Roadha Mihaaru
ޕަމްޕުތައް މަރާމާތުކޮށް، ފެންބޮޑުވުން ހައްލުކުރަނީ

ޕަމްޕުތައް މަރާމާތުކޮށް، ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރަނީ

04 ނޮވެމްބަރ 2018

މާލޭގެ މަގުތަކުގައި ފެން ބޮޑުވުން ހައްލުކުރަން އެކި ސަރަހައްދުތަކުގައި ބެހެއްޓި ޕަމްޕުތައް އަލުން މަރާމާތު ކުރުމުގެ މަސައްކަތް އަނެއްކާވެސް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާލޭގެ މަގުތަކުގައި ފެން ބޮޑުވުން ހައްލުކުރަން އެކި ސަރަހައްދުތަކުގައި ބެހެއްޓި ޕަމްޕުތައް އަލުން މަރާމާތު ކުރުމުގެ މަސައްކަތް އަނެއްކާވެސް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފި އެވެ.

ވާރޭ ވެހުމާ އެކު، މާލޭގެ އެކި މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރަން 34 މިލިއަން ރުފިޔާ ހަރަދުކުރި މަޝްރޫއު، މީގެ ކުރިން ވެސް ހަވާލުކުރީ އެމްޑަބްލިއުއެސްސީއާ އެވެ. ހަތަރު ފިޔަވައްސަކަށް ބަހާލައިގެން 2014 ގައި ފެށި އެ މަޝްރޫއު ނިމުން ކައިރިވިއިރު ވެސް މައްސަލަ ހައްލެއް ނުވި އެވެ. އެއީ، ފެން ހިންދަން ބެހެއްޓި ޕަންޕުތަކަށް ބަޔަކު ގެއްލުން ދިނުމުން ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު މުއިއްޒު މިދިޔަ ބުރާސްފަތިދުވަހު "މިހާރު" އަށް ވިދާޅުވީ އެ މަޝްރޫއުގެ ދެ ފިޔަވަހި ނިމުނުއިރު، މައްސަލަ އަށް އެކަށީގެންވާ ހައްލެއް ލިބުނު ކަމަށެވެ. ކާނުތަކުގައި މައްސަލައެއް ދިމާނުވާ ނަމަ، މަގުތަކުގައި ފެންބޮޑުވާތާ ގާތްގަނޑަކަށް ދެތިންގަޑިއިރު ތެރޭގައި ފެން ހިނދޭ ކަމަށް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، އެ މަޝްރޫއު ފެށުމުގެ ކުރިން، ފެން ހިނދެން ގާތްގަނޑަކަށް ދެ ދުވަސް ވެސް ނަގަ އެވެ. އެހެންކަމުން، އެ މަޝްރޫއުން ރަނގަޅު ހައްލެއް ހޯދުނު ކަމަށް ވިދާޅުވި އެވެ.

ފަހުން މައްސަލަ ދިމާވީ، މިނިސްޓަރު ތަކުރާރު ކުރެއްވި ގޮތުގައި، މާލޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓި ޕަމްޕްތަކަށް ބަޔަކު ގަސްތުގައި ގެއްލުން ދިނުމުންނެވެ. ސުވިޗު ބޯޑުތައް ހަލާކުކޮށް، ކޭބަލްތައް ބުރިކޮށްލާފައި ހުރި ފޮޓޯތަކާ އެކު އެއީ ގަސްތުގައި ކުރި ކަމެއް ކަމުގެ މައުލޫމާތު ވެސް ލިބިވަޑައިގެންނެވި ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އެ ކަން ރަނގަޅުކޮށް، ޕަމްޕްތައް މަރާމާތު ކުރުން އެމްޑަބްލިއުއެސްސީއާ އަލުން ހަވާލުކޮށްފައި ވާނީ. މާ ލަހެއް ނުވެ މައްސަލަ ހައްލުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު ޑރ.މުއިއްޒު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. - ފޮޓޯ/މިހާރު

ހައުސިން މިނިސްޓަރު ޑރ.މުއިއްޒު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. - ފޮޓޯ/މިހާރު

މުއިއްޒު ވިދާޅުވީ ބޯކޮށް ވާރޭވެހިއްޖެ ނަމަ، މާލޭގެ ބައެއް ސަރަހައްދުތަކުގައި އާދަޔާ ޚިލާފަށް ފެންބޮޑުވަނީ، އެ ސަރަހައްދުތައް އަޑިކޮށް އޮންނާތީ ކަމަށެވެ. އެމްޑަބްލިއުއެސްސީއާ ހަވާލުކުރީ މާލޭގެ އެކި ސަރަހައްދުތަކުގައި ޖުމްލަ 15 ޕަމްޕު ބެހެއްޓުމަށެވެ. މި މަޝްރޫއުގެ ހަތަރު ވަނަ ފިޔަވަހީގެ މަސައްކަތް އަދިވެސް ކުރިއަށް އެބަދެ އެވެ.

ފެން ހިންދުމުގެ މަޝްރޫއު ފެށިއިރު ވެސް، މާލޭގެ އެކި ސަރަހައްދުތަކުގައި ޕަންޕުތައް ބަހައްޓައިގެން ފެން ހިއްކުމާއި ކާނުތައް ސާފުކުރުމަކީ މި މައްސަލައަށް އޮތް ދާއިމީ ހައްލެއް ނޫން ކަމަށް ސަރުކާރުން ބުންޏެވެ. މިކަން މުޅިން ހައްލުވާނީ މަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ކަމާއި އެ މަސައްކަތް ބޭރުގެ ބަޔަކާ ހަވާލުކޮށްގެން ވަރަށް އަވަހަށް ކުރާނެ ކަމަށް ހައުސިން މިނިސްޓްރީން އޮތީ ބުނެފަ އެވެ.