Roadha Mihaaru
"މަހުޖަނުން ހޮލިޑޭ ހަދަން ރަށްތައް ނުދީ"

ދަތުރު ދާނެ ރަށެއް ނެތް، މަހުޖަނުން ހޮލިޑޭ ހޯމް ހަދަން ރަށްތައް ނުދީ: ބ. އަތޮޅު ކައުންސިލް

13 ޑިސެމްބަރ 2020

ބ. އަތޮޅުގެ ރަށްތައް އެކި ބޭނުންތަކަށް ނަގަމުން ގޮސް، މިހާތަނަށް އައިއިރު، ރައްޔިތުން މަޖާކޮށްލައި ހިތްހަމަ ޖައްސާލުމަށް ދަތުރު ދާން އޮތް ހަމައެކަނި ރަށަކީ އެ އަތޮޅު މާއްޑު އެވެ. އެކަމަކު ދަނޑުވެރިކަމަށް އެ ރަށް ދޫކޮށްލުމަށް ސަރުކާރުން އިއުލާން ކުރުމާ އެކު ރައްޔިތުންގެ ކެތްތެރިކަންކޮޅުން ލި އެވެ. އެ މީހުންގެ ޝަކުވާ އަކީ، ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި އެ މަސައްކަތް ނުކޮށް، މަހުޖަނުން "ހޮލިޑޭ ހޯމް" އަކަށް ބޭނުން ކުރުމެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ބ. އަތޮޅުގެ ރަށްތައް އެކި ބޭނުންތަކަށް ނަގަމުން ގޮސް، މިހާތަނަށް އައިއިރު، ރައްޔިތުން މަޖާކޮށްލައި ހިތްހަމަ ޖައްސާލުމަށް ދަތުރު ދާން އޮތް ހަމައެކަނި ރަށަކީ އެ އަތޮޅު މާއްޑު އެވެ. އެކަމަކު ދަނޑުވެރިކަމަށް އެ ރަށް ދޫކޮށްލުމަށް ސަރުކާރުން އިއުލާން ކުރުމާ އެކު ރައްޔިތުންގެ ކެތްތެރިކަންކޮޅުން ލި އެވެ. އެ މީހުންގެ ޝަކުވާ އަކީ، ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި އެ މަސައްކަތް ނުކޮށް، މަހުޖަނުން "ހޮލިޑޭ ހޯމް" އަކަށް ބޭނުން ކުރުމެވެ.

"މި އަތޮޅުގައި ދަނޑުވެރިކަމަށް ހަ ރަށް ދޫކޮށްފައިވާއިރު، އެތަނުގައި މަސައްކަތް ކުރަނީ އެންމެ ރަށެއްގައި،" އަތޮޅު ކައުންސިލްގެ ރައީސް މަބްރޫކް ނަސީރު ވިދާޅުވި އެވެ. "އެހެން ހުރިހާ ރަށެއް ބޭނުން ކުރަނީ މަހުޖަނުން ޗުއްޓީ ހޭދަކޮށްލަން، ހޮލިޑޭ ހޯމެއްގެ ގޮތުގައި."

ބ. އަތޮޅުގައި 82 ރަށް އޮންނައިރު ގިނައީ ރިސޯޓުތަކާއި ރިސޯޓު ހެދުމަށް ދޫކޮށްފައިވާ ރަށްތަކެވެ. ދަނޑުވެރިކަމަށް ފަސް ރަށާއި އިތާމުތް އުފައްދައި ތަރައްގީކުރުމަށް ރަށެއް ދޫކޮށްފައިވާ އިރު، ރައްޔިތުން ދަތުރުދާން މިހާތަނަށް އޮތީ މާއްޑު އާއި، އެހެން ރަށްތަކާ އެކަހެރިކޮށް އޮންނަ ގާމަތީ ރަށެއް ކަމަށްވާ ދަކަންދޫ އެވެ.

އޭދަފުށީ ދެކުނުން އޮންނަ އަދި އެ ރަށުން ގާތްގަނޑަކަށް ދެ މިނިޓެއްހާއިރު ތެރޭގައި ދެވޭ މާއްޑޫގައި ދަނޑުވެރިކަން ކުރުމަށް ބިޑަށް ލުމުން 127 މީހުން ކުރިމަތިލި އެވެ. މިއީ ރެކޯޑް އަދަދެކެވެ. އެކަމަކު ބޮޑެތި ވިޔަފާރިވެރިންނާއި މަޖިލީހުގެ މެމްބަރުން ވެސް ކުރިމަތިލި އެ ބިޑުގައިވާ ގޮތުން، 27 ހެކްޓަރުގެ އެ ރަށުގައި ދަނޑުވެރިކަން ކުރާނީ 30 ޕަސެންޓްގަ އެވެ.

ބ. އަތޮޅުގެ ރައްޔިތުންގެ ކަންބޮޑުވުމަކީ އަތޮޅުގެ ބޮޑެތި، ރީތި ރަށްތައް ދަނޑުވެރިކަމަށް އެތައް އަހަރަކަށް ދޫކޮށްފައި އޮންނައިރު އޭގެ މަންފާ އެއްވެސް ގޮތަކަށް ނުކުރުމެވެ. މަބްރޫކް ވިދާޅުވީ ދަނޑުވެރިކަން ކުރުމަށް އޮންނަ ހަ ރަށުން މިހާތަނަށް ހަ ވަޒީފާ ވެސް ނުއުފެއްދޭ ކަމަށެވެ.

