Roadha Mihaaru

މިނާވަރު އަތުލަން ނިންމީ ގާނޫނާ ހިލާފަށް، ކޯޓަށް ދަނީ

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ ކުންފުންޏަކަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ނ. މިނާވަރު އަތުލަން ސަރުކާރުން ނިންމީ އެއްބަސްވުމާ ހިލާފަށް ކަމަށާއި އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

"މިނާވަރު އަތުލަނީ ގާނޫނާ ހިލާފަށް، ކޯޓަށް ދާނަން"
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

08 މެއި 2025

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ ކުންފުންޏަކަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ނ. މިނާވަރު އަތުލަން ސަރުކާރުން ނިންމީ އެއްބަސްވުމާ ހިލާފަށް ކަމަށާއި އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސިޔާމްގެ އިމްޕެކްސް ފިޝަރީޒް ނަމަކަށް ކިޔާ ކުންފުންޏަކަށް މިނާވަރު ކުއްޔަށް ދީފައިވަނީ ފެބްރުއަރީ، 2010 ގައި 21 އަހަރުގެ މުއްދަތަކަށެވެ. ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ހަމަވާން ބާކީ ހަ އަހަރު އޮއްވާ އެރަށް އަތުލަން ނިންމައި، އެގްރިކަލްޗާ މިނިސްޓްރީން ވަނީ މިދިޔަ ހޯމަ ދުވަހު 14 ދުވަހުގެ ނޯޓިސްއެއް ފޮނުވައިފަ އެވެ.

އެ މައްސަލާގައި އެ ކުންފުނީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ މައްސަލާގައި ހައްލު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކޯޓަށް ދާންޖެހިއްޖެ ނަމަ، ކޯޓަށް ވެސް އެ މައްސަލަ ހުށަހަޅާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ މިނާވަރުގެ އޮޑިޓެއް ހެދުމަށް މިނިސްޓްރީގެ ޓީމަކުން އެ ރަށަށް ދިޔަ ކަމަށާއި އެކަމަކު އެ ދަތުރު ނިންމުމަށްފަހު ވެސް އެއްވެސް ރިޕޯޓެއް އެ ކުންފުންޏާ ހިއްސާކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމުން، އެއްވެސް ކަމެއް ރަނގަޅުކުރަން ނެތްނަމަ، މިނިސްޓްރީން ރިޕޯޓް ހިއްސާ ނުކުރާނެ ކަމަށް އެންގި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފޮލޯއަޕް ވެސް ކުރިން. ކޮށްގެން އެބޭފުޅުން ވިދާޅުވީ އާންމު އުސޫލެއްގެ ގޮތުން އެ ބޭފުޅުން ރިޕޯޓާ ގުޅޭ ގޮތުން ކޮމިއުނިކޭޓް ކުރާނީ ކަމެއް ރަނގަޅުކުރަން އޮތިއްޔާއޭ. ދެން ރަނގަޅު ކުރަން ކަމެއް ނެތީމަތާ އަޅުގަނޑުމެންނަށް އޭގެ ފަހުން އެއްވެސް މުއާމަލާތެއް ނުކޮށް އޮތީ އެކަމުގައި،" އޭނާ ވިދާޅުވި އެވެ.

އެކަމަކު އޮފިޝަލް ވިދާޅުވީ މިދިޔަ ރޯދަ މަހުގެ ފަހު 10 އެއްގައި ސަރުކާރު ބަންދުވާން އެއް ދުވަހަށްވެފައި އޮއްވާ މިނިސްޓްރީން ސިޓީއެއް ފޮނުވި ކަމަށާއި އަދި އޮގަސްޓް މަހު ކުރި އިންސްޕެކްޝަނާ ހަވާލާ ދިނުމަށްފަހު ރަށުގެ ކަންކަން އޮތީ ރަނގަޅަށް ނޫން ކަމަށް ސިޓީގައި ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަންކަން ހައްލުކުރުމަށް 30 ދުވަހުގެ މުއްދަތެއްދީ، އޭގެ ޖެހިގެން އަންނަ ފަސް ދުވަހުގެ ތެރޭގައި ރިޕޯޓެއް ހުށަހެޅުމަށް އެންގި ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ހައްލުކުރަންވީ ކަންކަން ސިޓީގައި ބުނެފައި ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

