Roadha Mihaaru

ރިސޯޓް ހަދަން އަތުލި މާމަޑުއްވަރީ އަލުން ހިތާދޫގެ ރައްޔިތުންނަށް ދެނީ

ރިސޯޓެއް ހަަދަން ދޫކޮށް މިހާތަނަށް އެއްވެސް މަސައްކަތެއް ނުކޮށް އޮތް ބ. މާމަޑުއްވަރީ، އެ އަތޮޅުގެ ހިތާދޫ ރައްޔިތުންނާ އަލުން ހަވާލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.

ރިސޯޓް ހަދަން ނެގި މާމަޑުއްވަރީ އަލުން ހިތާދުއަށް ދެނީ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

13 އޯގަސްޓް 2025

ރިސޯޓެއް ހަަދަން ދޫކޮށް މިހާތަނަށް އެއްވެސް މަސައްކަތެއް ނުކޮށް އޮތް ބ. މާމަޑުއްވަރީ، އެ އަތޮޅުގެ ހިތާދޫ ރައްޔިތުންނާ އަލުން ހަވާލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.

ބ. އަންހެންފުއްޓާއި މާމަޑުއްވަރިއަކީ ހިތާދުއަށް ދީފައި އޮތް ދެ ރަށެވެ. ނަމަވެސް ފަހުން ރިސޯޓް ހަދަން އެ ދެ ރަށް އަތުލީ އެވެ.

މާމަޑުއްވަރީގައި ރިސޯޓެއް ހަދަން ހަވާލުކޮށްފައި އޮތީ ކޯސްޓްލައިން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ އެވެ. ނަމަވެސް މިއަދާ ހަމައަށް އެ ރަށުގައި އެއްވެސް މަސައްކަތެއް ނުކުރެ އެވެ.

ބ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވާ ދަތުރުފުޅުގައި މިއަދު ހިތާދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ ކޯސްޓްލައިނާ އެކު ސަރުކާރުންވެފައިވާ އެއްބަސްވުމާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ނުދާ ކަމަށެވެ.

އެހެންވެ، ޓޫރިޒަމް މިނިސްޓްރީ އާއި އެޖާނީ ޖެނެރަލް (އޭޖީ)ގުޅިގެން އެ ރަށުގެ އެއްބަސްވުން ބާތިލް ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެއްބަސްވުން ބާތިލު ކުރުމުގެ މަސައްކަތް ނިމުނުހާ އަވަހަކަށް ހިތާދޫގެ ރައްޔިތުންނާ މާމަޑުއްވަރީ ހަވާލުކުރާނެ އެވެ.

ހިތާދޫގެ ކޮންމެ މީހަކަށް ފައިދާވެ، ރަށުގެ ތައްރައްގީއަށާއި ރައްޔިތުންގެ އިގްތިސާދީ ކުރިއެރުމަށް މުއްސަނދިކަން ލިބޭ ގޮތަށް މާމަޑުއްވަރީ ބޭނުންކުރަން ރައީސް އިލްތިމާސްކުރެއްވި އެވެ.