Roadha Mihaaru
ރަށްރަށުގައި ކޮވިޑްގެ 900 އަށް ވުރެ ގިނަ ކޭސް!

މިއީ މިހާތަނަށް ރަށްރަށުގައި ކޮވިޑް އެންމެ ގިނަ ދުވަސްވަރު: ޑރ. ނަޒްލާ

05 އެޕްރީލް 2021

ރަށްރަށުގައި މި ދުވަސްވަރު 900 އަށް ވުރެ ގިނަ، ކޮވިޑް-19 އެކްޓިވް ކޭސްތައް އުޅޭ ކަމަށާއި މިއީ މިހާތަނަށް ރަށްރަށުގައި އެކްޓިވް ކޭސް އެންމެ ގިނަ ދުވަސްވަރު ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ރަށްރަށުގައި މި ދުވަސްވަރު 900 އަށް ވުރެ ގިނަ، ކޮވިޑް-19 އެކްޓިވް ކޭސްތައް އުޅޭ ކަމަށާއި މިއީ މިހާތަނަށް ރަށްރަށުގައި އެކްޓިވް ކޭސް އެންމެ ގިނަ ދުވަސްވަރު ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ރޭގެ މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ރާއްޖޭގައި މި ވަގުތު ކޮވިޑަށް ފަރުވާ ހޯދާ 3،049 މީހުން ތިބި އިރު، 65 ރަށެއްގައި އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ 925 މީހަކު އެބަތިިބި ކަމަށެވެ.

"މިހާތަނަށް އަޅުގަނޑުމެންނަށް އަތޮޅު ތެރޭގައި ނުފެންނަހާ ގިނަ އެކްޓިވް ކޭސްތައް އެބަހުރި،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ކޮވިޑް-19 އަށް ކޮންމެ ދުވަހަކު ޕޮޒިޓިވްވަމުން އަންނަ މީހުންނާ ގުޅޭ ތަފާސްހިސާބު

ބަލީގެ އަލާމާތް ހުރެގެން އެ ރަށެއްގެ ހެލްތު ސެންޓަރަށް ރިޕޯޓްކުރުމުން ސާމްޕަލް ދޭން ކޮންމެވެސް ވަރަކަށް ދެކޮޅު ހަދާ. އޭގެ ނަތީޖާއަކަށް ވެގެން ދަނީ، ސާމްޕަލް ނުނެގޭ ކަމަށް ވާ ނަމަ، މިސާލަކަށް އެއީ ޕޮޒިޓިވް ކޭހަކަށް ވެ، ސާމްޕަލް ނުނެގި ދޫކޮށްލެއްވިޖެ ނަމަ، މުޅި ރަށަށް އެ ދަނީ ސްޕްރެޑް ވެގެން،" - އޮޓޮލް ޕްރިޕެއާޑްނެސް ޓީމް، އަބްދުﷲ މައުރޫފް

ރަށްރަށުގައި ކޮވިޑަށް ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވެފައިވާ އިރު، އެ ބަލި ފެތުރުން ހުއްޓުވުމަށްޓަކައި 17 ރަށަކަށް އަރައިފޭބުން މިވަގުތު މަނާކޮށްފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

އެއީ ށ. މަރޮށި، ނ. ހޮޅުދޫ، ރ. ހުޅުދުއްފާރު، ރ. އަލިފުށި، ރ. މާކުރަތު، ޅ. ހިންނަވަރު، ޅ. ނައިފަރު، ޅ. ކުރެންދޫ، ޅ. އޮޅުވެލިފުށި، ޅ. ފެލިވަރު، ކ. ހުރާ، ކ. ދިއްފުށި، އދ. މާމިގިލި، އދ. މަހިނބަދޫ، ވ. ތިނަދޫގެ އިތުރުން ދ. ކުޑަހުވަދޫ އަދި އެ އަތޮޅު މީދު އެވެ.

ޑރ. ނަޒްލާ ވިދާޅުވިގޮތުގައި ގދ. ތިނަދު އަށް އަރައިފޭބުން މިހާރު ވަނީ ހުއްދަ ކޮށްފަ އެވެ.

