Roadha Mihaaru
ކަރާގެ "ފޮނިކަމެއް ނެތް"، ކީއްވެ؟

ކަރާގެ "ފޮނިކަމެއް ނެތް"، ކީއްވެ؟

14 އެޕްރީލް 2022

ރޯދަ މަހެއް އަތުވެއްޖިއްޔާ، އެހެން ނޫނީ ހީވާނީ އެހެން ކަމެއް ހެންނެވެ. ކަރާގެ އަގުތައް އިންތިހާ އަށް މައްޗަށް ދެ އެވެ. ރޯދަ މަހުގެ ވަކި ހިސާބަކުން ކަރާ ހުސްވެ އެއީ ހޯދަން ތަދު އެއްޗަކަށް ވެސް ވެ އެވެ. އެކަމަކު މިހާރު އެ މަންޒަރު މަޑުމަޑުން ބަދަލުވާން ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރޯދަ މަހެއް އަތުވެއްޖިއްޔާ، އެހެން ނޫނީ ހީވާނީ އެހެން ކަމެއް ހެންނެވެ. ކަރާގެ އަގުތައް އިންތިހާ އަށް މައްޗަށް ދެ އެވެ. ރޯދަ މަހުގެ ވަކި ހިސާބަކުން ކަރާ ހުސްވެ އެއީ ހޯދަން ތަދު އެއްޗަކަށް ވެސް ވެ އެވެ. އެކަމަކު މިހާރު އެ މަންޒަރު މަޑުމަޑުން ބަދަލުވާން ފަށައިފި އެވެ.

ކޮންމެ ރޯދަ މަހަކު ވެސް މާރުކޭޓުގައި އެންމެ ގަދަޔަށް ވިކޭ އެކައްޗަކީ ކަރަ އެވެ. އެކަމަކު، މި ރޯދަ މަހު ކަރާގެ ޑިމާންޑް ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ ކަމަށް ވަރަށް ގިނަ ވިޔަފާރިވެރިން ބުނެ އެވެ. މީގެ އަހަރުތަކެއް ކުރިން، ރޯދަ މަހު ހަމައެކަނި ކަރާ ވިއްކަން އެކަނި މާރުކޭޓެއް ހާއްސަ ކޮށްފައި ހުއްޓަސް، ގޮޅިތަކުގައި ކަރާ މިހާރު އެއީ އެވަރުގެ ހާއްސަ ކަމެއް ދޭ އެއްޗެއް ނޫނެވެ. އެ މީހުން ބޭނުންވާ ވަރަށް ނުވެސް ވިކެނީ އެވެ.

ލޯކަލް މާރުކޭޓުގައި ވިއްކަން ބަހައްޓާފައި ހުރި ކަރާތަކެއް -- ފައިލް ފޮޓޯ: ނިޝާން އަލީ /މިހާރު

ލޯކަލް މާރުކޭޓުގައި ވިއްކަން ބަހައްޓާފައި ހުރި ކަރާތަކެއް -- ފައިލް ފޮޓޯ: ނިޝާން އަލީ /މިހާރު

ކަރާގެ ޑިމާންޑެއް ނެތް، ގަންނަ މީހުން ވެސް މަދު

ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގައި ގޮޅިތައް ހިންގާ ބައެއް މީހުން އިއްޔެ ބުނި ގޮތުގައި ބައެއް ގޮޅިތަކުގައި މިހާރު ވެސް ގޮޅި ފުރެންދެން ކަރާ އެބަހުއްޓެވެ. އެކަމަކު ގަންނަ މީހުންގެ އަދަދު އާދަޔާހިލާފަށް ދަށް ކަމަށް އެ މީހުން ބުނެ އެވެ.

"މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުނީ ކަރާގެ ޑިމާންޑް ދަށްވުމުން އަގު ވެސް ދަށް ކުރަން ޖެހިފައިވާ ކަމަށެވެ. ކުރީ އަހަރުތަކުގައި ރޯދަ މަހު އަގު އުފުލޭ ތަކެތީގެ ތެރޭގައި ކަރާ ހިމެނޭއިރު މި އަހަރު އެންމެ އަގުހެޔޮ ތަކެތީގެ ތެރޭގައި ހިމެނެނީ ކަރަ އެވެ. މި ރޯދަ މަސް ފެށުނު އިރު ކިލޯއެއް 25ރ. އަށް ލިބެން ހުރި ކަރާ އިއްޔެ ހުރީ ކިލޯއެއް 20ރ. އަށެވެ.

"ވަރަށް މަދުވެއްޖެ ކަރާ ގަންނަ މީހުން. މިހާރު މީހުން ފަނިގިރަން ގަންނަނީ އެހެން މޭވާ. ނޭނގޭ މި ރޯދަ މަހު ވީ ގޮތެއް. ކުރިން ކަރާ އަބަދު ގެންނަން ޖެހިފައި އޮންނަނީ. އެކަމަކު އަދިވެސް މިހިރީ ކުރީ ފަހަރު ގެނައި ކަރާތައް ނުވިކި،" މާޔޫސްކަމާއެކު އެ މީހާ ކިޔައިދިނެވެ.

ގޮޅިއެއް ހިންގާ އެހެން މީހަކު ވެސް ބުނީ ރޯދަ މަހު މާރުކޭޓުން ވިޔަފާރިކުރާ މީހަކު ވިއްޔާ މީގެ ކުރިން ކަރާ ނުގަނެ އެނބުރި ގެއަށް ނުދާނެ ކަމަށެވެ.

"މިހާރު ފޮތިކޮށްގެން ވެސް އެބަ ވިއްކާ. އެކަމަކު ކަރާއަކީ ބާޒާރުގެ ލިސްޓަށް ކޮންމެހެން ލާ އެއްޗަކަށް މިހާރަކު ނުވޭ،" އޭނާ ބުންޏެވެ.

ރާއްޖޭގެ ކަރައާ ދޭތެރޭ ޝައްކުތަކެއް!

މާރުކޭޓުގައި ވިޔަފާރި ކުރަން ގޮސް ހުރި މީހަކު "މިހާރު" އަށް ބުނީ އޭނާގެ ގެއަށް މި ރޯދަ މަހު އެއްގޮތަކަށް ވެސް އަދި ކަރާ ނުގަންނަ ކަމަށެވެ. އޭނާ ބުނީ އެ ގޭގައި ކަރާ ބޭނުން ކުރުން އެއްކޮށް ހުއްޓާލީ ރާއްޖޭގައި ކަރާ ހައްދާއިރު މާ ގިނައިން ބޭސް ބޭނުން ކުރާކަމުގެ މައުލޫމާތު ލިބިފައިވާތީ ކަމަށެވެ. އަދި އެކަން ރަހަ ބަލާލުމުން ވެސް އެނގޭ ކަމަށް އޭނާ ބުންޏެވެ.

"ކުރިން ގެންނަ ކަރާތައް ފޮނިވެފައި އެހާ މީރު. ކުރިން ރޯދަ ވީއްލާ ވަގުތު ފަނި ނުގިރަންޏާ މޭޒު މަތީގައި ކޮށާފައި ވެސް ކަރާ ބަހައްޓަން. އެކަމަކު ފަހަކަށް އައިސް ގަންނަ ކަރާތަކުގެ ރަހަ ކަމަކު ނުދޭ. އެހެންވެ ދެން ހުއްޓާލީ ކަރާ ގަތުން،" އޭނާ ބުންޏެވެ.

އެހެން މީހަކު ވެސް އެކަމަށް ބާރު ދީ ވާހަކަ ދެއްކި އެވެ؛

"ނޭނގެ ކިޔައިދޭކަން ކޮން ކަހަލަ ރަހައެއްކަން ދެނީ. އެކަމަކު މިހާރު ގެންނަ ކަރާތައް މީރެއް ނޫން. ކުލަ ވެސް ވަރަށް ފަނޑު. ވެދާނެ މާގިނައިން ބޭސް ބޭނުން ކުރާތީ ކަަމަށް ވެސް،" އެ މީހާ ކިޔައިދިނެވެ.

