Roadha Mihaaru
މުރްސީގެ މައްޗަށް އިއްވި މަރުގެ ހުކުމް ބާތިލްކޮށްފި

މުރްސީގެ މައްޗަށް އިއްވި މަރުގެ ހުކުމް ބާތިލްކޮށްފި

15 ނޮވެމްބަރ 2016

ގާހިރާ (ނޮވެމްބަރު 15) - ބަޣާވާތަކުން މިސްރުގެ ވެރިކަމުން ދުރުކުރި އެ ގައުމުގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުހައްމަދު މުރްސީގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް ބާތިލްކޮށް އެ މައްސަލަ ދަށު ކޯޓުން އަލުން ބެލުމަށް އެ ގައުމުގެ އިސްތިއުނާފް ކޯޓަކުން މިއަދު ހުކުމްކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ގާހިރާ (ނޮވެމްބަރު 15) - ބަޣާވާތަކުން މިސްރުގެ ވެރިކަމުން ދުރުކުރި އެ ގައުމުގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުހައްމަދު މުރްސީގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް ބާތިލްކޮށް އެ މައްސަލަ ދަށު ކޯޓުން އަލުން ބެލުމަށް އެ ގައުމުގެ އިސްތިއުނާފް ކޯޓަކުން މިއަދު ހުކުމްކޮށްފި އެވެ.

މުރްސީގެ މައްޗަށް މަރުގެ ހުކުމް އިއްވާފައި ވަނީ ކުރީގެ ރައީސް ހުސްނީ މުބާރަކުގެ ވެރިކަމާ ދެކޮޅަށް ހިންގި މުޒާހަރާތަކުގައި ފުލުހުންނާ ދެކޮޅަށް އަނިޔާވެރިވެފައިވުމާ އަދި ޖަލު ފަޅާލައިގެން ބަޔަކު ނެރުމަށް މުރްސީ އެހީވެދީފައިވާ ކަމަށް ބުނާ މައްސަލައިގަ އެވެ. މި ދެ މައްސަލަ ވެސް އަލުން ބެލުމަށް އެ ގައުމުގެ އެންމެ މަތީ އިސްތިއުނާފް ކޯޓުން ވަނީ އަންގައިފަ އެވެ.

މުރްސީގެ މުސްލިމް ބުރަދަހުޑުގެ ފަސް މީހެއްގެ މައްޗަށް އިއްވާފައިވާ ހުކުމް ވެސް ބާތިލްކޮށް އަލުން މައްސަލަ ބެލުމަށް ވަނީ ހުކުމްކޮށްފަ އެވެ. އޭގެ ތެރޭގައި މަރުގެ ހުކުމް އިއްވާފައިވާ ބަރްދަހުޑުގެ އިސް ލީޑަރެއް ކަމަށްވާ މުހައްމަދު ބަދާއީ ވެސް ހިމެނެ އެވެ.

މުރްސީގެ ހުކުމް ބާތިލްކުރި ކޯޓުން މިދިޔަ އެޕްރީލް މަހު ވަނީ މުރްސީގެ މައްޗަށް މިދިޔަ އަހަރު އިއްވި 20 އަހަރުގެ ޖަލު ހުކުމް ދަމަހައްޓައިފަ އެވެ. މުރްސީގެ މައްޗަށް މި ހުކުމް އިއްވާފައި ވަނީ އޭނާގެ ވެރިކަމުގައި މުޒާހަރާ ކުރި ބަޔަކާ ދެކޮޅަށް ބާރުގެ ބޭނުން ކުރަން އެންގި މައްސަލައިގަ އެވެ. އެހެން ދެ މައްސަލައެއްގައި މުރްސީގެ މައްޗަށް ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވައިފަ އެވެ. މި ތަނުން އެއް މައްސަލަ އަކީ ސަރުކާރުގެ ސިއްރު ލިޔުންތަކަށް ގަތަރަށް ފޯރުކޮށްދިން ކަމަށް ބުނާ މައްސަލައެކެވެ.

މުރްސީގެ އެއް އަހަރުވީ ސަރުކާރާ ދެކޮޅަށް ސިފައިން ނުކުމެ ވެރިކަން ވައްޓާލީ 2013 ވަނަ އަހަރު އެވެ. މިސްރުގެ މިހާރުގެ ރައީސް އަބްދުލް ފައްތާހު ސީސީ އަކީ ވެރިކަން ވައްޓާލި އިރު ސިފައިންގެ ވެރިޔާ އެވެ. އޭގެ ފަހުން މުރްސީގެ ބުރަދަހުޑް ޕާޓީ ވެސް ވަނީ މިސްރުގައި މަނާކޮށްފަ އެވެ. އަދި އެ ޖަމާއަތުގެ އެތައް ބަޔަކު ވަނީ ޖަލުގައި ބަންދުކޮށްފަ އެވެ.