ބ. ގެމެންދޫ ތުނޑީގައި ހުރެފައި ނަގާފައިވާ ފޮޓޯއެއް: އެ ރަށް ވަނީ 10 އަހަރަށް ވަރުވާއަށް ކުއްޔަށް ދީފައި

ބ. ގެމެންދޫ ތުނޑީގައި ހުރެފައި ނަގާފައިވާ ފޮޓޯއެއް: އެ ރަށް ވަނީ 10 އަހަރަށް ވަރުވާއަށް ކުއްޔަށް ދީފައި

"މިއީ ދަނޑުވެރިކަން ކުރުމަށް 21 އަހަރަށް ދޫކޮށްފައި އޮންނަ ރަށްތައް. އެކަމަކު ގިނަ ރަށްތަކުގައި އޮންނަނީ ސްވިމިންޕޫލް ވެސް ހަދާފައި،" މަބްރޫކް ވިދާޅުވި އެވެ. "އެއިން ރަށެއް ބަލާލުމަށް ވެސް އެއްވެސް މީހަކަށް ދެވެނީކީ ނޫން."

އެ ފަދަ ރަށެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ، އިންޓަގްރޭޓެޑް ފާމިންގެ މަސައްކަތަށް، ދަ ވިޒް ކޮމްޕެނީއަށް 2013 ވަނަ އަހަރު ދޫކޮށްފައިވާ މާރިކިލެވެ. ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ އިލްޔާސް ހުސެން ހިއްސާވެ ވަޑައިގަންނަވާ ކުންފުންޏަށް ދޫކޮށްފައިވާ އެ ރަށް މިހާރު ބޭނުން ކުރައްވަނީ، ކުރީގެ ރައީސް މުހައްމަދު ވަހީދުގެ އާއިލާ އިން ޗުއްޓީ ހޭދަކުރައްވާ ރަށެއްގެ ގޮތުގައި ކަމަށް މަބްރޫކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލޭގެ ވިޔަފާރިވެރިންނާއި މަހުޖަނުން ޗުއްޓީ ހޭދަކޮށްލަން ދާނެ ރަށްތައް ހުރި ނަމަވެސް، 15،000 އަށް ވުރެ ބޮޑު އާބާދީއެއް އޮންނަ ބ. އަތޮޅުގެ މީހުންނަށް އެ ފުރުސަތު މިހާރު ގެއްލިފައިވާ ކަމަށެވެ.

"ސަރުކާރުގައި ވަރަށް އާދޭސް ކުރިން، އަޅައެއް ނުލި،"

ސަރުކާރު ހިންގާ އެމްޑީޕީ އަށް ނިސްބަތްވެ ވަޑައިގަންނަވާ ކައުންސިލަރު ވިދާޅުވީ، ދަނޑުވެރިކަމަށް މާއްޑޫ ދޫކުރުމުގެ ކުރިން، އަތޮޅު ރައްޔިތުންގެ މި ކަންބޮޑުވުން ސަރުކާރާ ހިއްސާ ކުރި ކަމަށެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއި މަޖިލިސް މެމްބަރުން ފަދަ ބޭފުޅުންނާ ބައްދަލު ކުރެއްވި ކަމަށް ވިދާޅުވި އެވެ. އެ ބައްދަލުވުންތަކުގައި ކައުންސިލުން އެދުނީ، އެންމެ މަދުވެގެން ތިން ރަށް، އަތޮޅު ރައްޔިތުންނަށް ދޫކޮށްލެއްވުމެވެ.

އެކަމަކު އޭގެ ބަދަލުގައި، ރައްޔިތުން ދަތުރުދާން އޮތް ހަމައެކަނި ރަށް ސަރުކާރުން ނެގުމުން މާޔޫސްވެވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ރަށްތަކުން އެއްވެސް ފައިދާއެއް، ސަރުކާރަށް އަދި ރައްޔިތުންނަށް ވެސް ނުކުރުން. އޭގެ ބަދަލުގައި ރަށްތަކުގެ ފައިދާ މަހުޖަނުންނަށް ކުރުން،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާއްޑޫ ބީލަމަށް ލުމުން، އެކަމާ ކަންބޮޑުވުން ފާޅުކޮށް ރައީސް އޮފީހަށާއި ފިޝަރީޒް މިނިސްޓްރީ އަށް ވެސް ސިޓީލީ ކަމަށާއި އެކަމަކު ޖަވާބެއް ލިބިވަޑައިގެން ނުގެން ކަމަށެވެ. އެހެންވެ، ސިޓީގެ ޒަރީއާ އިން ރަސްމީކޮށް ކުރި މަސައްކަތްތަކުގެ ނަތީޖާއެއް ނުފެނުމުން އޭނާ މިއަދު ވަނީ އެ ޝަކުވާތައް ސޯޝަލް މީޑިއާ އަށް ދޫކޮށްލައިފަ އެވެ.

ފޭސްބުކްގައި އޭނާ ލިޔުއްވީ ވެސް، ދަނޑުވެރިކަމުގެ ނަމުގައި މަހުޖަނުން ހޮލިޑޭ ހޯމް ހެދުމަށް ރަށްތައް ދޫކުރުމަކީ އިންސާފެއް ނޫން ކަމަށާއި އެ މަސައްކަތް ނުކުރާ ނަމަ ރަށްތައް އަނބުރާ ނެގުމަށެވެ.