މިދިޔަ އަހަރު ދަތުރުވެރިން މާރުކޭޓުގައި ވިއްކަން ހުރި ކަރާތަކެއް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިދިޔަ އަހަރު ދަތުރުވެރިން މާރުކޭޓުގައި ވިއްކަން ހުރި ކަރާތަކެއް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެގްރޯ ނެޓްގެ މެނޭޖިން ޑިރެކްޓަރު ހާރޫން ރަޝީދު ދާދިފަހުން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ބައެއް ރަށްރަށުގައި ހައްދާ ކާބޯތަކެއްޗަށް އާދަޔާހިލާފަށް ކެމިކަލް އަޅާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"އެގޮތަށް ކެމިކަލް އަޅައިގެން ގޮސް ބައެއް ރަށްރަށުގެ ފެން ފަށަލަ އަށް ވެސް އަސަރު ކޮށްފައި އެބަހުރި،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ދަނޑު ހައްދާއިރު، ކެމިކަލް އަޅަނީ ހަމައެކަނި ކަރާ ހައްދާ އިރަކު އެކަންޏެއް ނޫނެވެ. އެކަމަކު ރޯދަމަހާ ދިމާކޮށް ބާޒާރަށް ނެރެން ބޭނުންވާ ހުރިހާ ތަރުކާރީ/ މޭވާއަކަށް ވެސް ގިނަ އަދަދަކަށް ކެމިކަލް އަޅަ އެވެ. އޭގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ކެމިކަލް ބޭނުން ކުރަނީ ކަރާގަ އެވެ.

"ދަނޑުތައް ހައްދަން ގެނެސްފައި މި ތިބެނީ ބިދޭސީން. އެ މީހުންނަކީ ދަނޑުވެރިންނެއް ނޫން. ހަމަ އާދައިގެ މަސައްކަތު މީހުން. އެ މީހުން ކެމިކަލް މި އަޅަނީ ތަނެއް ދޮރެއް ބަލައިިނުލާ،" މި ރިޕޯޓަށް މައުލޫމާތު ދިން، ރާއްޖޭގައި އެންމެ ގިނައިން ކަރާ ހައްދާ ތޮއްޑޫ ދަނޑުވެރިޔަކު ބުންޏެވެ.

"މި ރަށުގައި އެންމެ ގިނައިން ކެމިކަލް އަޅާނީ ވެސް. އެއީ އެންމެންނަށް ވެސް އެނގޭ ކަމެއް. ކޮންމެ ދަނޑުވެރިޔަކު ވެސް ބޭނުންވާނެ ރޯދަ އަށް ކަރާ ކަނޑަން. ކެމިކަލް އަޅާ ވަރަކަށް ހެދޭލެއް އަވަސްކަން އެއީ އެންމެންނަށް ވެސް އެނގޭ ކަމެއް."

"މި ރަށުގައި އެންމެ ގިނައިން ކެމިކަލް އަޅާނީ ވެސް. އެއީ އެންމެންނަށް ވެސް އެނގޭ ކަމެއް. ކޮންމެ ދަނޑުވެރިޔަކު ވެސް ބޭނުންވާނެ ރޯދަ އަށް ކަރާ ކަނޑަން. ކެމިކަލް އަޅާ ވަރަކަށް ހެދޭލެއް އަވަސްކަން އެއީ އެންމެންނަށް ވެސް އެނގޭ ކަމެއް."

ކަރައިގެ ރަހައަށް އައި ހަގީގީ ބަދަލަކީ، އާންމުން އެއާ ދޭތެރޭ ކުރި ޝައްކެވެ. އާންމުންގެ ތެރޭގައި އެ ވާހަކަ ވަރަށް ގަދައަށް ދެކެވެ އެވެ.

