Roadha Mihaaru
ތިން ރަށުގައި ދަނޑުވެރިކަން ކުރާނީ އެގްރޯއަކުން ނޫން

ތިން ރަށުގައި ދަނޑުވެރިކަން ކުރާނީ އެގްރޯއަކުން ނޫން

26 އެޕްރީލް 2021

ދަނޑުވެރިކަން ފުޅާ ކުރުމަށް އެގްރޯ ނެޓް އަށް ދޭން ނިންމި ތިން ރަށުގައި ވެސް ދަނޑުވެރިކަން ކުރާނީ އެހެން ފަރާތްތަކަށް އެ ރަށްރަށުން ބިން ދީގެން އެ ފަރާތްތަކުންް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދަނޑުވެރިކަން ފުޅާ ކުރުމަށް އެގްރޯ ނެޓް އަށް ދޭން ނިންމި ތިން ރަށުގައި ވެސް ދަނޑުވެރިކަން ކުރާނީ އެހެން ފަރާތްތަކަށް އެ ރަށްރަށުން ބިން ދީގެން އެ ފަރާތްތަކުންް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެގްރޯ ނެޓުގެ މެނޭޖިން ޑިރެކްޓަރު ހާރޫން ރަޝީދު "މިހާރު" އަށް ވިދާޅުވީ އެ ކުންފުންޏަށް ދޭން ސަރުކާރުން ނިންމާފައިވަނީ ހއ. މުލިދޫ އާއި ލ. ގާދޫ އަދި ގދ. ގަން ކަމަށެވެ. މި ތިން ރަށުގެ ކޮންޓްރެކްޓުގެ މަސައްކަތާއި ޑިޒައިނިންގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެގްރޯއިން މި ރަށްތައް ބޭނުން ކުރާނީ ދަނޑު ހައްދަން ބޭނުންވާ މީހުންނަށް ބިން ދޫކުރުމަށް ކަމަށެވެ.

"ރަށްރަށުގައި އެންމެ ބޮޑަށް ދިމާވާ ދަތިކަމަކީ ދަނޑުހައްދާނެ ބިން ނުލިބުން. މި ރަށްތަކުން އަޅުގަނޑުމެން ދަނޑުވެރިންނަށް ދިގު މުއްދަތަކަށް ބިން ދޫކުރާނަން. މިއީ ހަމައެކަނި ދަނޑުވެރިންނަށް އެ ފުރުސަތު ހޯދައިދިނުމަށް ދޫކުރާ ރަށްތަކެއް،" ހާރޫން ވިދާޅުވި އެވެ.

އެގްރޯއިން މި ރަށްތަކުން ކޮންޓްރެކްޓްގެ ދަށުން ދަނޑު ހައްދާ މީހުންނާއި ވިޔަފާރި އުސޫލުން ދަނޑު ހައްދާ މީހުންގެ އިތުރުން "ޕޮލްޓްރީ ފާމިން" އަށް ބިން ދޫކުރާނެ އެވެ. ވިޔަފާރީގެ އުސޫލުން ދަނދު ހައްދާ މީހުންނަށް ބިން ދޫކުރާނީ އެ މީހުންގެ ޕްރޮޕޯސަލްތައް ބެލުމަށްފަހު ގިނަ ބަޔަކަށް ބިން ދޫކުރެވޭ ގޮތަށް ކަމަށް ހާރޫން ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި މި ރަށްތަކުގައި ދަނޑު ހައްދާ މީހުންނަށް ބޭނުންވާ ބައެއް އަސާސީ ހިދުމަތްތައް އެ ކުންފުނިން ފޯރުކޮށްދޭނެ ކަމަށެވެ. މީގެ ތެރޭގައި ފެނާއި ކަރަންޓުގެ އިތުރުން ދަތުރުފަތުރު ކުރެވޭނެ އިންތިޒާމާއި ރަށުގައި މަޑުކޮށްގެން ތިބޭނެ ތަނެއް ހެދުން ހިމެނެ އެވެ.

"ކައިރި ރަށްރަށުގެ ދަނޑުވެރިންނަށް ހެނދުނު އެ ރަށަށް ގޮސް ދަނޑު ހެއްދުމުގައި އުޅެފައި ރޭގަނޑުވުމުން އެނބުރި ރަށަށް ދެވޭ އިންތިޒާމު ހަމަޖެހޭނެ. އަޅުގަނޑުމެން ބޭނުންވަނީ މިގޮތަށް ޓްރާންސްޕޯޓުގެ ނެޓްވޯކެއް ގާއިމް ކުރަން،" ހާރޫން ވިދާޅުވި އެވެ.

އެގްރޯ ނެޓުން މިހާރު ވެސް އަންނަނީ ކޮންޓްރެކްޓް ފާމިންގެ ދަށުން އެކި ރަށްރަށުގައި ދަނޑުވެރިންނާ ގުޅިގެން ދަނޑު ހައްދަމުންނެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ އެ ކުންފުނިން ކަނޑައަޅާ 17 ބާވަތެއްގެ ތެރެއިން ކޮންމެ ދަނޑުވެރިއަކަށް ދެ ބާވަތެއް ދީގެންނެވެ. މިތަކެތި ގަނެ ބާޒާރުގައި ވިއްކާނީ އެގްރޯ އިންނެވެ.