Roadha Mihaaru
މާލޭ މީހުންނަށް ގޯތިދޭން ބިމެއް ހިއްކަނީ

މާލޭ މީހުންނަށް ގޯތިދޭން ބިމެއް ހިއްކަނީ

10 މާޗް 2021

މާލޭ ރައްޔިތުންނަށް ގޯތި ދޭން އިތުރު ބިމެއް ހިއްކުމުގެ ޕްލޭނެއް އެބަ އޮތް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މާލޭ ރައްޔިތުންނަށް ގޯތި ދޭން އިތުރު ބިމެއް ހިއްކުމުގެ ޕްލޭނެއް އެބަ އޮތް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލު ކުރުމުގެ ވަގުތުގައި މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ކުރެއްވި ސުވާލަކަށް ހައުސިން މިނިސްޓަރު އަސްލަމް ދެއްވި ޖަވާބެއްގައި ވިދާޅުވީ ގޯތި ދޫކުރުމާ ބެހޭ ގޮތުން މިދިޔަ ހަފުތާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްކެވި ވާހަކަފުޅުގައި ހިމެނޭ މަޝްރޫއު އިއުލާނު ކުރައްވާނީ ރައީސް ކަމަށެވެ.

ނަމަވެސް އެއީ އިތުރު ބިމެއްގެ ވާހަކަ ކަމަށް އަސްލަމް ވިދާޅުވި އެވެ. ގޯތި ދޫކުރުމުގެ ވާހަކަ ވަކި މަޝްރޫއެއްގެ ގޮތުގައި ރައީސް އަދި އިއުލާނު ނުކުރައްވަނީ، އަސްލަމް ވިދާޅުވި ގޮތުގައި، އަދި އެ ހިސާބަށް އެ މަސައްކަތް ކުރިއަށް ނުދާތީ އެވެ.

"އެހެން ނަމަވެސް ވަކި ހިސާބަކަށް އާދެވުނީމާ އެ ވާހަކަ އެ ވިދާޅުވެފައި އެ އޮތީ. އެހެންވީމާ މާފާ އެކީ ދަންނަވަން. އެހެންވީމާ އިތުރު ބިމެއްގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ. އެ ބިމާ އެކީގައި އިތުރު ގޯތީގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ އަސްލު،" އަސްލަމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ  ޖަލްސާއެއްގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ހައުސިން މިނިސްޓަރު އަސްލަމް ޖަވާބު ދެއްވަނީ.---ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ހައުސިން މިނިސްޓަރު އަސްލަމް ޖަވާބު ދެއްވަނީ.---ފޮޓޯ: މަޖިލިސް

އަސްލަމްގެ ޖަވާބަށް ފަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެކަމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވައިފަ އެވެ. ނަޝީދު ވިދާޅުވީ ބިން ހިއްކަން އައިއެންޖީ ބޭންކުން ލޯނެއް ނަގަަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އައިއެންޖީ ބޭންކަކީ ރާއްޖޭގައި ބިން ހިއްކުމުގެ މަޝްރޫއުތައް ހިންގާފައިވާ ބޮސްކާލިސް އެ ގައުމަކަށް ނިސްބަތްވާ ނެދަލޭންޑްސްގެ ބޭންކެކެވެ. ބޮސްކާލިސް އަކީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ނަޝީދު ރައީސަކަށް ހުންނެވި އިރު ގުޅިފަޅާއި ރާއްޖޭގެ ބައެއް ރަށްރަށް ހިއްކުމުގެ މަޝްރޫއުތައް ހަވާލުކުރި ކުންފުންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ މ ޖަލްސާއެއްގެ ރިޔާސަތު ނަޝީދު ބަލަހައްޓަވަނީ.

ރައްޔިތުންގެ މަޖިލީހުގެ މ ޖަލްސާއެއްގެ ރިޔާސަތު ނަޝީދު ބަލަހައްޓަވަނީ.

"ހިއްކުމަށްޓަކައި ބޭނުންވާ ލޯނު އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތީ އެ ލޯނު އައިއެންޖީ ބޭންކުން ނެގުމަށް ސަރުކާރުން މަސައްކަތްކުރަމުން ދަނީ. އެ ލޯނު ލިބުނުހާ އަވަހަކަށް އެތަން ހިއްކޭނެ ކަމަށް ވަނީ. ހިއްކުނީމާ ހަމަ ބިން ކަނޑާފައި އިރާދަކުރެއްވިއްޔާ ދެވޭނެ ކަމަށް ވަނީ،" ނަޝީދު ވިދާޅުވި އެވެ.

މާލޭ މީހުންނަށް ގޯތި ދޭން ބިން ހިއްކަން ނިންމާފައި މި ވަނީ މާލޭ މީހުންނަށް ގޯތި ނުލިބޭ މައްސަލާގައި ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

ތިލަފުއްޓާއި ގުޅިފަޅު މާލެއާ ގުޅުވާލައި ގުޅިފަޅުގައި ވިޔަފާރި ބަނދަރެއް ހަދަން ސަރުކާރުން މިހާރު ހިންގާ މަޝްރޫއުގައި ގުޅިފަޅު ހިއްކުމުގެ މަސައްކަތް ވެސް ބޮޑު އަގަކަށް ހަވާލުކޮށްފައި އޮތީ ބޮސްކާލިސް އަށެވެެ. ޑަޗް އައިއެންޖީ ބޭންކުން ލޯނު ނަގާއިރު އެގައުމުގެ ކުންފުންޏަކާ މަސައްކަތް ހަވާލުކުރަން ޝަރުތުކުރެ އެވެ.