Roadha Mihaaru
ބައިއެޅުން ނެތަސް އެންމެންގެ ޝާމިލްވުން އޮންނާނެ

މުއިއްޒު ވިދާޅުވީ ބައިއެޅުން ނެތަސް ވީހާ ވެސް ގިނަ ބައެއްގެ ޝާމިލްވުން އޮންނާނެ ކަމަށް

04 އޮކްޓޯބަރ 2023

އެ މަނިކުފާނު ބޭނުންފުޅު ވަނީ ވީހާ ވެސް ގިނަ ބައެއްގެ ޝާމިލްވުމާ އެކު، އާ ސަރުކާރު އެކުލަވައިލަން ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

އެ މަނިކުފާނު ބޭނުންފުޅު ވަނީ ވީހާ ވެސް ގިނަ ބައެއްގެ ޝާމިލްވުމާ އެކު، އާ ސަރުކާރު އެކުލަވައިލަން ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ 17 ގައި ރައީސްކަމުގެ ހުވާ ކުރައްވަން ތައްޔާރުވެވަޑައިގަންނަވަމުން ގެންދަވާ މުއިއްޒު އެހެން ވިދާޅުވީ، "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.

އެ މަނިކުފާނަށް ވެރިކަން ކާމިޔާބު ކޮށްދިނުމުގައި ޕީޕީއެމް/ޕީއެންސީގެ އިތުރުން އެމްއެންޕީ އާއި އެމްޑީއޭ ވެސް މުހިންމު ދައުރެއް އަދާކޮށްފައި ވާތީ އެ ޕާޓީތަކަށް ސަރުކާރުން ދެއްވާނީ ކިހާ ހިއްސާއެއްތޯ ދެންނެވުމުން މުއިއްޒު ވިދާޅުވީ، އަދި ނިންމަވާފައި ވަނީ އެ ގޮތަކަށް ވަކި އަދަދަކަށް ކަނޑައަޅާ ގޮތަށް ނޫން ކަމަށެވެ. އެކަމަކު، ވިދާޅުވީ ވީހާ ވެސް ގިނަ ބައެއްގެ ބައިވެރިވުން މުޅި ސަރުކާރުގައި އޮންނަން ބޭނުންފުޅުވާ ކަމަށެވެ.

"އެއީ ވަރަށް އުނދަގޫ މަރުހަލާތަކެއް ކުރިއަށް މި އޮތީ ގައުމީ ބޮޑެތި މައްސަލަތަކަށް ބަލާއިރު އަދި އިގްތިސާދީ މައްސަލަތަކަށް ބަލާއިރު. ދެން އެހެނަސް ކޮންމެ ބައެއްގެ ޝާމިލްވުން ހިމެނި ނަމަވެސް މައިގަނޑު ލައިންތައް ކްރޮސްއެއް ނުކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑު ބޭނުން އެ މީހަކީ ސާފު މީހަކަށް ވާން. ފަސްބައި ހަޑި މީހަކަށް ވެގެން ނުވާނެ. އެކަށީގެންވާ ވަރުގެ ތައުލީމެއް ހުންނަން ޖެހޭނެ. ކޮންމެ މީހަކީ ޕީއެޗްޑީ ހޯލްޑަރަކަށް ވާން ޖެހޭ ވާހަކައެއް ނޫން މި ދަންނަވަނީ. އެހެން ނަމަވެސް ތައުލީމާއި ތަޖުރިބާ ވެސް ވީހާ ވެސް ގިނަ ދުވަހެއްގެ ތަޖުރިބާ ހުރި ހީވާގި، ހިންގުންތެރި މީހަކަށް ވާން ބޭނުން."

އިންތިހާބީ ރައީސް މުއިއްޒު އިއްޔެ "މިހާރު" އާ ވާހާކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

އިންތިހާބީ ރައީސް މުއިއްޒު އިއްޔެ "މިހާރު" އާ ވާހާކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

މުއިއްޒު ވިދާޅުވި ގޮތުގައި އެ ސިފަތައް ހުރި ވީހާ ވެސް ގިނަ ބަޔަކު ގޮވައިގެން ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށް ދެވިއްޖެ ނަމަ މާ ބޮޑަށް ގައުމަށް ފައިދާވާނެ އެވެ. އެކަމަކު، ސަރުކާރުން ވަކި ސިޔާސީ ޕާޓީއަކަށް ނުވަތަ ވަކި ބަޔަކަށް ދޭނީ ވަކި ޕަސެންޓެއް ކަމަށް ކަނޑައަޅައިފި ނަމަ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރިއަށް ނުދާނެ ކަމަށް އިންތިހާބީ ރައީސް ވިދާޅުވި އެވެ.

