Roadha Mihaaru
ރަށްރަށް ހައްތާ ގޯސްވަނީ: މައްސަލައަކީ ޓެސްޓު ނުކުރުން

ޓެސްޓު ނުކުރުން: ރަށްރަށުގައި ހަލުވިކަމާއެކު ކޮވިޑް ފެތުރޭ މައިގަނޑު ސަބަބު

28 އެޕްރީލް 2021

ރާއްޖޭގެ ގިނަ ރަށްތަކެއްގައި މިހާރު ކޮވިޑް-19 ފެތުރެމުން ދާއިރު، ބަލީގެ އަލާމާތްތައް ހުުރެގެން ޓެސްޓު ނުކުރުމަކީ އެހާ ހަލުވި ކަމާއެކު އެ ބަލި ފެތުރުމުގެ އެއް ސަބަބު ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރާއްޖޭގެ ގިނަ ރަށްތަކެއްގައި މިހާރު ކޮވިޑް-19 ފެތުރެމުން ދާއިރު، ބަލީގެ އަލާމާތްތައް ހުުރެގެން ޓެސްޓު ނުކުރުމަކީ އެހާ ހަލުވި ކަމާއެކު އެ ބަލި ފެތުރުމުގެ އެއް ސަބަބު ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

މާލެ ފިޔަވައި ރާއްޖޭގެ ގިނަ ރަށްތަކެއްގައި ކޮވިޑްގެ ބިރު މިހާރު އޮތް އިރު، ބައެއް ރަށްތަކުގައި ވަރަށް ހަލުވިކަމާއެކު ދަނީ އެ ބަލި ފެތުރެމުންނެވެ. އއ. މަތިވެރިން ބަލި ފެނުނުތާ އެންމެ ހަތަރު ވަރަކަށް ދުވަހުގެ ތެރޭގައި އެ ރަށުގެ 90 އަށް ވުރެ ގިނަ މީހުންނަށް ވަނީ ބަލި ޖެހިފަ އެވެ. ބ. އޭދަފުއްޓާއި ކ. މާފުށީގައި ވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުޅި ރަށަށް ބަލި ފެތުރުނެވެ.

އެޗްއީއޯސީގެ އެޓޯލް ޕްރިޕެއާޑްނެސްގެ ފަރާތުން ވާހަކަ ދެއްކެވި، ހެލްތު ހެލްތް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އަބްދުﷲ މައުރޫފް ވިދާޅުވީ، ރަށްރަށުގައި މިހާ ހަލުވިކަމާއެކު ބަލި ފެތުރުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ބަލީގެ އަލާމާތްތައް ހުރި ނަމަވެސް، ޑޮކްޓަރަށް ދައްކައި ޓެސްޓު ނުހެދުން ކަމަށެވެ. ބައެއް މީހުން އެކަން ނުކުރަނީ ޕޮޒިޓިވް ވެދާނެ ކަމުގެ ބިރަށެވެ. އަނެއް ބަޔަކު، މައުރޫފް ވިދާޅުވި ގޮތުގައި، އެ ބަލި މާ އާދައިގެ ގޮތަކަށް މިހާރު ނަގަނީ އެވެ.

ކޮވިޑަކީ ވަރަށް އާދައިގެ އަލާމާތްތަކަކާއެކު ވެސް ޖެހިފައި ހުރެދާނެ ބައްޔެކެވެ. ބަލި ޖެހިފައި ހުރިކަން ނޭނގި، މީހުން ގިނައިން އެއްވެ އުޅޭ ތަނަކަށް ގޮސްފި ނަމަ، އޭގެ ބިރު އެންމެންނަށް ވެސް އެބަ އޮތެވެ.

މިހާރު ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާ ބައެއް ރަށްރަށުގެ މީހުންނާ "މިހާރު"ން ސުވާލު ކުރުމުން އެ މީހުން ވެސް އެންމެ ބޮޑަށް ކުރި ޝަކުވާ އަކީ އެއީ އެވެ.

އެޗްއީއޯސީގެ އެޓޯލް ޕްރިޕެއާޑްނެސްގެ ފަރާތުން ވާހަކަ ދެއްކެވި، ހެލްތު ހެލްތް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އަބްދުﷲ މައުރޫފް ވިދާޅުވީ، ރަށްރަށުގައި މިހާ ހަލުވިކަމާއެކު ބަލި ފެތުރުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ބަލީގެ އަލާމާތްތައް ހުރި ނަމަވެސް، ޑޮކްޓަރަށް ދައްކައި ޓެސްޓު ނުހެދުން ކަމަށެވެ.

"ބައެއް މީހުން ބަލިވެ އުޅޭއިރު އެބަދޭ މިސްކިތަށް ވެސް. ކަރަންޓީނުގައި ތިބޭ މީހުންނާ އެކު އުޅެފައި ވެސް އެބަ ބޭރަށް ނުވަތަ މިސްކިތަށް ދޭ. ޓެސްޓެއް ނުހަދާ،" އއ. މަތިވެރީގެ މީހަކު ބުންޏެވެ.

