08 އެޕްރީލް 2022
މިއީ އުންމީދެކެވެ؛ ދަނޑުވެރިންގެ އުންމީދުތައް އެތައް ޒަމާނަކަށް ފަހު ކުލަޖެހުން ކަމަށް ވެސް ވެދާނެ އެވެ. ކުރިއާ ހިލާފަށް، ހެއްދި ތަރުކާރީކޮޅު ކަނޑުގަދަވެގެން، ވިއްސާރަވެގެން، ނުވަތަ ބޯޓެއް ނެތިގެން މާލެ ނުފޮނުވި އުކާލާކަށް ނުޖެހޭނެ އެވެ. އެ ޔަގީންކަން ދެނީ އެގްރޯނެޓުންނެވެ.
މިއީ އުންމީދެކެވެ؛ ދަނޑުވެރިންގެ އުންމީދުތައް އެތައް ޒަމާނަކަށް ފަހު ކުލަޖެހުން ކަމަށް ވެސް ވެދާނެ އެވެ. ކުރިއާ ހިލާފަށް، ހެއްދި ތަރުކާރީކޮޅު ކަނޑުގަދަވެގެން، ވިއްސާރަވެގެން، ނުވަތަ ބޯޓެއް ނެތިގެން މާލެ ނުފޮނުވި އުކާލާކަށް ނުޖެހޭނެ އެވެ. އެ ޔަގީންކަން ދެނީ އެގްރޯނެޓުންނެވެ.
"އަޅުގަނޑުމެންގެ މަސައްކަތްތަކުގެ އެންމެ ބޮޑު ފޯކަސް އަކީ ވެސް ދަނޑުވެރިންނަކީ ހަމައެކަނި ދަނޑު ހައްދާ ބަޔަކަށްވެ، އަޅުގަނޑުމެންނަކީ މާކެޓް ކުރާ ބަޔަކަށް ވުން،" އެގްރޯނެޓްގެ މެނެޖިން ޑިރެކްޓަރު ހާރޫން ރަޝީދު ވިދާޅުވި އެވެ.
ވަރަށް ކުޑަ ގޮތަކަށް ފަށައިގަތް ނަމަވެސް އެގްރޯނެޓުން މިހާރު އަންނަނީ ވަރަށް ބާރަށް މަސައްކަތްތައް ކުރަމުންނެވެ. ހާރޫން ވިދާޅުވި ގޮތުގައި ކޮވިޑަށް ފަހު، އެންމެ ހައެއްކަ މަސް ތެރޭގައި ކުރި މަސައްކަތުން ވެސް ފެނުނީ ދަނޑުވެރިކަމުގެ ވަރަށް އަލި ކުރިމަގެއް އޮތް ތަނެވެ.
އެގްރޯނެޓުގެ ދަނޑުވެރިޔަކު ލ. އަތޮޅުގައި ހެއްދި ކަރާތަކެއް -- ފޮޓޯ: އެގްރޯނެޓް
"ދަނޑުވެރިކަމަކީ ރާއްޖޭގައި ވަރަށް ފުޅާކުރެވިދާނެ ކަމެއް. ދަނޑުވެރިކަމުގެ ސިނާއަތަށް ހުރި ގޮންޖެހުންތައް ބައިވަރު. މި ސިނާއަތަށް ބޭނުންވާ ވަރަށް ގިނަ ކަންކަން އެބަހުރި،" ހާރޫން، އިއްޔެ ވިދާޅުވި އެވެ.
"އެކަމަކު ޕްލޭން ކުރެވިގެން މަސައްކަތްތަކެއް ކުރެވިއްޖިއްޔާ ސަރުކާރަށް ވެސް، އަދި ރައްޔިތުންނަށް ވެސް ވަރަށް ރަނގަޅު ނަތީޖާއެއް ލިބިދާނެ މިކަމުން."