"ބައެއް ރަށްރަށުގައި ހައްދާ ކަރާ ބޮމެއްހެން އެބަ ގޮވާ. އެވަރަށް ކެމިކަލް އަޅާފައި އެބަހުރޭ،" މާރުކޭޓުގައި ގޮޅިއެއް ހިންގާ މީހަކު ބުންޏެވެ.

"ކަރާ ފަޅާލީމަ ވެސް އޭގެން ނުކުންނާނީ ފޮނުގަނޑެއް."

ކަރާ މަތިން ފޫހި ވެސް ވެއްޖެ

ރޯދަ މަހު ރޯދަ ވީއްލާ ވަގުތު އާންމު ބުއިމެއްގެ ގޮތުގައި ހުރި ކަރާ ބައެއް ގޭގޭގައި ސުފުރާ މަތިން މިހާރު އެއްގޮތަކަށް ވެސް ނުފެނެ އެވެ. އެ އާދަ މިހާރު މާޒީއާ އެކުވެއްޖެ އެވެ. ރޯދަ ވީއްލަން ކަރާ ފަނި ހުރުން އެއީ ބައެއް މީހުންނަށް މުހިންމު ކަމެއް ނޫނެވެ. އޭގެ ބަދަލުގައި މިހާރު މީހުން ބަލަނީ ކޮންމެ ދުވަހަކު ވެސް ތަފާތު ވައްތަރެއްގެ ބުއިމެއް ތައްޔާރު ކުރެވޭތޯ އެވެ.

ލޯކަލް މާރުކޭޓު ސަރަހައްދުގައި މީހަކު ކަރާތަކެއް ގެންދަނީ.-- ފައިލް ފޮޓޯ: ނިޝާން އަލީ /މިހާރު

ލޯކަލް މާރުކޭޓު ސަރަހައްދުގައި މީހަކު ކަރާތަކެއް ގެންދަނީ.-- ފައިލް ފޮޓޯ: ނިޝާން އަލީ /މިހާރު

އަންހެނަކު ބުނީ އޭނާ ރޯދަ ވީއްލަން ޖޫސް ހަދަނީ ކޮންމެ ދުވަހަކު ތަފާތު ރެސިޕީތައް ބަލައިގެން ކަމަށެވެ. އޭގެ ސަބަބުން ރޯދަ ވީއްލަން ތައްޔާރުކޮށްފައި ހުންނަ ސުފުރާމަތި ރީތިވާ ކަމަށާއި ފޮޓޯ އަށް ވެސް ރީތި ކަމަށެވެ.

"މިހާރު ދެން މޭޒުމަތި ވަރަށް ރީތިކޮށް ދޯ ކޮންމެ ބަޔަކު ވެސް ބަހައްޓާނީ. އޭރުން ފޮޓޯ އަށް ވެސް ރީތިވާނީ. އެހެންވެ އާ ރެސިޕީތަކަށް ކާއެއްޗެއްހި ވެސް ބޯއެއްޗެހި ވެސް ތައްޔާރު ކުރަނީ. މި ގެއަށް ކަރާ އެވަރަށް ބޭނުން ނުވަނީ އެހެންވެ،" އޭނާ ބުންޏެވެ.

ރެސްޓޯރަންޓެއް ހިންގާ ވިޔަފާރިވެރިޔަކު ވެސް ބުނީ ތަފާތު ބުއިންތަކެއް އާންމުން މިހާރު ބޭނުންވާ ކަމަށެވެ. އޭނާ ބުނީ ރެސްޓޯރަންޓްތަކުގައި ރޯދަ މެނޫގައި ކަރާ ފަނި ހިމެނުން އެއީ އެންމެ މުހިންމު ކަންތައް ކަމަށް އޮތް އޮތުން ބަދަލުވެއްޖެ ކަމަށެވެ.

"އެއީ މިހާރު ކުރީގެ ކަމެއް. މިހާރު އެހެން މޭވާތަކުގެ ޖޫސް މީހުންނަށް މާ ކަމުދޭ،" އޭނާ ބުންޏެވެ.