Roadha Mihaaru

ޗައިނާއިން ރާއްޖެއަށް ދަނޑުވެރިކަމުގެ ސާމާނު ހަދިޔާކޮށްފި

ޗައިނާއިން ރާއްޖެއަށް 100,000 ޔުއާން (213،000ރ.) ގެ ދަޑުވެރިކަމުގެ ސާމާނު ގެނެސްފި އެވެ.

ޗައިނާއިން ރާއްޖެއަށް ދަނޑުވެރިކަމުގެ ސާމާނު ދީފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

17 މާޗް 2025

ޗައިނާއިން ރާއްޖެއަށް 100,000 ޔުއާން (213،000ރ.) ގެ ދަޑުވެރިކަމުގެ ސާމާނު ގެނެސްފި އެވެ.

ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ބުނީ މިއީ ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗާ އަދި ސިޗުއާން އެކަޑެމީ އޮފް އެގްރިކަލްޗަރަލް ސައިންސަސް އާ ދެމެދު މިދިޔަ އަހަރު ސޮއިކުރި އެއްބަސްވުމުގެ ދަށުން ދިން ތަކެތި ކަމަށެވެ.

އެ އެހީގެ ދަށުން، ދަޑުވެރިކަން ކުރަން ބޭނުންކުރާ ތަކެތި މިހާރު ވަނީ ރާއްޖެ ގެނެސްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އޭގެ ތެރޭގައި ހިމެނެނީ:

- ބޮޑެތި ގަސްތަކަށް ސްޕްރޭ ކުރުމަށް ބޭނުންކުރާ 25 ސްޕްރޭ

- ފަސްގަނޑުގައި ކާނާ އެކުލެވޭ މިންވަރު ބެލުމަށް ބޭނުންކުރާ 100 ޓެސްޓު ކިޓު

- އޮޓަމެޓިކުން ފެންދޭ ނިޒާމު ގާއިމުކުރުމަށް ބޭނުންކުރާ 35 ކޮންޓްރޯލާ

- ދޫނި ރޯގާ (އޭވިއަން އިންފުލުއެންޒާ) ވައިރަސް ޓެސްޓު ކުރުމަށް ބޭނުންކުރާ 340 ޓެސްޓު ކިޓު

މިނިސްޓްރީން ބުނީ ރަށްރަށުގެ އާންމު ސަރަހައްދުތަކުގައި ހުންނަ ބޮޑެތި ގަސްތަކުގައި ހުވަންޏާއި ކޫޑިފަދަ ސޫފާސޫފި (ޕެސްޓު) އަޅައިގެން މާއްދީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީއަށް ހުށަހަޅާ މައްސަލަަތައް އިތުރުވަމުން އަންނައިރު ޗައިނާއިން ދިން ތަކެއްޗަކީ އެ މައްސަލަތައް ހައްލުކުރުމަށް އެހީއަކަށް ވާނެ ކަމަށެވެ.

ޕެސްޓް ކޮންޓްރޯލްކުރުމަކީ ރަށު ކައުންސިލުން ކުރަން ޖެހޭ މަސައްކަތެއް ނަމަވެސް ރަށްރަށުގައި އެ ވަސީލަތްތައް ނެތް ކަމަށާއި އެހެންވެ، ޗައިނާއިން ގެނައި ތަކެތިން ހުރިހާ އަތޮޅެއްގެ އަތޮޅު ކައުންސިލްތަކާއ،ި ސިޓީ ކައުންސިލްތަކާ ހަވާލުކުރަން ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.