Roadha Mihaaru

މިނާވަރު އަތުލަން ނިންމީ އެއްބަސްވުމާ ހިލާފުވެފައި ވާތީ: މިނިސްޓްރީ

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ދ. މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ ސަން ޓްރެވަލްސް ކުންފުންޏަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައި އޮންނަ ނ. މިނާވަރުގެ އެއްބަސްވުން ބާތިލް ކުރުމުގެ ނޯޓިސް މިއަދު ފޮނުވީ އެ އެއްބަސްވުމާ އެ ކުންފުނިން ހިލާފު ވެފައިވާތީ ކަމަށް އެގްރިކަލްޗަރު މިނިސްޓްރީން ބުނެފި އެވެ.

"މިނާވަރު އަތުލަން ނިންމީ އެއްބަސްވުމާ ހިލާފުވުމުން"
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

05 މެއި 2025

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ދ. މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ ސަން ޓްރެވަލްސް ކުންފުންޏަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައި އޮންނަ ނ. މިނާވަރުގެ އެއްބަސްވުން ބާތިލް ކުރުމުގެ ނޯޓިސް މިއަދު ފޮނުވީ އެ އެއްބަސްވުމާ އެ ކުންފުނިން ހިލާފު ވެފައިވާތީ ކަމަށް އެގްރިކަލްޗަރު މިނިސްޓްރީން ބުނެފި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2021 ގައި ސަރުކާރުގެ ބޭނުމަކަށް ނަގަން ނިންމައި އެ ރަށުގެ އިވެލުއޭޝަން އޮޑިޓެއް ހަދައިދޭނެ ބަޔަކު ހޯދަން ވެސް އޭރު އިއުލާން ކުރި އެވެ.

އެކަމަކު، އޭގެ ފަހުން ވެސް މިނާވަރު ބޭނުން ކުރަމުން އަންނަނީ ސިޔާމް ވޯލްޑާއި ސަން ސިޔާމް އިރުފުށްޓަށް ބޭނުންވާ ތަކެތި އުފެއްދުމަށް، ދަނޑުވެރިކަން ކުރުމަށެވެ.

މިނާވަރު ސަރުކާރަށް ނަގަން 14 ދުވަހުގެ ނޯޓިސް ދިނުމާ ގުޅިގެން ހުރި ކަންބޮޑުވުންތަކާ އެކު، "މިހާރު" އިން ސުވާލު ކުރުމުން އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ އެ ރަށް ސިޔާމްގެ ކުންފުންޏަށް ކުއްޔަށް ދޫކުރި އެއްބަސްވުމުގައިވާ ގޮތުން ތިން ވިޔަފާރިއެއް ކުރަންޖެހޭ ކަމަށެވެ. އެއީ

- ދަނޑުވެރިކަން

- ޕްރޮސެސިން

- ވެލިއު އެޑިޝަން (ޖޫސް ކަހަލަ އެއްޗެހި ތައްޔާރު ކުރުން)

ދިގު މުއްދަތަކަށް ދަނޑުވެރިކަން ކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްތައް މޮނީޓާ ކުރުމުގެ މަސައްކަތް މިދިޔަ އަހަރު އެގްރިކަލްޗާ މިނިސްޓްރީން ކުރި އެވެ. އެ މަސައްކަތުގައި ވެސް އެ މިނިސްޓްރީން ވަނީ މިނާވަރު މޮނީޓާ ކޮށްފަ އެވެ.

މިނިސްޓްރީގެ އޮފިޝަލް ވިދާޅުވިގޮތުގައި މިނާވަރުގައި އި ކުރާ މަސައްކަތްތަކުގެ އެސެސްމަންޓެއް އެ މިނިސްޓްރީން މި އަހަރު ވެސް ހެދި އެވެ. އެ އެސެސްމަންޓުން ފާހަގަވީ އެ ރަށުގެ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރަމުން ނުދާކަން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްބަސް ވުމާ އެއްގޮތަށް އަމަލު ނުކުރަންޏާ ރަށް އަތުލުމުގެ ބާރު އޮވޭ. އޭގައި ނޯވޭ ބަދަލު ދޭން ޖެހޭނެ ކަމަކަށް ވެސް،" އޮފިޝަލް ވިދާޅުވި އެވެ.

އެހެންވެ ރަށް ހުސްކުރަން ދިނީ އެއްބަސްވުމުގައިވާ ގޮތުން ދެވޭނެ އެންމެ ދިގު މުއްދަތު ކަމަށްވާ 14 ދުވަސް ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު، ސިޔާމްގެ ޕާޓީ އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު މުހައްމަދު އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިގޮތުގައި، އެއްބަސްވުން ބާތިލުކުރަން ސަރުކާރުން ނިންމީ ބަދަލު ދިނުމަކާ ނުލަ އެވެ.

އޭނާ ވިދާޅުވިގޮތުގައި 25 އަހަރުގެ މުއްދަތަށް ދޫކޮށްފައިވާ މިނާވަރުގެ އެއްބަސްވުން ބާތިލް ކުރުމުގެ ނޯޓިސް ފޮނުވިއިރު ބާކީ 8 އަހަރު އަދި އެބައޮތެވެ.

މީގެ ކުރިން ސިޔާމުގެ ރަށެއްގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ ދ. އުއްދޫ ވެސް ވަނީ އޭނާ އަތުން އަތުލައިފަ އެވެ. އެއީ ވެސް ދަނޑުވެރިކަމުގެ ބޭނުމަށް ދޫކުރި ރަށެކެވެ.

ސިޔާމްގެ އެމްޑީއޭ އެކު ސަރުކާރު ކޯލިޝަނުން ކުރިން މަސައްކަތް ކުރަމުން އައި ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މީޑިއާ ބްރީފިންގައި ނޫސްވެރިން ސުވާލު ދެންނެވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ސަރުކާރު ކޯލިޝަންގައި މިހާރު އެ ޕާޓީ ނެތް ކަމަށެވެ.