"އެކަމަކު ޕްލޭން ކުރެވިގެން މަސައްކަތްތަކެއް ކުރެވިއްޖިއްޔާ ސަރުކާރަށް ވެސް، އަދި ރައްޔިތުންނަށް ވެސް ވަރަށް ރަނގަޅު ނަތީޖާއެއް ލިބިދާނެ މިކަމުން."
އެގްރޯނެޓް ސަރުކާރުން އުފެއްދީ 2020 ގަ އެވެ. ސަރުކާރުގެ ސިޔާސަތަކަށްވީ، ދަނޑުވެރިކަން ކުރިއަރުވައި، އެކި ބާވަތްތައް ހައްދައި ރާއްޖެ އަށް އެ ބާވަތްތައް އެތެރެކުރާ ވަރު މަދުކުރުމެވެ. އޭގެ ތެރޭގައި ހިމެނެނީ ތަރުކާރީގެ 17 ބާވަތެވެ. އެއީ ރާއްޖޭގައި އާންމުކޮށް އެންމެ ގިނައިން ބޭނުން ކުރާ ބާވަތްތަކެވެ.
"މި ކުރެވުނު މަސައްކަތުން، ޖެނުއަރީގެ ތެރޭގައި އެކި ބާވަތްތަކުން ހެއްދިފައި އެބަހުރި 66،000 ކިލޯގެ އަދަދުތަކެއް،" ހާރޫން ވިދާޅުވި އެވެ.
އެގްރޯނެޓްގެ ޓީމެއް ލ. އަތޮޅުގައި -- ފޮޓޯ: އެގްރޯނެޓް
"ރޯދަ މަހަށް އަޅުގަނޑުމެންގެ ދަނޑުވެރިން ހެއްދި 120 ޓަނުގެ ކަރާ އެބަހުރި ބާޒާރަށް ނެރުމުގެ މަގުމަތީގައި. މިހާރު ވެސް އޭގެ ތެރެއިން 20 ޓަނުގެ ކަރާ ބާޒާރަށް ނެރެފިން. ހަގީގަތުގައި ކަރާގެ އަގު ބާޒާރުގައި ކޮންޓްރޯލް ވެފައި މިހުރީ އަޅުގަނޑުމެން ވެސް ކުރި މަސައްކަތުން."
ހާރޫން ވިދާޅުވީ ދަނޑުވެރިންނަށް ބޭނުންވަނީ އެހީތެރިކަން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގަައި، 68 ރަށަކަށް ވަޑައިގެން ދަނޑުވެރިންނާ ދެއްކި ވާހަކަތަކުން މުހިންމު ތިންް ކަމެއް ސާފުވި ކަމަށެވެ.
"އެއް މައްސަލައަކީ މިކަން ކުރަނީ ރަނގަޅަށް މައުލޫމާތު ލިބިގެން ނޫންކަން. ދެވަނަ ކަމަކީ އެ މީހުން އުފައްދާ ބާވަތްތައް މާކެޓް ކުރުމުގައި ހުރި ދަތިތައް. ވިއްސާރަ ވެގެން ލިބޭ ގެއްލުންތައް ބެއާ ކުރުމާއި، ބޯޓެއް ނެތިގެން އެކަން ނުކުރެވުމާއި ދޯންޏެއް ނެތިގެން އެ ނުވިއްކިގެން އުޅޭ މައްސަލަތައް އެބަހުރި،" ހާރޫން ވިދާޅުވި އެވެ.
"އަނެއް ކަމަކީ ދަނޑު ހައްދަން ބޭނުންވާ ސާމާނު ހެޔޮ އަގުގައި ފަސޭހަ ކަމާ އެކު ލިބޭނެ ގޮތެއް ނެތުން. ހަގީގަތުގައި ވެސް އެ މީހުން އެތަކެތި ގަނެގެން އެކަން އެ ކުރަނީ ވަރަށް ބޮޑު އަގުގައި."
