ދަނޑުވެރިކަމުގެ އުފެއްދުންތައް ކުރިއެރުވުމަށް ޕެސްޓިސައިޑް ބޭނުން ކުރެވޭނެ ގޮތްތައް ކަނޑައަޅައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް ބިލެއް ހުށަހަޅައިފި އެވެ.
22 އެޕްރީލް 2019
ދަނޑުވެރިކަމުގެ އުފެއްދުންތައް ކުރިއެރުވުމަށް ޕެސްޓިސައިޑް ބޭނުން ކުރެވޭނެ ގޮތްތައް ކަނޑައަޅައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް ބިލެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ފެލިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު މަރްޒޫގް ބިލް ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ވަނީ ޕެސްޓިސައިޑް ރާއްޖޭގައި އުފެއްދުމާއި ރާއްޖެ އަށް އިމްޕޯޓް ކުރުމާއި އެކްސްޕޯޓް ކުރުމާއި ވިއްކުމާއި ބޭނުންކުރުމާއި ނައްތާލުމާ ބެހޭ އުސޫލުތައް ކަނޑައަޅަން ކަމަށެވެ.
ޕެސްޓިސައިޑް ބޭނުން ކުރުމުގައި އާންމު ސިއްހަތާއި ތިމާވެއްޓަށް ގެއްލުން ލިބޭ ފަދަ ގޮތަކަށް ކުރާ އަމަލުތައް ބަލައި ފިޔަވަޅު އެޅުމާއި ޕެސްޓިސައިޑާ ގުޅޭ އުސޫލުތައް އެކުލަވައިލުމަކީ ބިލްގެ މަގްސަދެކެވެ. ޕެސްޓިސައިޑަކީ ގަސްގަހުގައި އަޅާ ފަންޏާއި ކޫޑި ފަދަ ތަކެތި ނައްތާލުމަށް ބޭނުންކުރާ ކެމިކަލެކެވެ. ދަނޑުވެރިކަން ކުރުމުގައި ބައެއް މީހުން މިހާރު ވެސް ޕެސްޓިސައިޑް ބޭނުން ކުރެ އެވެ.
ބިލްގައިވާ ގޮތުން ޕެސްޓިސައިޑް ބޭނުން ކުރުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް އޭގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމާ ގުޅޭ ގޮތުން އާންމުންގެ ހޭލުންތެރި ކުރަން ޖެހެ އެވެ.
މީގެއިތުރުން ޕެސްޓިސައިޑްގެ ސަބަބުން ދިމާވެދާނެ ނުރައްކަލުން އިންސާނުންނާއި ޖަނަވާރުންނާއި ގަސްގަހާގެއްސާއި ކަނޑާއި ތިމާވެށީގެ ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން ޕެސްޓިސައިޑް ގެންގުޅުމުގައި އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް ކަނޑައަޅައި ތަންފީޒު ކުރުމަކީ ބިލްގެ މަގްސަދެކެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ހިނގަމުން ދަނީ. --- ފޮޓޯ: މަޖިލިސް
ބިލްގައި ވަނީ ގާނޫނާ ހިލާފަށް ޕެސްޓިސައިޑް އިމްޕޯޓް ކުރުމާއި އެކްސްޕޯޓް ކުރުމާއި ވިއްކުމާއި ބޭނުން ކުރުމާއި ނައްތާލުމާ ގުޅޭ ގޮތުން މައްސަލަތައް ހުށަހެޅުމާއި އެ މައްސަލަތައް ބެލޭނެ ނިޒާމެއް ގާއިމު ކުރަން ވާނެ ކަމަށެވެ. ބިލްގައިވާ ގޮތުން ޕެސްޓިސައިޑްއާ ބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުމަށް ޒިންމާވާނެ ޕެސްޓިސައިޑާ ބެހޭ ޔުނިޓެއް ފިޝަރީޒް މިނިސްޓްރީގެ ދަނޑުވެރިކަމުގެ ޑިވިޝަންގައި މިނިސްޓަރު އުފައްދަންވާނެ އެވެ. މި ބިލް ހިންގުމުގެ މައިގަނޑު މަސްއޫލިއްޔަތުތައް ހަވާލުވެގެންވާ ފަރާތަކީ މިނިސްޓަރެވެ.
ޕެސްޓިސައިޑާ ބެހޭ ޔުނިޓްގެ ބައެއް މަސައްކަތްތަކުގެ ތެރޭގައި އޭގެ ސަބަބުން ޕެސްޓިސައިޑް ތަހުލީލް ކުރުމަށް ރަސްމީ ލެބޯޓަރީތައް ގާއިމު ކުރުމާއި ޕެސްޓިސައިޑްގެ ވިޔަފާރި މޮނިޓަކޮށް ކަމާ ގުޅޭ ތަފާސްހިސާބުތައް އިވެލިއުއޭޓް ކުރުން ހިމެނޭ ކަމަށް ބިލްގައި ވަނީ ބުނެފަ އެވެ.