އެޓޮލް ޕްރިޕެއަޑްނެސް ޓީމުގެ ފަރާތުން އަބްދުﷲ މައުރޫފް ވިދާޅުވީ، ގިނަ ރަށްރަށުގައި ބޮޑެތި ކްލަސްޓާތަކެއް މިވަގުތު އުފެދިފައިވާ ކަމަށެވެ. އޭގެ ތެރެއިން އެންމެ ގިނަ ޕޮޒިޓިވް ކޭސް ފެނިފައި ވަނީ ފެލިވަރުންނެވެ. އެއީ 347 ކޭހެވެ. ކޮންޓެކްޓުންގެ ގޮތުގައި އެ ރަށުން 550 މީހުން ފާހަގަވެފައިވާއިރު، 650 ސާމްޕަލް ނަގާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ނައިފަރުގައި 179 އެކްޓިވް ކޭސް މިވަގުތު އުޅޭ ކަމަށާއި އެ ރަށުން 1،260 ސާމްޕަލް ނަގާފައިވާ ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ. ކ. ހުރާގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 138 އެވެ. އެ އަތޮޅު ދިއްފުށީގަައި ކޮވިޑް ބަލީގެ 105 މީހަކު މިހާރު އެބައުޅެ އެވެ. ޅ. ހިންނަވަރުގެ އަދަދަކީ 35 އެވެ.

ހަލުވިކަމާ އެކު ރަށްރަށުގައި ކޮވިޑް ފެތުރޭ އެއް ސަބަބަކީ އެ ބަލީގެ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި ނަމަވެސް ސާމްޕަލް ނަގަން ބައެއް މީހުން ދެކޮޅު ހަދާތީ ކަމަށް މައުރޫފް ވިދާޅުވި އެވެ.

"ބަލީގެ އަލާމާތް ހުރެގެން އެ ރަށެއްގެ ހެލްތު ސެންޓަރަށް ރިޕޯޓް ކުރުމުން ސާމްޕަލް ދޭން ކޮންމެވެސް ވަރަކަށް ދެކޮޅު ހަދާ. އޭގެ ނަތީޖާއަކަށް ވެގެން ދަނީ، ސާމްޕަލް ނުނެގޭ ކަމަށް ވާ ނަމަ، މިސާލަކަށް އެއީ ޕޮޒިޓިވް ކޭހަކަށް ވެ، ސާމްޕަލް ނުނެގި ދޫކޮށްލެއްވިޖެ ނަމަ، މުޅި ރަށަށް އެ ދަނީ ސްޕްރެޑް ވެގެން،" އޭނާ ވިދާޅުވި އެވެ.

އެހެންވެ، ރަށުގެ ކްލަސްޓާތައް ވަރަށް ބޮޑު ކަމަށާއި ރަށުގައި ކޮވިޑް ނެތް ކަމަށް ބަލައިގެން ޓެސްޓުކުރަން ފަސްނުޖެހުމަށް މައުރޫފް އެދިވަޑައިގަތެވެ.

ޑރ. ނަޒްލާ ވިދާޅުވިގޮތުގައި މިދިޔަ ހަފުތާގެ ބައެއް ދުވަސްތަކުގައި އާދަޔާ ހިލާފަށް ކޮވިޑް އިތުރުވީ، ރަށްރަށުގައި ގިނަ ކޭސްތަކެއް އުޅޭއިރު، ސާމްޕަލް ޕްރޮސެސް ނުކުރެވި ލަސްވުމާއި އެޗްޕީއޭގެ ސިސްޓަމްތައް ޑައުން ވުމުންނެވެ. ނަމަވެސް ޓެސްޓް ނުކުރެވި ހުރި ގިނަ ސާމްޕަލްތަކުގެ އަދަދު މިހާރު ވަރަށް ބޮޑަށް ދަށްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާތަނަށް ރާއްޖެއިން 24،783 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައި ވެ އެވެ. އެކްޓިވް ކޭސް ގިނަ ނަމަވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަން ޖެހޭ މީހުންގެ އަދަދު ވަނީ ދަށްވެފަ އެވެ. މިވަގުތު އެކި ހޮސްޕިޓަލްތަކުގައި 83 މީހަކަށް ފަރުވާ ދިން ނަމަވެސް، އައިސީޔޫގެ ފަރުވާގައި ތިބީ ހަ މީހެކެވެ. ވެންޓިލޭޓަރުގައި ފަރުވާ ދެނީ އެންމެ މީހަކަށެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް 67 މީހަކު މަރުވެފައި ވެ އެވެ.