"އެ ކަމަކަށް ގާބިލް ބޭފުޅާ ކަމަށް ވަންޏާ ޗޫސް ކުރުން އެއީ ގައުމީ މަސްލަހަތު އިސްކުރަން އެންމެ ރަނގަޅު ގޮތް ކަމަށް ވަންޏާ އެ ގޮތަށް ކުރިއަށް ދާނީ،" މުއިއްޒު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުން ވަކި ޕަސެންޓެއް ހޯދަން އެއްވެސް ބައެއްގެ ޑިމާންޑެއް ވެސް ނެތް ކަމަށެވެ.

ވިދާޅުވާ ގޮތް ނޫން އެހެން ގޮތަކަށް ކަންކަން ކުރަން ޖާގައެއް ނުދެއްވާނެ

މުއިއްޒު ވިދާޅުވީ، އަމިއްލަފުޅަށް ދައްކަވާ ވާހަކަތަކަށް އަބަދުވެސް ޒިންމާވާނެ ކަމަށާއި ކެމްޕެއިންގައި ވެސް އެ ވާހަކަ ތަކުރާރު ކުރެއްވީ އެހެންވެ ކަމަށެވެ.

ސަރުކާރަށް ވެސް ނަގާނީ ކަންކަން ކުރެވޭނެ، ގާބިލް ޓީމެއް ކަަމަށާއި އެއީ 24 ގަޑިއިރު މަސައްކަތުގައި އުޅެން ޖެހުނަސް އުޅެވޭ ބަޔަކަށް ވާނެ ކަމަށް އިންތިހާބީ ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ވަކި ގޮތަކަށް ބުނީމާ ދެން އެކަން ނުކޮށް އެހެން ގޮތަކަށް މަސައްކަތް ކުރަން ދިމާކުރާ މީހަކު ޓީމަށް ލައިފިއްޔާ ރައްޔިތުންނަށް ހުރިހާ ގެއްލުމެއް ވާނީ،" މުއިއްޒު ވިދާޅުވި އެވެ.

އަޅުގަނޑު ބޭނުން އެ މީހަކީ ސާފު މީހަކަށް ވާން. ފަސްބައި ހަޑި މީހަކަށް ވެގެން ނުވާނެ. އެކަށީގެންވާ ވަރުގެ ތައުލީމެއް ހުންނަން ޖެހޭނެ. ކޮންމެ މީހަކީ ޕީއެޗްޑީ ހޯލްޑަރަކަށް ވާން ޖެހޭ ވާހަކައެއް ނޫން މި ދަންނަވަނީ. އެހެން ނަމަވެސް ތައުލީމާއި ތަޖުރިބާ ވެސް ވީހާ ވެސް ގިނަ ދުވަހެއްގެ ތަޖުރިބާ ހުރި ހީވާގި، ހިންގުންތެރި މީހަކަށް ވާން ބޭނުން."--- މުއިއްޒު

މުއިއްޒު ވިދާޅުވީ، ވެރިކަން ލިބިއްޖެ ނަމަ ގޭންގެެއްގެ މީހަކު ޕޮލިސް ކޮމިޝަނަރަކަށް ހަމަޖައްސަވަން އެ މަނިކުފާނު ނިންމަވާފައިވާ ކަމުގެ އަޑުތަކެއް ވެސް ކެމްޕެއިންގެ ތެރޭގައި އިވިވަޑައިގެންނެވި ކަމަށެވެ.

"އަޅުގަނޑު ނުކުރާނެ ނޫންތޯ އެ ކަހަލަ ކަމެއް. އަޅުގަނޑަކީ އަޅުގަނޑު ކުރާ ކޮންމެ ކަމެއްގައި ޒިންމާދާރުވާން ބޭނުންވާ މީހެއް. އެހެންވީމާ އެއްވެސް ފަރާތަކުން ބުނެގެންނޭ ކިޔައިގެން އެއްވެސް މަގާމަކަށް މީހަކު ނުލާނަން. އެކަމަކު، އެ މީހަކީ އެ މަގާމަށް އަޅުގަނޑަށް ކަމުދާ މީހެއް ކަމަށް ވަންޏާ އަޅުގަނޑު ބައްޓަން ކުރަން ބޭނުންވާ ގޮތަށް ކަންތައްތައް ގެންދެވޭ ފެންވަރަށް ތައުލީމާއި ތަޖުރިބާ ހުރި ގާބިލް ބޭފުޅެއް ވެއްޖިއްުޔާ އޮފް ކޯޒް ވައި ނޮޓް. ހަމަ ގަބޫލު ކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.

