Roadha Mihaaru
އެމްޑީއޭ އިން މުއިއްޒަށް ތާއީދުކުރަން ނިންމައިފި

ރައީސް ދޫކޮށް، އެމްޑީއޭ އިން މުއިއްޒަށް ތާއީދުކުރަން ނިންމައިފި

27 ސެޕްޓެމްބަރ 2023

މި އަހަރުގެ ރިޔާސީ އިންތިހާބަށް ސަން ޓްރެވެލް އަހުމަދު ސިޔާމްގެ އެމްޑީއޭ އިން އެމްޑީޕީއާ އެކު ހަދާފައިވާ ކޯލިޝަން ރޫޅާލައި، އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަން ރޭ ނިންމައިފި އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބަށް ސަން ޓްރެވެލް އަހުމަދު ސިޔާމްގެ އެމްޑީއޭ އިން އެމްޑީޕީއާ އެކު ހަދާފައިވާ ކޯލިޝަން ރޫޅާލައި، އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަން ރޭ ނިންމައިފި އެވެ.

އެ ގޮތަށް ނިންމީ އެމްޑީއޭ އިން ބޭއްވި ކުއްލި ކައުންސިލް ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވީ ސިޔާމެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރި ތާއީދު އަނބުރާ ގެނެސް ނުވަތަ އެމްޑީޕީގެ ކޯލިޝަން ރޫޅާލައި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް މުއިއްޒަށް ތާއީދު ކުރަން އެމްޑީއޭ އިން ފާސްކުރީ 33 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ގޮތަށް ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ދެ ބޭފުޅެކެވެ.

އެމްޑީޕީގެ ކޯލިޝަން ރޫޅާލައި، މުއިއްޒަށް ތާއީދު ކުރަން ހުށަހެޅުއްވީ ކައުންސިލް މެމްބަރު މުހައްމަދު އައްބާސް އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ނައިބު ރައީސް އަލީ މައުރޫފެވެ.

އޭގެ ތެރެއިން ބައެއް ބޭފުޅުން ވިދާޅުވީ، ރައްޔިތުން މި އޮތީ ގޮތެއް ނިންމާފައޭ. އެއީ ސަރުކާރު އޮވެ، ސަރުކާރާ އެކީގައި ކޯލިޝަނެއް ހެދި، އިދިކޮޅު ކެންޑިޑޭޓް 15،000 ވޯޓުގެ ތަފާތަކުން ކުރި ހޯދީމާ ދެން ރައްޔިތުން އާނބަސް ބުނީ ކަމަށް.--- އަލީ މައުރޫފް

ކައުންސިލް ބައްދަލުވުމަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަލީ މައުރޫފް ވިދާޅުވީ، އިންތިހާބުގެ ދެ ވަނަ ބުރުގައި އެމްޑީއޭ އިން އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ސިޔާމް ހުށަހެޅުއްވި ކަމަށެވެ. އެކަމަކު، އެ ހުށަހެޅުމަށް ލިބުނީ އަލީ މައުރޫފް ވިދާޅުވި ގޮތުގައި އެންމެ ދެ ވޯޓެވެ. ދެން ކައުންސިލް މެމްބަރު ޝުއައިބު އަލީ ހުށަހެޅުއްވީ އެމްޑީޕީއާ އެކު ހަދާފައިވާ ކޯލިޝަން ދެ ވަނަ ބުރުގައި ވެސް ދެމެހެއްޓުމަށެވެ. އެ ހުށަހެޅުމަށް ވެސް ލިބުނީ ދެ ވޯޓު ކަމަށް އަލީ މައުރޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކައުންސިލްގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި 97 ޕަސެންޓް މެމްބަރުން ވެސް ދެކެވަޑައިގަތީ ދެ ވަނަ ބުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނާކާމިޔާބުވާނެ ކަން ކަަމަށެވެ.

އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފް ރޭ މީޑިއާއާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފް ރޭ މީޑިއާއާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

"އޭގެ ތެރެއިން ބައެއް ބޭފުޅުން ވިދާޅުވީ، ރައްޔިތުން މި އޮތީ ގޮތެއް ނިންމާފައޭ. އެއީ ސަރުކާރު އޮވެ، ސަރުކާރާ އެކީގައި ކޯލިޝަނެއް ހެދި، އިދިކޮޅު ކެންޑިޑޭޓް 15،000 ވޯޓުގެ ތަފާތަކުން ކުރި ހޯދީމާ ދެން ރައްޔިތުން އާނބަސް ބުނީ ކަމަށް. އޭގެ އިތުރުން ރާއްޖޭގެ ސިޔާސީ ހަގީގަތް ފުރޮޅެމުން މިދާ ފުރޮޅުމާ އެކީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކީގައި އިތުރު އެއްވެސް ޕާޓީއަކުން ކޯލިޝަން ނުހެދުން ވެގެން ދިޔައީ އިންތިހާބު ކުރަން އޮތް ވަރަށް ބޮޑު ހުރަހެއްގެ ގޮތުގައި،" އަލީ މައުރޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދެ ވަނަ ބުރުގައި މުއިއްޒަށް ލިބޭ ތާއީދު އިތުރުވަމުން އަންނަ ކަމަށް އެމްޑީއޭގެ ކައުންސިލްގެ މެމްބަރުން ދެކެވަޑައިގަންނަވާ ކަމަށް ވެސް އަލީ މައުރޫފް ވިދާޅުވި އެވެ.

އެމްޑީއޭ އިން ދެން ފާހަގަކުރި އަނެއް ކަމަކީ ފުރަތަމަ ބުރުގެ ދަށް ނަތީޖާ އަށް ފަހު، އެމްޑީޕީ އެއްކޮށް ހިމޭންވެ، ހުރިހާ ރަށެއްގެ ޖަގަހަތައް ބަންދުކޮށް، 15 ދުވަސް ވަންދެން ހަރަކާތްތައް ނުހިންގައި ތިބުމަކީ އެމްޑީޕީން ބަލި ގަބޫލުކުރުން ކަމަށެވެ.

އަލީ މައުރޫފް ވިދާޅުވި ގޮތުގައި، މަންޒަރުތަކަށް ބަލާއިރު އެމްޑީއޭ އަށް ފެންނަނީ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުން މުއިއްޒު ބޮޑުތަނުން މޮޅުވާ ތަނެވެ.

"އެހެންވެ، އަޅުގަނޑުމެން ގައުމަށް ހިދުމަތް ކުރަން ބޭނުންވާތީ ކާމިޔާބު ކުރާނެ ފަރާތްތަކަށް ގައުމީ ނަޒަރަކުން އެކަން ގަބޫލުކުރީ،" އޭނާ ވިދާޅުވި އެވެ.

ކައުންސިލް ބައްދަލުވުމަށް ފަހު، ސިޔާމް ނޫސްވެރިންގެ ސުވާލުތައް އަޑުއައްސަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ކައުންސިލް ބައްދަލުވުމަށް ފަހު، ސިޔާމް ނޫސްވެރިންގެ ސުވާލުތައް އަޑުއައްސަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ސިޔާމް ވިދާޅުވީ، އެމްޑީއޭއަކީ އަބަދުވެސް އެެއްކޮށް އުޅޭ ބަޔަކާ އެކު "ފުލް ފްލެޖް" ގައި މަސައްކަތް ކުރާ ބައެއް ކަމަށާއި މުއިއްޒާ އެކު ވެސް އުޅޭނީ އެ ގޮތަށް ކަމަށެވެ.

މި މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަދުން ވޯޓު ލިބުމާ އެކު، ދެ ވަނަ ބުރުގެ ކެމްޕެއިނުން އެއްގޮތަކަށް ވެސް ސިޔާމް ނުފެނެ އެވެ. އެކަމަކު، ފުރަތަމަ ބުރުގެ ކެމްޕެއިންތަކުގައި ސިޔާމް ވަރަށް ހަރަކާތްތެރިކޮށް އުޅުއްވި އެވެ. ދެ ވަނަ ބުރުގެ ކެމްޕެއިންތަކުގައި އެމްޑީއޭ އިން އިސްކޮށް އުޅުއްވީ އަލީ މައުރޫފާއި ނައިބު ރައީސް ސާލިމެވެ.

އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓު ލުމަށް ހަތަރު ދުވަހަށް ވެފައި ވަނިކޮށް، އެމްޑީއޭ އިން ނިންމި މި ނިންމުމާ އެކު، އެމްޑީޕީ ނުވަތަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި ދެން ހަރަކާތްތެރިވާނީ އަދާލަތު ޕާޓީ އެކަންޏެވެ.