Roadha Mihaaru
އެގްރޯ ކުންފުންޏަށް 1،500 ދަނޑުވެރިންގެ ތަރުހީބު

އެގްރޯ ކުންފުންޏަށް 1،500 ދަނޑުވެރިންގެ ތަރުހީބު

21 އެޕްރީލް 2021

ސަރުކާރުގެ އިގްތިސާދީ ސިޔާސަތުގެ ދަށުން އުފެއްދި އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯ ނެޓް) އަށް މި ފާއިތުވީ ކާމިޔާބު އަހަރެއް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ސަރުކާރުގެ އިގްތިސާދީ ސިޔާސަތުގެ ދަށުން އުފެއްދި އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯ ނެޓް) އަށް މި ފާއިތުވީ ކާމިޔާބު އަހަރެއް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އަހަރީ ދުވަހާ ގުޅިގެން އެގްރޯ ނެޓުން ނެރުނު ނޫސް ބަޔާނެއްގައި ބުނިގޮތުގައި އެ ކުންފުންޏަށް ވިއްކާ ގޮތަށް ތަކެތި ހައްދައިދިނުމަށް، ފާއިތުވި އަހަރު ތެރޭ، 1،500 އަށް ވުރެ ގިނަ ދަނޑުވެރިން ވަނީ ފޯމު ހުށަހަޅައިފަ އެވެ. މީގެ ތެރެއިން 400 ދަނޑުވެރިންނާ އެކު މިހާތަނަށް އެއްބަސްވުން ހަދާފައިވާއިރު 684 ދަނޑުވެރިންނާ އެކު ސޮއި ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެގްރޯ ނެޓް އުފެއްދުމާ އެކު އެ ކުންފުނިން ވަނީ ކޮންޓްރެކްޓް ފާމިން ރާއްޖެ އަށް ތައާރަފު ކޮށްފަ އެވެ. މިއީ ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކޮށް، އިގްތިސާދީ ވަސީލަތްތައް ހޯދައި ތަރައްގީ ކުރުމަށްޓަކައި ގައުމީ ފެންވަރުގައި ފެށި ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ދަށުން އެ ކުންފުނިން ވަނީ 45 ރަށެއް އިހްތިޔާރުކޮށް އޭގެ ތެރެއިން އެގްރީމެންޓު ހަދާފައިވާ ރަށްތަކުގައި ދަނޑުވެރިކަމުގެ އަމަލީ މަސައްކަތް ފަށައިފަ އެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމުގައި އެ ކުންފުނިން ވަނީ 17 ބާވަތެއް ކަނޑައަޅައި އޭގެ ތެރެއިން ކޮންމެ ދަނޑުވެރިއަކަށް ދެ ބާވަތެއް ހެއްދުމަށް ދީފަ އެވެ. މިތަކެތި ގަނެ ބާޒާރުގައި ވިއްކާނީ އެގްރޯ އިންނެވެ.

ކޮންޓްރެކްޓް ފާމިންގެ ދަށުން އެގްރޯއިން ވަނީ ދަނޑުވެރިންގެ އުފެއްދުންތައް ބާޒާރަށް ނެރެން ފަށައިފަ އެވެ. އެންމެ ފުރަތަމަ ވިއްކަން ފެށީ ރޯދައާ ދިމާކޮށް ހެއްދި ތަކެއްޗެވެ.

އެގްރޯ އިން ބުނިގޮތުގައި އެ ކުންފުނިން ހިންގާ ސްކޫލް ނާސްތާ ޕްރޮގްރާމަށް ފަތްކޭލާއި ކުކުޅު ބިސް ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ދަނީ ކާމިޔާބު ކަމާއެކު ކުރިއަށެވެ. އެ ކުންފުނީގެ 15 ރަށު ކޯޑިނޭޓަރުންނާއި 17 އަތޮޅު ކޯޑިނޭޓަރުން މި ޕްރޮޖެކްޓުގައި އެހީތެރިކަން ފޯރުކޮށްދެ އެވެ.

އެގްރޯ ކުންފުނީގެ އަމާޒަކީ ކޮންޓްރެކްޓް ފާމިން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ފަށައި ބަރޯސާ ވެވޭ އިގްތިސާދީ ސިނާއަތެއްގެ ގޮތުގައި ދަނޑުވެރިކަން ތަރައްގީ ކުރުމެވެ.