"ސިޓީގައި އޮތީ ސަރުކާރު ބަންދު ދުވަސްތަކާ އެކީގައި 30 ދުވަހުގެ މުއްދަތެއް ދީފައި. އެ ސިޓީއަށްފަހު އައީ ބޮޑު ބަންދެއް. ސަރުކާރު ބަންދާއި އީދު ބަންދު. ދެން އަޅުގަނޑުމެންނަކަށް ނޭނގުނު ކޮން ކަމެއް ކަމެއް ރަނގަޅު ކުރަންވީ. ސިޓީއަކު ނެތް ރަނގަޅުކުރަންވީ ކަންކަމެއް ބަޔާންކޮށްފައި،" ކަންބޮޑުވުން ފާޅުކުރައްވައި، އޭނާ ވިދާޅުވި އެވެ.

އޭގެ ފަހުން އެ ކުންފުނިން ކޮންސަލްޓެންޓުން ނަގައިގެން ތައްޔާރުކުރި ރިޕޯޓެއް އޭޕްރީލް 21 ގައި މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭޕްރީލް 24 ގައި މިނިސްޓްރީގެ ތިން މުވައްޒަފަކު ވަނީ މޮނިޓަރިންނަށް އެރަށަށް ދިޔަ ކަމަށާއި އެމީހުން ވެސް ކަންކަން ރަނގަޅު ކަމަށް ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ވަރަށް ޔަގީންކަމާ އެކު އެބޭފުޅުން އެންގީ ފުރިހަމައަށޭ ހުރިހާ ކަމެއް އޮތީ. ދެން ރިޕޯޓުތައްވީ ކިހިނެއް ކަމެއް އަޅުގަނޑަކަށް ނޭނގެ،"

"އެބޭފުޅުންގެ [މިނިސްޓްރީ] ސިޓީގައި އޮތެއްނޫންތޯ މުއްދަތު ދީގެން ވެސް ހައްލުނުކުރީއޭ. އެއީ އެ ބުނާ މުއްދަތަކީ. މަސައްކަތް ކުރަން ލިބުނީ ސަރުކާރު ބަންދު ނޫން ގޮތުގައި ގާތްގަނޑަކަށް 10 ވަރަކަށް ދުވަހު،"

އޭނާ ވިދާޅުވީ ބަންދު ދުވަސްތަކެއް އެ މުއްދަތުގައި ހިމެނޭތީ އެ މުއްދަތު އިތުރުކޮށްދޭން އެދުނު ކަމަށެވެ. އެކަމަކު މިނިސްޓްރީން ކުންފުންޏަށް އެންގީ ކުރިން ވެސް އެންގި ގޮތަށް ބަންދު ދުވަސްތަކާ އެކު 30 ދުވަހުގެ ތެރޭގައި އެކަން ކުރުމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މިނިސްޓްރީއަށް އެގޮތަށް އެރަށް އަތުލަން ނޯޓިސް ނުދެވޭނެ އެވެ. އެއީ އެ ރަށަކީ ގަވާއިދުން ކުލި ދައްކާފައިވާ ރަށެއް ކަމަށްވާތީ ކަމަށް ވިދާޅުވި އެވެ.