ސަރުކާރުގެ އޮނިގަނޑު ސިކުނޑީގައި އެބަހުރި، މަސައްކަތް ކުރިއަށް

މިހާރު ފަށާފައި ވަނީ ޓްރާންސިޝަނަލް މުއްދަތު ކަމަށް ވިޔަސް އިންތިހާބުގެ ދާއިމީ ނަތީޖާ އަދި އިއުލާން ނުކުރާތީ ކެބިނެޓަށް ހަމަޖައްސަވާނެ ބޭފުޅުން ނިންމެވުން ފަދަ ކަންކަން ބާރު ސްޕީޑްގައި ކުރިއަށް ނުދާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް ޓްރާންސިޝަނަލް މުއްދަތުގެ މަސައްކަތްތަކަށް އޮފީހެއް ލިބި، މަސައްކަތް ފަށައިގަނެވެންދެން ވެސް ބައެއް ކަންކަން ކުރިއަށް ގެންދަވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އޭގެ ތެރޭގައި އެކުލަވައިލާނެ ޓްރާންސިޝަނަލް ކޮމިޓީތަކާއި އެ ކޮމިޓީތަކުން ދާނެ އޮފީސްތަކާއި ކުންފުނިތައް ކަނޑައެޅުން ފަދަ އިދާރީ ކަންކަން ހިމެނެ އެވެ.

މުއިއްޒު ވިދާޅުވީ، ސަރުކާރު ހިންގުމުގެ އޮނިގަނޑު ސިކުނޑީގައި ހުއްޓަސް ބައެއް ތަފުސީލީ މައުލޫމާތުތަކާއި "ފެކްޗުއަލް އިންފޮމޭޝަން" ބޭނުންވާ ކަމަށެވެ.

އިންތިހާބީ ރައީސް މުއިއްޒު އިއްޔެ "މިހާރު" އަށް އިންޓަވިއު ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

އިންތިހާބީ ރައީސް މުއިއްޒު އިއްޔެ "މިހާރު" އަށް އިންޓަވިއު ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

"މިސާލަކަށް ބައެއް ވުޒާރާތައް އުފައްދާއިރު، އެ ވުޒާރާއެއްގެ މެންޑޭޓްގައި ހިމެނުން އެންމެ ރަނގަޅީ ކޮން ކަމެއްތޯ ނިންމާއިރު މިހާރު ހިނގާ ގޮތް ތަންކޮޅެއް ގާތުން ބަލާލަން ބޭނުން. އެންމެ ރަނގަޅަށް ޕްރެކްޓިސް ކުރާ ގައުމުތަކުގައި ކަންކަން ކުރާ ގޮތް ވެސް އަޅުގަނޑު އެބަ ބަލަން. އެހެންވީމާ އޯވަރޯލްކޮށް އަޅުގަނޑަށް ކުރިއަށް ގެންދަން ބޭނުންވާ ގޮތް،" އެ މަނިކުފާނު ވިދާޅުވި އެވެ.

"އެކަމަކު، ފައިނަލް ކޮށްލާނީ އަދި ދުވަސްކޮޅެއް ނަގާފައި."

މުއިއްޒު ވިދާޅުވި ގޮތުގައި މިނިސްޓްރީތަކުގެ އަދަދުތަކާއި ނަންތައް ހާމަކުރައްވަން ބޭނުންފުޅު ނުވަނީ ފަހުން ބަދަލުތަކެއް އަތުވެދާނެތީ އެވެ.

އަޅުގަނޑު ވަކި ގޮތަކަށް ބުނީމާ ދެން އެކަން ނުކޮށް އެހެން ގޮތަކަށް މަސައްކަތް ކުރަން ދިމާކުރާ މީހަކު ޓީމަށް ލައިފިއްޔާ ރައްޔިތުންނަށް ހުރިހާ ގެއްލުމެއް ވާނީ،"--- މުއިއްޒު

ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ކެބިނެޓްގައި މަސައްކަތް ކުރެއްވި ބޭފުޅުން ރައީސް އަބްދުﷲ ޔާމީންގެ ކެބިނެޓްގައި ވެސް ތިއްބެވި އެވެ. އެހެންވެ، މުއިއްޒުގެ ކެބިނެޓް ކިހާ ވަރަކަށް އާ ވެދާނެތޯ ދެންނެވުމުން ވިދާޅުވީ، އާ ބޭފުޅުން ތިއްބަވާނެ ކަަމަށެވެ. އެކަމަކު، އާ ބޭފުޅުންގެ ޕަސެންޓެއް ދަންނަވަން އަދި ދަތި ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ކުރިން ކެބިނެޓްގައި މަސައްކަތް ކުރެއްވި، ނަތީޖާ ނެރެދިނުމުގައި ހިންގުންތެރި ބައެއް ބޭފުޅުން ވެސް އެކަށީގެންވޭ ހިމެނިގެން ދިއުން. އެހެން ނަމަވެސް ކިތައް ބޭފުޅުންތޯ ކިތައް ޕަސެންޓްތޯ އާ ވާނީ އެ ލެވެލަށް އަދި އެ ތަފުސީލަށް ނުދެވިދާނެ،" އިންތިހާބީ ރައީސް ވިދާޅުވި އެވެ.