ހާރޫން "މިހާރު" އަށް އިއްޔެ އިންޓަވިއު ދެއްވަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެކަމަކު، ހާރޫން ދެއްވި ޔަގީން ކަމަކީ، އެ ހުރިހާ ކަމަކަށް ވެސް ހައްލު ހޯއްދަވައިދެއްވާނެ ކަމެވެ. އޭނާ ވިދާޅުވި ގޮތުގައި އެގްރޯނެޓާ އެކު އެއްބަސްވުން ހަދާފައިވާ ދަނޑުވެރިންނަށް ލިބޭނެ އެންމެ ބޮޑު ޔަގީން ކަމަކީ ދަނޑުން ތަރުކާރީ ކެނޑުމާ އެކު އޭނާގެ ޖީބަށް ވަގުތުން ފައިސާ ވަންނާނެ އެވެ.
"ދަނޑުވެރިޔާގެ ކަމަކީ ހަމަ އެކަނި ހެއްދުން. އޭގެ ފަހުން ދެން ހުރި ހުރިހާ ކަމެއް ކުރާނީ އަޅުގަނޑުމެން."
"ދަނޑުވެރިޔާގެ ކަމަކީ ހަމަ އެކަނި ހެއްދުން. އޭގެ ފަހުން ދެން ހުރި ހުރިހާ ކަމެއް ކުރާނީ އަޅުގަނޑުމެން."
އެގްރޯނެޓާ އެކު އެއްބަސްވުން ހަދައިގެން ދަނޑުވެރިކަން ކުރަން މިހާރު ވެސް 1800 އެއްހާ ފޯމް ލިބިފައިވާ ކަމަށް ހާރޫން ވިދާޅުވި އެވެ. އޭގެ ތެރެއިން 33 ރަށަކުން 717 ދަނޑުވެރިއަކާ އެކު އެއްބަސްވުން ވަނީ ހަދައިފަ އެވެ. އަދި އެ މީހުން މިހާރު ވެސް އަންނަނީ ދަނޑު ހައްދަމުންނެވެ.
"ކޮންޓްރެކްޓް ފާމިންއަކީ ދެ ފަރާތް އެއްބަސްވާ ގޮތަކަށް ދަނޑުވެރިކަން ކުރުން. މީގައި ދަނޑުވެރިޔާގެ ތިން ޝަރުތެއް އޮންނަން ޖެެހޭ. އެއް ކަމަކީ ސީދާ ދަނޑުވެރި ކަމަށް ރަސްމީކޮށް މަދުވެގެން ދެ އަހަރަށް ލިބިފައިވާ ބިމެއް އޮތުން. އަނެއް ކަމަކީ އަޅުގަނޑުމެންގެ އިރުޝާދާ އެކު ދަނޑުތަކުގައި މަސައްކަތް ކުރުން. އަދި ދެ ފަރާތް އެއްބަސްވާ އަގެއްގައި އެ ތަކެތި ގަތުން،" ހާރޫން ވިދާޅުވި އެވެ.
އޭގެ އިތުރުން ދެން ހުރި ހުރިހާ މަސައްކަތެއް ކުރާނީ އެގްރޯނެޓުންނެވެ. ހާރޫން ވިދާޅުވީ ހުރިހާ ރަށެއްގައި ހެން އެގްރޯނެޓްގެ މީހުން ތިބޭނެ ކަމަށާއި ދަނޑުވެރިންނަށް ބޭނުންވާ މައުލޫމާތާއި އެހީތައް އެ މީހުން ފޯރުކޮށްދޭނެ ކަމަށެވެ.
"އެތަކެތި އަޅުގަނޑުމެން ވިއްކާނީ. އަޅުގަނޑުމެން އެތަކެތި މި ގަންނަނީ ދަނޑުވެރިޔާ އަށް ގެއްލުމެއް ނުވާނެ ގޮތަށް."
ކަނޑޫދޫ ސްކޫލުގައި އެގްރޯނެޓުން ކުރިއަށް ގެންދިޔަ ހައިޑްރޮޕޯނިކްސް މަޝްރޫއު -- ފޮޓޯ: އެގްރޯނެޓް
އޭގެ މިސާލެއް ވެސް ހާރޫން ދެއްކެވި އެވެ.