"ނޮން ފައިނޭންޝަލް ބްރީޗެއް ވިއްޔާ އެބޭފުޅުންނަށް ޓާމިނޭޓެއް ނުކުރެވޭނެ. އެންމެ ބޮޑުމިނުން ވެސް ޖޫރިމަނާއެއް ކުރެވޭނީ. އެކަމަކު އެ ސްޓެޕެއް ނުނަގާ އެ ބޭފުޅުންނެއް. ނުބައި މާއްދާއަކާ ހަވާލާދީ އެ ޓާމިނޭޓްކުރީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާނޫނު އޮންނަ ގޮތުން ދިފާއީ ބޭނުމަކަށް ފިޔަވައި އެހެން ބޭނުމެއްގައި ރަށް އަތުލާ ކަމަށްވާ ނަމަ، ދެ އަހަރުގެ މުއްދަތެއް ދިނުމުގެ އިތުރުން ކޮށްފައިވާ ހަރަދުތަކަށް ބަދަލު ދޭންޖެހޭނެ ކަމަށެވެ. އެކަމަކު ނޯޓިސް ދިނީ އެކަންކަމަށް ރިއާޔަތް ނުކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

"14 ދުވަހުގެ ތެރޭގައި މުދާ ނުނެގިއްޖެއްޔާ އެއީ ދައުލަތުގެ މުދާ ކަމަށް ވެސް އޭގައި އޮތް. އެހެންވީމަ ކޯޓަށް ވެސް ދާނަން. މިއަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން މިތިބީ ތައްޔާރަށް. މިހާ ނާއިންސާފުން ގާނޫނާ ހިލާފަށް މިކަން މިކުރީ." އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2021 ގައި ސަރުކާރުގެ ބޭނުމަކަށް އެރަށް ނަގަން ނިންމައި އެ ރަށުގެ އިވެލުއޭޝަން އޮޑިޓެއް ހަދަން ބަޔަކު ހޯދަން އޭރު އިއުލާންކުރި އެވެ. އެކަމަކު، އޭގެފަހުން ވެސް މިނާވަރު ބޭނުން ކުރަމުން ދަނީ ސިޔާމް ވޯލްޑާއި ސަން ސިޔާމް އިރުފުއްޓަށް ބޭނުންވާ ތަކެތި އުފެއްދުމަށް، ދަނޑުވެރިކަން ކުރުމަށެވެ.

އެކަމަކު އެގްރިކަލްޗާ މިނިސްޓްރީން ބުނީ އެ ކުންފުނިން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނި ގޮތުގައި މިނާވަރު އެ ކުންފުންޏަށް ދޫކުރި އެއްބަސްވުމުގައިވާ ގޮތުން ތިން ވިޔަފާރިއެއް ކުރަންޖެހޭ ކަމަށެވެ. އެއީ ދަނޑުވެރިކަމާއި ޕްރޮސެސިން އަދި ވެލިއު އެޑިޝަން (ޖޫސް ފަދަ އެއްޗެހި ތައްޔާރު ކުރުން) ހިމެނޭ ކަމަށެވެ.

މިނިސްޓްރީން ބުނީ މިނާވަރުގައި މިހާރު ކުރާ މަސައްކަތްތަކުގެ އެސެސްމަންޓެއް އެ މިނިސްޓްރީން މިއަހަރު ވެސް ހެދި ކަމަށާއި އެ އެސެސްމަންޓުން ފާހަގަވީ އެ ރަށުގެ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރަމުން ނުދާކަން ކަމަށެވެ. އެހެންވެ، ރަށް އަތުލުމުގެ ބާރު އޮންނަ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

ސިޔާމުގެ ރަށެއްގެ ގޮތުގައި ކުރިން ބޭނުން ކުރަމުން އައި ދ. އުއްދޫގެ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާއިރު، އެ އެއްބަސްވުން ސަރުކާރުން އިތުރަށް އަލެއް ނުކުރެ އެވެ. އެއީ ވެސް ދަނޑުވެރިކަމުގެ ބޭނުމަށް ދޫކުރި ރަށެކެވެ.

ސިޔާމްގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ޕީއެންސީގެ ސަރުކާރު ކޯލިޝަންގައި ކުރިން ބައިވެރިވި ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މީޑިއާ ބްރީފިންގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ސަރުކާރު ކޯލިޝަންގައި މިހާރު އެމްޑީއޭ ނެތް ކަމަށެވެ.