އޭނާ ލަފާކުރި ގޮތުގައި އެ ރަށުގައި ވެސް އެހާ އަވަހަށް ބަލި ފެތުރުމުގެ މައިގަނޑު ސަބަބަކީ އެއީ އެވެ. މީހެއްގެ ފަރާތުން ބަލި ފެނިގެން ރަށުތެރެއިން ސާމްޕަލް ނަގާއިރު ގިނަ ބަޔަކަށް ތިބެނީ ބަލި ޖެހިފަ އެވެ.

ބައެއް ރަށްރަށުގައި ކޮވިޑްގެ ރެންޑަމް ސާމްޕަލް ހެދުމަށް ވެސް މީހުން އިންކާރު ކުރެ އެވެ.

ޓެސްޓު ނުކުރުމުގެ އިތުރުން، ދެން ރަށްރަށުގައި މިހާ ބޮޑަށް ކޭސްތައް ގިނަވި އެހެން ސަބަބުތަކުގެ ގޮތުގައި މައުރޫފް ފާހަގަ ކުރެއްވީ، މި މަހުގެ ކުރީކޮޅު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި މި ރޯދަމަހަށް ހާއްސަ ކޮށްގެން، ރަށްރަށަށް ދަތުރުކޮށް މީހުންގެ ހޭލަމޭލަ މާބޮޑަށް އިތުރުވުމެވެ.

މި މަހުގެ 10 ގައި ބޭއްވި ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިނަށް މީހުން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރި އެވެ. މާލެ އިން މީހުން ރަށްރަށަށް ނުދިޔަ ނަމަވެސް އަތޮޅު ކައުންސިލަށް މީހުން ހޮވުމަށް، އަތޮޅު ތެރޭގައި ގިނަ ދަތުރުތަކެއް ކުރި އެވެ. އެ ހާލަތުގައި ކަރަންޓީނު ނުވެ، ވޯޓު ލާން ގިނަ ބަޔަކު ދިޔަ އެވެ. އަދި އެ އިންތިހާބަށް އެޗްޕީއޭ އިން ވެސް ކަރަންޓީން ވުމުގެ އުސޫލަށް ބޮޑު ލުޔެއް ދީފަ އެވެ.

ޓެސްޓު ނުކުރުމުގެ އިތުރުން، ދެން ރަށްރަށުގައި މިހާ ބޮޑަށް ކޭސްތައް ގިނަވި އެހެން ސަބަބުތަކުގެ ގޮތުގައި މައުރޫފް ފާހަގަ ކުރެއްވީ، މި މަހުގެ ކުރީކޮޅު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި މި ރޯދަމަހަށް ހާއްސަ ކޮށްގެން، ރަށްރަށަށް ދަތުރުކޮށް މީހުންގެ ހޭލަމޭލަ މާބޮޑަށް އިތުރުވުމެވެ.

ތ. އަތޮޅުގެ ގިނަ ރަށްތަކަކަށް ކޮވިޑް ފޯރި ސަބަބަކީ ވެސް ރޯދަމަހަށް ތަކެތި ގަތުމަށް، އެ އަތޮޅު ވޭމަންޑު އަށް ގިނަ ބަޔަކު ދަތުރުކުރުމެވެ. އަތޮޅުގެ މައި ރަށަށް، ކޮންމެ ދުވަހަކު ވެސް ގިނަ ބަޔަކު ފެރީގައި ދިޔަ އެވެ. އޭރު އެ ރަށުގައި ކޮވިޑް ވަރަށް ބޮޑަށް ފެތުރިފައި އޮތެވެ. ނަތީޖާއަކަށް ވީ، މަދު ދުވަސްކޮޅެއްގެ ތެރޭގައި އެ އަތޮޅުގެ ނުވަ ރަށަކުން ކޮވިޑް ފެނި، އަރާ ފޭބުން މަނާކުރަން ޖެހުމެވެ.

ރާއްޖޭގެ ގިނަ ރަށްތަކެއްގައި މިހާރު ކޮވިޑް ފެތުރި، މޮނިޓަރިންއަށް ލާފައިވާ އިރު، ބައްޔާ މެދު ސަމާލުވުމަށް އެޗްއީއޯސީން އެދެ އެވެ. ބޭރަށް ނުކުމެ އުޅުން މަދުކުރުމާއި ކިރިޔާ ވެސް ބަލީގެ އަލާމާތެއް ހުރި ނަމަ ޓެސްޓުކޮށް ސާމްޕަލް ނެގުމަކީ އެންމެންނަށް ވެސް އޮތް ރައްކަލެއް ކަމަށް އެތަނުން ބުންޏެވެ.