"މީގެކުރިން ބައެއް ފަހަރު ދަނޑުވެރިން ނުއަގުގައި ވެސް އެބަ އެއްޗެހި ވިއްކަން ޖެހޭ. މިސާލަކަށް ދާދިފަހުން ތޮރާ 5ރ. އަށް ވެސް ވިއްކި. އެކަމަކު އަޅުގަނޑުމެންގެ ދަނޑުވެރިންނަށް އޭރު ވެސް 10ރ. ތޮރައަކަށް ދިނިން."
ހާރޫން ވިދާޅުވި ގޮތުގައި މައްސަލަ އަކީ ދަނޑުވެރިޔާ ވިއްކާ އަގަށް ވުރެ ބޮޑު އަގެއް އާންމުން އެ ގަންނަން ކުރަން ޖެހޭ ހޭދަ މާ ބޮޑުވުމެވެ.
"ދޮންކެޔޮ ކިލޯއެއް ހައްދަން މިދަނީ އަށެެއްކަ ރުފިޔާ. ދޮންކެޔޮ ކިލޯއެއް އަޅުގަނޑުމެން ދަނޑުވެރިޔާގެ އަތުން މި ގަންނަނީ 22-23ރ. އަށް. އެއަށް ޓްރާންސްޕޯޓާއި އެހެން ހުރިހާ އެއްޗެހި އިންކްލޫޑް ކޮށްފައި 28-30ރ. އަށް ބާޒާރަށް މި ވިއްކަނީ. އެކަމަކު ހަގީގަތަކީ އާންމު މީހާއާ މި ވިއްކަނީ 60ރ. އަށް."
އެކަން ހައްލުވާނީ، ހާރޫން ގަބޫލުކުރައްވާ ގޮތުގައި ޑިމާންޑް ދުއްވާލައިގެންނެވެ. އޭގެ މާނައަކީ، އޭނާ ވިދާޅުވި ގޮޮތުގައި، "އިތުރަށް ހައްދަންވީ" އެވެ.
ދަނޑުވެރިންގެ އުފެއްދުންތަކަށް ރާއްޖޭގައި ވަރަށް ބޮޑު މާކެޓެއް އެބައޮތް ކަމަށް ހާރޫން ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ ބޭނުންތަކަށް ބޭނުންވާ ވަރު ވެސް އަދި މިއުޅެނީ ނުވެގެންނެވެ.
ރަށެއްގައި އެގްރޯނެޓުން ދަނޑުވެރިންނަށް މައުލޫމާތު ދެނީ -- ފޮޓޯ: އެގްރޯނެޓް
"އަދި ކޮބައިތޯ ރިސޯޓްތައް، އެހެން ވިޔަފާރިތައް،" އޭނާ ވިދާޅުވި އެވެ.
"މިއަދު އެބައޮތް ބިމުގެ މާ ބޮޑު ބައެއް ބޭނުން ނުކޮށް ވެސް މިކަން ކުރެވެން. ޓެކްނޮލޮޖީގެ އެހީގައި މިކަން ކުރެވިދާނެ ވަރަށް ކުޑަކުޑަ ބިމެއްގައި ވަރަށް ކުޑަ ހަރަދަކުން ވެސް. މާކެޓް އެބައޮތް. ހައި އެންޑް ރިސޯޓްތައް އެބަހުރި. ކެމިކަލް އާ ނުލައި ތިމާވެއްޓާ ރައްޓެހި ގޮތަކަށް އުފައްދައިގެން ރިސޯޓްތަކަށް ވިއްކުމުގެ ކުރިމަގު އެބައޮތް."
