Roadha Mihaaru
ޕީޕީއެމް-އެމްްއެންޕީން ކޯލިޝަން އެއްބަސްވުމަކަށް

ޕީޕީއެމް-އެމްްއެންޕީން ކޯލިޝަން އެއްބަސްވުމުގައި ސޮއިކޮށްފި

12 ސެޕްޓެމްބަރ 2023

މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޕީޕީއެމް/ޕީއެންސީ އާއި އެމްއެންޕީން ކޯލިޝަން އެއްބަސްވުމެއްގައި ދެންމެ ސޮއިކޮށްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޕީޕީއެމް/ޕީއެންސީ އާއި އެމްއެންޕީން ކޯލިޝަން އެއްބަސްވުމެއްގައި ދެންމެ ސޮއިކޮށްފި އެވެ.

މީރުމާ މާލަމުގައި ކުރިއަށް ގެންދާ ރަސްމިއްޔާތެއްގައި ޕީޕީއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ އެވެ. އެމްއެންޕީން ސޮއިކުރެއްވީ އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އަބްދުއްރަހީމް ވިދާޅުވީ ކޯލިޝަން އެއްބަސްވުން ހެދީ މާބޮޑެތި އަހުދުތަކެއް ހިމަނައިގެން ނޫން ކަމަށާއި ދެ ފަރާތުން ވެސް ވާހަކަ ދެއްކީ ގައުމު ސަލާމަތް ކުރުމަށް އެކުގައި މަސައްކަތް ކުރުމަށް ކަމަށެވެ.

"މީގައި ފޮތިފޮތިކޮށްފައި ކެބިނެޓާއި ކުންފުނިތައް ބަހާ ވާހަކައެއް ނުލިޔަން. މައިގަނޑު ގޮތެއްގައި ބެލީ މި އިންތިހާބު ކާމިޔާބު ކުރަން. އެކުގައި މަސައްކަތް ކުރާއިރު ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު މަސައްކަތް ކުރުން އެއީ މައިގަނޑު އެއްބަސްވުމަކީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުވެއްޖެ ނަމަ ސަރުކާރެއް އެކުލަވައިލާއިރު، އެކިއެކި މަގާމުތައް ދޫކުރާނެ ގޮތްތަކާ ބެހޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން ނާޒިމް ވިދާޅުވީ، އެ އިހުތިޔާރު ދޫކޮށްލެއްވީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ކަމަަށެވެ.

"އަޅުގަނޑުމެންގެ މުޅި އަމާޒު އޮންނާނީ މި އިންތިހާބު ކާމިޔާބު ކުރުން. އެކުގައި މަސައްކަތް ކުރެވޭނެ މާހައުލަކަށް އެގްރީމަންޓް ތައްޔާރުކޮށް ނިމިފައި އޮތީ. އަޅުގަނޑު ތަކުރާރުކޮށް ދަންނަވަން އޮތީ އަޅުގަނޑުމެން ސާބިތުކަމާ އެކު ޑރ. މުއިއްޒާ އެކު ތިބެ މި އިންތިހާބު ބޮޑު ތަނުން ކާމިޔާބު ކުރާނަން،" ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވާހަކަ ދައްކަވަނީ: ފްރޭމް ކުރި މައްސަލަ އަކީ މާޒީ ކަމަށް ވިދާޅުވި - ފޮޓޯ: ނިޝާން އަލީ / މިހާރު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވާހަކަ ދައްކަވަނީ: ފްރޭމް ކުރި މައްސަލަ އަކީ މާޒީ ކަމަށް ވިދާޅުވި - ފޮޓޯ: ނިޝާން އަލީ / މިހާރު

