Roadha Mihaaru

އުތުރުގެ 12 ރަށެއްގައި ގްރީންހައުސް ހަދައިފި

ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ދަނޑުވެރިކަން، ދަނޑުވެރިންނަށް ތައާރަފް ކުރުމުގެ ގޮތުން އުތުރުގެ 12 ރަށެއްގައި ގްރީންހައުސްތައް ހަދައިފި އެވެ.

އުތުރުގެ 12 ރަށެއްގައި ގްރީންހައުސް ހަދައިފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

06 ޖުލައި 2025

ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ދަނޑުވެރިކަން، ދަނޑުވެރިންނަށް ތައާރަފް ކުރުމުގެ ގޮތުން އުތުރުގެ 12 ރަށެއްގައި ގްރީންހައުސްތައް ހަދައިފި އެވެ.

އެގްރިބިޒްނަސް މެޗިން ގްރާންޓް ޕްރޮގްރާމްގެ ނަމުގައި ކުރިއަށް ގެންދާ އެ ސްކީމް އަމާޒުކޮށްފައި ވަނީ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)ގެ ހަރަކާތްތައް ކުރިއަށް ގެންދާ ހއ. ހދ. އަދި ށ. އަތޮޅުގެ 26 ރަށުގެ ދަނޑުވެރިންނާއި ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.

އެގްރިކަލްޗާ މިނިސްޓްރީން ބުނީ 12 ރަށުގެ ތެރެއިން މިހާތަނަށް 11 ރަށެއްގެ ގްރީން ހައުސްތަކުގައި ކިއުކަމްބާ، މެލަން، މިރުސް އަދި ކެޕްސިކަމް ފަދަ ތަކެތި ހެއްދުމުގެ ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެ ރަށްތަކުގައި ވަނީ ގްރީން ހައުސްގައި ދަނޑުވެރިކަން ފަށައިފަ އެވެ.

ގްރީން ހައުސްގައި ދަނޑު ހައްދާފައިވާ ރަށްތައް

- ހދ. މަކުނުދޫ

- ހދ. ނޭކުރެންދޫ

- ހދ. ނޮޅިވަރަމްފަރު

- ހދ. ވައިކަރަދޫ

- ހއ. ކެލާ

- ހއ. އުލިގަމު

- ހއ. މޮޅަދޫ

- ހއ. ފިއްލަދޫ

- ށ. ނަރުދޫ.

- ށ. ގޮއިދޫ

- ށ. ފޯކައިދޫ

ގްރީން ހައުސްތައް ގާއިމްކޮށް ދަނޑުވެރިން ޒަމާނީ ދަނޑުވެރިކަމަށް އަހުލުވެރި ކުރުމުގެ އިތުރުން ތިން އަތޮޅެއްގެ 26 ރަށުގައި ކުރިއަށް ގެންދާ މެޕް ޕްރޮޖެކްޓުގެ ދަށުން ދަނޑުވެރިންނަށް ތަމްރީނާއި މައުލޫމާތުގެ އިތުރުން މާލީ އެހީތެރިކަން ވެސް ފޯރުކޮށްދެ އެވެ.

މިދިޔަ އަހަރު މޭ މަހު މިނިސްޓްރީ އާއި އެސްޑީއެފްސީން ވަނީ މާލީ އެހީ ފޯރުކޮށްދޭން 15،188،700ރ. ގެ މެޗިން ގްރާންޓެއް ކުރިއަށް ގެންދަން އެއްބަސްވެފަ އެވެ.