ބިލްގައި ބުނީ ސިޔާސަތުތައް ތަންފީޒުކޮށް މިނިސްޓަރަށް ލަފާ ދިނުމަށްޓަކައި ބިލަށް އަމަލު ކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި ޕެސްޓިސައިޑާ ބެހޭ ބޯޑުގެ ނަމުގައި މިނިސްޓްރީގައި ބޯޑެއް އުފައްދަން ވާނެ އެވެ. ބޯޑުގައި ތިބެން ޖެހޭނީ ޕެސްޓިސައިޑާ ބެހޭ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ހަތް މީހެކެވެ.
ބޯޑުގެ ބައެއް މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕެސްޓިސައިޑްތަކަށް ހުއްދަ ދިނުމާއި ހުއްދަ ދީފައިވާ ޕެސްޓިސައިޑްގެ ރަޖިސްޓްރީ މުރާޖައާކޮށް އުނިއުތުރު ގެނައުމާއި ޕެސްޓިސައިޑް ބޭނުން ކުރުން މަނާ ސަރަހައްދުތަކާއި ލައިސަންސް ދޫކުރުމުގެ ޝަރުތުތައް ކަނޑައެޅުން ހިމެނެ އެވެ.
ޕެސްޓިސައިޑްގެ ކަންތައްތައް ބަލައި މޮނިޓަ ކުރުމަށް ކަމާގުޅޭ އެންމެހައި އިދާރާތައް އެކުލެވޭ ނިޒާމެއް ގާއިމުކުރުމާއި ބޯޑުން ހަދަން ޖެހޭ ގަވައިދުތައް ހެދުމަކީ ވެސް އެތަނުގެ ޒިންމާއެއް ކަމަށް ބިލްގައިވެ އެވެ.
ބިލްގައިވާ ގޮތުން ލައިސަންސް ލިބިގެން މެނުވީ ޕެސްޓިސައިޑް އުފެއްދުމާއި އަލުން ބަންދު ކުރުމާއި ޕެސްޓިސައިޑް އިމްޕޯޓް ކުރުމާއި އެކްސްޕޯޓް ކުރުމާއި ޕެސްޓިސައިޑް ވިއްކުމަކީ ކުށެކެވެ. އަދި އެފަދަ ކުށެއް ކުރި މީހެއްގެ އަދަބަކީ އެއް ލައްކަ ރުފިޔާ އަށް ވުރެ ގިނަ ނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.
މީހުން ދިރިއުޅޭ ތަނެއްގައި ނުވަތަ ޖަނަވާރުން ގެންގުޅޭ ތަނެއްގައި ނުވަތަ ކާބޯތަކެތީގެ އުފެއްދުންތައް ނުވަތަ ޖަނަވާރުގެ ކާނާ ގެންގުޅޭ ތަނެއްގައި ޕެސްޓިސައިޑް ރައްކާކޮށްފައި ބެހެއްޓުމަކީ ކުށެކެވެ. އަދި މިފަދަ އަމަލެއްކޮށްފި މީހެއްގެ އަދަބަކީ 60،000ރ. އަށް ވުރެ ގިނަ ނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ. އޭގެ އިތުރުން، ޖޫރިމަނާ ކުރެވޭނެ އިތުރު ހާލަތްތަކެއް ބިލްގައި ވަނީ ހިމަނައިފަ އެވެ.
ދަނޑުވެރިކަން ނުކުރާ ރަށްތައް އަތުލަން ހުށަހަޅައިފި
ޕެސްޓިސައިޑް ބިލް ރައީސް ތަސްދީގު ކުރައްވައިފި
ޕެސްޓިސައިޑްގެ ބިލް މަޖިލިހުން ފާސްކޮށްފި
ހިތުހުރި ގޮތަކަށް ޕެސްޓިސައިޑް ބޭނުންކުރުމުގެ އަގު
ދަނޑުވެރިކަމުގެ ތަކެތިން ޑިއުޓީ ކަނޑާލަން ފާސްކޮށްފި
"ދަނޑުތަކުން ބަލި މީހުންގެ މާކެޓެއް އުފައްދައިފި"
ދަނޑުވެރިކަމުގެ ލޯނުގެ 30 ޕަސެންޓް އަންހެނުންނަށް
"އެންމެ ރަނގަޅުވާނީ އޯގަނިކް ފާމްގެ ވާހަކަ ދެއްކުން"
ދަނޑުވެރިކަމުގައި ޑިއުޓީ ނުނަގާނެ ތަކެތި ކަނޑައަޅައިފި
ދަނޑުވެރިކަމަށް އެތެރެ ކުރާ ތަކެތިން ޑިއުޓީ ކަނޑާލަނީ