Roadha Mihaaru
"ދަނޑުތަކުން ބަލި މީހުންގެ މާކެޓެއް އުފައްދައިފި"

ކެމިކަލް ދަނޑުތަކުން ބަލި މީހުންގެ މާކެޓެއް އުފައްދައިފި: ބޮންޑޭ

17 އެޕްރީލް 2023

ކެމިކަލް ޖަހައިގެން ހައްދާ ދަނޑުތަކުން ބަލި މީހުންގެ މާކެޓެއް އުފައްދާފައިވާ ކަމަށް ވިދާޅުވެ، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކެމިކަލް ޖަހައިގެން ހައްދާ ދަނޑުތަކުން ބަލި މީހުންގެ މާކެޓެއް އުފައްދާފައިވާ ކަމަށް ވިދާޅުވެ، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުން ބޮންޑޭ ވިދާޅުވީ ދަނޑުތަކުގައި މިހާރު ގިނައިން އުޅެނީ ބިދޭސީން ކަމަށާއި އެ މީހުން ގިނައިން ފައިސާ ހޯދަން ކެމިކަލާއި ފާޑުފާޑު އެއްޗެހި އަޅައިގެން ތަކެތި އުފައްދައި ބާޒާރުގައި ވިއްކާ ކަމަށެވެ. ދިވެހި ދަނޑުވެރިންނަކީ، ބޮންޑޭ ވިދާޅުވި ގޮތުގައި، އެ އެގޮތަށް ދަނޑުވެރިކަން ކުރަން ބޭނުންވާ ބައެއް ނޫނެވެ.

ދިވެހިން ދަނޑު ހައްދާ ނަމަ ސަބްސިޑީ ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިޔާން ހުށަހެޅުއްވި ގަރާރުގައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދަނޑުވެރިންނަށް ދޭން ފެށި ސަބްސިޑީ އަލުން އިއާދަކޮށްދިނުމަށެވެ. ބޮންޑޭ ވެސް ވިދާޅުވީ އެއީ ދިވެހި ދަނޑުވެރިންނަށް މުހިއްމު ގަރާރެއް ކަމަށެވެ. ނަމަވެސް، އޭނާގެ މައިގަނޑު ކަންބޮޑުވުމަކަށް ވަނީ ދަނޑުތަކުގައި ކެމިކަލް ބޭނުންކުރާ ގޮތް މޮނީޓާ ނުކުރެވުމެވެ.

"ބަލި މީހުންގެ މާކެޓެއް އުފައްދައިފި." ބޮންޑޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިވެހިން ރަނގަޅު ސިއްހަތެއްގައި ތިބޭ ނަމަ ދައުލަތުން ބޭސްފަރުވާއަށް ކުރަންޖެހޭ ހަރަދު ވަރަށް ކުޑަވެގެންދާ ކަމަށެވެ. ނަމަވެސް، މި ފަސް އަހަރުގެ ތެރޭގައި ވެސް އާސަންދަ އާއި އެންސްޕާއަށް ވަރަށް ބޮޑު ބަޖެޓެއް ފާސްކޮށްފައިވާ ކަމަށާއި އޭގެ ބޮޑު ބައެއް ދަނީ ކާނާއާ ގުޅުންހުރި ކެންސަރާއި އެތެރެހަށީގެ ބޮޑެތި މައްސަލަތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މީހުން އުޅޭ ތަންތަނުގައި ކެމިކަލްތައް ގުދަންކުރާ ކަމަށާއި މުޅި ރާއްޖެ މި އޮތީ ކެމިކަލަށް ވެފައި ކަމަށް ވެސް ބޮންޑޭ ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި ބޮންޑޭ ވާހަކަ ދައްކަވަނީ.-- ފޮޓޯ: މަޖިލިސް

މަޖިލީހުގެ ޖަލްސާއެއްގައި ބޮންޑޭ ވާހަކަ ދައްކަވަނީ.-- ފޮޓޯ: މަޖިލިސް

"ބުނޭ އިންސާނުން އުފެދެނީ ވެލިންނޭ، އެ ވެލިގަނޑު ކުނިކޮށްފައި ކެމިކަލަށް ހެދީމަ ދެން އުފެދޭ އިންސާނުން ކިހިނެއްތޯ ތިބޭނީ އިއްޒަތްތެރި ރައީސް. ކެމިކަލް އިންސާނުން ނޫންތޯ ތިބޭނީ ދެން. އަޅުގަނޑުމެންގެ ރަށްރަށް، ހާއްސަކޮށް ތޮއްޑޫ އެތައް ޒަމާނެއް ވެއްޖެ ދަނޑު ހައްދާތާ، އެތައް ޒަމާނެއް ވަންދެން ކެމިކަލް އެ ފަސްގަނޑަށް އެޅޭތާ." ބޮންޑޭ ވިދާޅުވި އެވެ.

އެ ރަށެއްގެ ފެންގަނޑުގައި ކެމިކަލް ހުރީ ކިހާ ވަރަކަށްތޯ ބެލުމަކީ އެ ރަށު ކައުންސިލާއި ސަރުކާރުގެ ޒިންމާއަކަށް ވިޔަސް އެކަން ނުކުރާތީ މެމްބަރު ފާޑުވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރަށްރަށުގައި ހައްދަނީ ސިއްހީ ގޮތުން ކާން ރަނގަޅު ކާނާތޯ ކަށަވަރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެކެވެ.

"ކެމިކަލް ހައްދާ މީހާ ކެމިކަލް އަޅާ ނުވަތަ ނަޖިސް އަޅަނީ ދެން އެ ކުރާ ކަމެއް ކޮށްގެން. އެ ހައްދާ އެއްޗެއް ހައްދައިގެން ބާޒާރުގައި އެންމެ ގިނަ ޕްރޮޑަކްޝަން، އެންމެ ގިނައިން އުފައްދައިގެން ގިނަ ލާރި ހޯދުން. އެއީ އެކަމުގެ ތޮބީއީ އޮންނަ ގޮތެއް." އޭނާ ވިދާޅުވި އެވެ.