށް އެކަން ކުރެވެން އަންނަނީ ފައިނޭންޝިއަލީ ވެސް އެކަމަށް ތައްޔާރުވެގެން. މިއިން ކޮންމެ ކަމަކީ ބޮޑެތި ގޮންޖެހުންތަކާއެކު ކުރިއަށް ގެންދަން ޖެހޭ ކަންކަން."

އެ ރަށުގައި މިހާރު ބޭނުންކުރަމުން އަންނަ ނަރުދަމާގެ ނިޒާމު ހެދީ 2007 ވަނަ އަހަރު އެވެ.

މާފުށީގެ ނަރުދަމާ ނިޒާމު އަޕްގްރޭޑް ކުރާނެ ކަމަށް ސަރުކާރުން ބުނިއިރު، އެ ރަށް ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އަންނަ މަހުގެ 15 ގައި ބާއްވަން އަންނަނީ ތައްޔާރުވަމުންނެވެ. އެ އިންތިހާބާ ދިމާކޮށް މާފުށިން ގޯތި ދޫކުރަން ވެސް މިދިޔަ ހަފުތާގައި ވަނީ އިއުލާންކޮށްފަ އެވެ. އެ ދާއިރާގައި ހިމެނޭ ގުޅީގެ ބިން ހިއްކަން ވެސް މިދިޔަ މަހު އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ތިން ކެންޑިޑޭޓުން ވާދަކުރެ އެވެ. އެއީ އެމްޑީޕީގެ ޓިކެޓުގައި ބައި-އިލެކްޝަންގައި ވާދަކުރައްވާ އިބްރާހިމް ޝާޒެވެ. ޕީޕީއެމްގެ ޓިކެޓު ލިބިވަޑައިގަތީ ރިޒާގެ ކޮއްކޮ، ހުސެއިން ރިޒާއަށެވެ. އެމްއެންޕީގެ ފަރާތުން ބައި-އިލެކްޝަންގައި ވާދަކުރައްވަނީ އެ ރަށު، އަލީ އަރީފެވެ. އޭނާއަކީ އެ ރަށު ސްކޫލުގެ ކުރީގެ ލީޑިން ޓީޗަރެކެވެ.