ނާޒިމް ވިދާޅުވި ގޮތުގައި، އެ ކޯލިޝަން ސަރުކާރެއް އަތުވެއްޖެ ނަމަ އެމްއެންޕީގެ އެއްވެސް ޑިމާންޑެއް ނޯންނާނެ ކަމަށެވެ. ޝަރުތެއް ނެތި ޑރ. މުއިއްޒު ވިދާޅުވާ ކަމެއް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު މި ހުރީ ޑރ. މުއިއްޒު ވިދާޅުވި ކަމެއްގައި އެ ކަމަށް އެހީތެރިވެ ދޭން ތައްޔާރަށް. އަޅުގަނޑު ގަބޫލުކުރަން ރަނގަޅު ސަރުކާރަކާ އެކު އަޅުގަނޑުމެންނަށް މަސައްކަތް ކުރެވިދާނެ ކަމަށް. އެ އިތުބާރާ އެކީގައި އައިސް މަސައްކަތް ކުރަނީ،" ނާޒިމް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނާޒިމް ފިސްތޯލައެއް ގެންގުޅުއްވި ކަމަށް ބުނެ ދައުވާކޮށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. ސަރުކާރު ބަދަލުވުމާ އެކު އެ ހުކުމުން މިނިވަންވުމަށްފަހު ނާޒިމް ވިދާޅުވެފައިވަނީ ދުވަހަކު ވެސް ޔާމީންއާ އެކު ސިޔާސީ މަސައްކަތެއް ނުކުރައްވާނެ ކަމަށެވެ.

ނަމަވެސް، މިއަދު ނާޒިމް ވަނީ ޔާމީންގެ ލީޑަޝިޕް ހިންގަވާ ޕީޕީއެމް/ޕީއެންސީއާ އެކު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މަސައްކަތް ކުރުމަށް ކޯލިޝަން ހަދާފަ އެވެ. އެ ނިންމުމާ އެކު ނާޒިމަށް އެންމެ ބޮޑަށް އަމާޒުވި ސުވާލަކީ، ފްރޭމްކުރި މައްސަލަ ހަނދާން ނައްތާލައި، ޔާމީނަށް މާފުކުރީތޯ އެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވީ އޭނާ ފްރޭމްކުރި މައްސަލައަކީ މިހާރު މާޒީ ކަމަށާއި މާޒީއަށް ބަލައިގެން މިހާރު ކަމެއް ކުރެވޭކަށް ނޯންނާނެ ކަމަށެވެ.

ޕީޕީއެމް/ޕީއެންސީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ޔާމީން ވަނީ ހުރިހާ ޕާޓީއަކާ އެކު ކޯލިޝަން ހަދަން ރުހުން ދީފައި - ފޮޓޯ: ފަޔާޒު މޫސާ \ މިހާރު

ޕީޕީއެމް/ޕީއެންސީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ޔާމީން ވަނީ ހުރިހާ ޕާޓީއަކާ އެކު ކޯލިޝަން ހަދަން ރުހުން ދީފައި - ފޮޓޯ: ފަޔާޒު މޫސާ \ މިހާރު

"އެކަން އެ އޮތީވެފައި. އެކަން ނުވާ ކަމަކަށް ނުވާނެ. އަޅުގަނޑު އަބަދުވެސް ބަލަނީ މުސްތަގުބަލު އުޖާލާ ކުރަން. މި މަސައްކަތް ކުރަނީ ރައްޔިތުންނަށް އުޖާލާ ޒަމާނެއް ގެނެސްދޭން. ޕީޕީއެމް/ޕީއެންސީއާ ގުޅިގެން އެކަން ކުރެވޭނެ،" ނާޒިމް ވިދާޅުވި އެވެ

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި ނާޒިމަށް ލިބިފައިވަނީ 1،907 ވޯޓެވެ. އެއީ އިންތިހާބުގައި ދެވަނައަށް އެންމެ މަދުން ވޯޓު ލިބުނު ކެންޑިޑެޓެވެ. ނާޒިމް ވިދާޅުވީ އެ އަދަދަކީ އެ ޕާޓީގެ މެންބަރުންގެ އަދަދު ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

ރައްޔިތުން ތިބީ ބަދަލަށް ބޭނުންވެފައި ކަމަށާއި ކެމްޕެއިންގެ ވަކި ހިސާބަކުން އެއްވަނަ، އަދި ދެވަނައަށް ނުދާނެ ކަން ޔަގީންވުމުން ދެވަނަ ވިސްނުމަކަށް ސަޕޯޓަރުން ދިޔައީ ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި، އޭނާ ގަބޫލުކުރާ ގޮތުގައި ގިނަ ސަޕޯޓަރުން ވޯޓުލާފައިވަނީ މުއިއްޒަށް ކަމަށާއި އެއީ، ދެ ޕާޓީއަކީ އެއް ފިކުރަކަށް ވާތީ ކަމަށް ނާޒިމް ވިދާޅުވި އެވެ.