މިހާތަނަށް ވެސް އެގްރޯނެޓުން ކުރި ތަޖުރިބާއަކީ، އެއްވެސް އެއްޗެއް ކުނިވެގެން އުކާލަން ނުޖެހުމެވެ. ހާރޫން ވިދާޅުވި ގޮތުގައި ބާޒާރަށް ނެރޭ ދުވަހު ވިކި ހުސްވެ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ދަނޑުވެރިކަމުން މީހެއްގެ ދިރިއުޅުން ވެސް މިހާރު ބަދަލުކޮށްލެވިދާނެ އެވެ.
"3000 އަކަފޫޓުގެ ޖާގައިގައި ކިއުކަންބާ ހައްދާ ކަމަށް ވަންޏާ ތަނެއް ހަދަން ދާނީ ގާތްގަނޑަކަށް ގިނަވެގެން 120000ރ. ވަރު. އޭގެ ކޮސްޓް އެބަ ކަވަރުވޭ ދެ މަސް ތެރޭގައި."
"މިސާލަކަށް ހައިޑްޕޯނިކްސް... 3000 އަކަފޫޓުގެ ޖާގައިގައި ކިއުކަންބާ ހައްދާ ކަމަށް ވަންޏާ ތަނެއް ހަދަން ދާނީ ގާތްގަނޑަކަށް ގިނަވެގެން 120000ރ. ވަރު. އޭގެ ކޮސްޓް އެބަ ކަވަރުވޭ ދެ މަސް ތެރޭގައި. އިތުރަށް ދެން މާ ބޮޑު ހަރަދެއް ކުރާކަށް ނުޖެހޭނެ. ފެނުން ހައްދާ އެއްޗެއް އެއީ. ލެޓިއުސް ވެސް މިހާރު މީހުން ހައްދާ އެގޮތަށް."
އެގްރޯނެޓުން ދެން ދާނީ ވެސް އެ މިސްރާބަށެވެ. ހަރަދު ކުޑަ، ޒަމާނީ ދަނޑުވެރިކަމާ ދިމާއަށެވެ. ހާރޫން ވިދާޅުވި ގޮތުގައި ދަނޑުވެރިން އުފައްދާ ބާވަތްތައް ގަނެ ވިއްކުމުގައި ކުރިއަށް އޮތްތާނގައި ވަރަށް ބޮޑު ފަސޭހަތަކެއް ލިބޭނެ މަޝްރޫއުތަކެއް މިހާރު އަންނަނީ ރާވަމުންނެވެ. އޭރުން، އެކި ސަރަހައްދުތަކުގައި ގަނެ ރައްކާ ކުރުމުގެ ކެޕޭސިޓީ އިތުރުވެ، އެހެން ދަނޑުވެރިންގެ އުފެއްދުންތައް ވެސް ގަތުމުގެ ގާބިލްކަން އެގްރޯނެޓަށް ލިބޭނެ އެވެ.
އެގްރޯ ކުންފުންޏަށް 1،500 ދަނޑުވެރިންގެ ތަރުހީބު
އެގްރޯނެޓްގެ ހިންގުން ހުއްޓާލައިފި
ދަނޑުވެރިންގެ އުފެއްދުންތައް އުފުލުމަށް "އެގްރި ބޯޓް"
"ދަނޑުތަކުން ބަލި މީހުންގެ މާކެޓެއް އުފައްދައިފި"
އެގްރޯ ނެޓްގެ މެނޭޖިން ޑިރެކްޓަރު ހާރޫން ވަކިކޮށްފި
ލަންކާގެ ދަނޑުވެރިކަން ވެސް ހުއްޓުމަކަށް އަންނަނީ
ދަރަނބޫދޫގައި އިތުރު ދަނޑަކަށް ގެއްލުން ދީފި
ކަރާގެ "ފޮނިކަމެއް ނެތް"، ކީއްވެ؟
ތިން ރަށުގައި ދަނޑުވެރިކަން ކުރާނީ އެގްރޯއަކުން ނޫން
1،500 ދަނޑުވެރިން އެގްރޯނެޓްގައި ރަޖިސްޓަރީވެއްޖެ