Roadha Mihaaru

މިނާވަރު އަތުލަނީ އިތުރު މުއްދަތު ދިނުމުން ވެސް ކަންކަން ރަނގަޅު ނުކުރުމުން: މިނިސްޓްރީ

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ދ. މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ ސަން ޓްރެވަލްސް ކުންފުންޏަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ނ. މިނާވަރު އަތުލަން ނިންމީ އެއްބަސްވުމާ އެއްގޮތަށް ކަންކަން ރަނގަޅު ކުރަން އިތުރު މުއްދަތެއް ދިނުމުން ވެސް ރަނގަޅު ނުކުރުމުން ކަމަށް އެގްރިކަލްޗަރު މިނިސްޓްރީން މިއަދު ބުނެފި އެވެ.

"މިނާވަރު އަތުލަނީ ކަންކަން ރަނގަޅު ނުކުރުމުން"
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

06 މެއި 2025

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ދ. މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ ސަން ޓްރެވަލްސް ކުންފުންޏަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ނ. މިނާވަރު އަތުލަން ނިންމީ އެއްބަސްވުމާ އެއްގޮތަށް ކަންކަން ރަނގަޅު ކުރަން އިތުރު މުއްދަތެއް ދިނުމުން ވެސް ރަނގަޅު ނުކުރުމުން ކަމަށް އެގްރިކަލްޗަރު މިނިސްޓްރީން މިއަދު ބުނެފި އެވެ.

ސަން ޓްރެވަލްސް އަށް މިނާވަރު ކުއްޔަށް ދީފައި ވަނީ ފެބްރުއަރީ 6، 2010 ގައި 21 އަހަރު ދުވަހުގެ މުއްދަތަކަށެވެ. ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ހަމަވާން ބާކީ އަދި ހަ އަހަރު އޮތް ނަމަވެސް އެ ރަށް އަތުލަން އެގްރިކަލްޗަރު މިނިސްޓްރީން އިއްޔެ ވަނީ 14 ދުވަހުގެ ނޯޓިސްއެއް ދީފަ އެވެ.

އެ ކަމާ ގުޅިގެން އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިނާވަރު ކުއްޔަށް ދިނީ ދަނޑުވެރިކަން އަދި ވެލިޔުއެޑިޝަން އާއި ޕްރޮސެސިންގެ މަސައްކަތަށް ކަމަށެވެ. އެކަމަކު، އެ ރަށުގައި ކުރަން އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ވެލިޔުއެޑިޝަން އާއި ޕްރޮސެސިންގެ އެއްވެސް މަސައްކަތެއް ނުކުރާކަން މޮނިޓަ ކުރުމުން އެނގުނު ކަމަށް އެގްރިކަލްޗަރު މިނިސްޓްރީން ބުންޏެވެ.

އެ ކަންކަން ރަނގަޅު ކުރުމަށް މި އަހަރުގެ މާޗު 19 އިން ފެށިގެން 30 ދުވަހުގެ މުއްދަތެއް ދިން ނަމަވެސް ރަނގަޅު ކޮށްފައި ނުވާތީ ރަށް ސަރުކާރަށް އަތުލަން ނިންމީ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2021 ގައި ސަރުކާރުގެ ބޭނުމަކަށް ނަގަން ނިންމައި އެ ރަށުގެ އިވެލުއޭޝަން އޮޑިޓެއް ހަދައިދޭނެ ބަޔަކު ހޯދަން ވެސް އޭރު އިއުލާން ކުރި އެވެ. އެކަމަކު، އޭގެ ފަހުން ވެސް މިނާވަރު ބޭނުން ކުރަމުން އަންނަނީ ސިޔާމް ވޯލްޑާއި ސަން ސިޔާމް އިރުފުށްޓަށް ބޭނުންވާ ތަކެތި އުފެއްދުމަށް، ދަނޑުވެރިކަން ކުރުމަށެވެ. ސަރުކާރާ އެކު ހެދި އެއްބަސްވުމުގައި ބުނާ ވެލިޔުއެޑިޝަން އާއި ޕްރޮސެސިންގެ މަސައްކަތެއް ނުކުރެ އެވެ.

މީގެ ކުރިން ސިޔާމުގެ ރަށެއްގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ ދ. އުއްދޫ ވެސް ވަނީ އޭނާ އަތުން އަތުލައިފަ އެވެ. އެއީ ވެސް ދަނޑުވެރިކަމުގެ ބޭނުމަށް ދޫކުރި ރަށެކެވެ.

ސިޔާމްގެ އެމްޑީއޭ އެކު ސަރުކާރު ކޯލިޝަނުން ކުރިން މަސައްކަތް ކުރަމުން އައި ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މީޑިއާ ބްރީފިންގައި ނޫސްވެރިން ސުވާލު ދެންނެވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ސަރުކާރު ކޯލިޝަންގައި މިހާރު އެ ޕާޓީ ނެތް ކަމަށެވެ.