Roadha Mihaaru
މިސްރުގެ ކުރީގެ ރައީސް މުރުސީ އަވަހާރަވެއްޖެ

މިސްރުގެ ކުރީގެ ރައީސް މުރުސީ ކޯޓު ތެރޭގައި އަވަހާރަވެއްޖެ

17 ޖޫން 2019

ސިފައިންގެ ބަގާވާތަކުން ވެރިކަމުގެ ދުރުކުރި މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރުސީ، ކޯޓު ތެރޭގައި މިއަދު އަވަހާރަވެއްޖެ އެވެ.

ސިފައިންގެ ބަގާވާތަކުން ވެރިކަމުގެ ދުރުކުރި މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރުސީ، ކޯޓު ތެރޭގައި މިއަދު އަވަހާރަވެއްޖެ އެވެ.

ޖާސޫސްކުރުމުގެ ތުހުމަތުގައި ކޯޓަށް ހާޒިރުކުރި މުރުސީ، 67، އަވަހާރަވީ ކޯޓުގައި ބޭއްވި އަޑުއެހުމަށް ފަހު ހޭފުޅުނެތިގެން ވެއްޓިވަޑައިގެން ފަހުން ކަމަށް، މިސްރުގެ ގައުމީ ޓީވީން ރިޕޯޓްކުރި އެވެ.

މިސްރުގެ ހުދުމުހުތާރު ވެރިޔާ ހުސްނީ މުބާރަކުގެ ދިގު ވެރިކަން އާންމުން މަގުތަކަށް ނުކުމެ، ނިމުމަކަށް ގެނައި ފަހުން ބޭއްވި ފުރަތަމަ އިންތިހާބު ކާމިޔާބުކުރައްވައި 2012 ގައި ވެރިކަމަށް ވަޑައިގަތެވެ. އޭނާއަކީ މިސްރުގައި ޑިމޮކްރެޓިކް ހަމަތަކުގެ މަތިން އިންތިހާބުކުރި ފުރަތަމަ ރައީސް އެވެ.

އެކަމަކު އޭނާގެ ވެރިކަމަށް އަހަރެއް ވީތަނާ އާންމުން މަގުތަކަށް ނުކުތުމާ އެކު ސިފައިން އަޑީގައި ތިބެގެން ވެރިކަމުން ދުރުކުރުވި އެވެ. އޭގެ ފަހުން އޭނާ ހުންނެވީ ޖަލުގަ އެވެ.

"ހަށިކޮޅު މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި. އަދި ކުރަން ޖެހޭ ކަންކަން ދަނީ ކުރިއަށް،" ނީލް ނިއުސް އިން ބުންޏެވެ.

މުރުސީގެ މައްޗަށް 20 އަހަރުގެ ޖަލުގެ ހުކުމް އޮތީ އިއްވައިފަ އެވެ. އޭގެ ތެރޭގައި އޭނާގެ ވެރިކަމާ ދެކޮޅަށް ނުކުތް ބައެއް މީހުންގެ މަރުގެ ޒިންމާ އެޅުވުމާއި ބޭރުގެ ބައެއް ގައުމުތަކަށް މިސްރުގެ ސިއްރު މައުލޫމާތު ފޯރުކޮށްދެއްވުން ހިމެނެ އެވެ. މިއަދު ކޯޓަށް ގެންދިޔައީ ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ ބައެއް މީހުންނާ އެކު އޮތް ސިއްރު ގުޅުންތަކާ ގުޅުވައިގެން އުފުލި ދައުވާތަކަށެވެ.

ޝަރީއަތެއްގެ އަޑުއެހުމުގައި މުރުސީ: ވެރިކަމުން އޭނާ ދުރުކުރީ ސިފައިން

ޝަރީއަތެއްގެ އަޑުއެހުމުގައި މުރުސީ: ވެރިކަމުން އޭނާ ދުރުކުރީ ސިފައިން

މުރުސީއާ މެދު މިސްރުގެ ސަރުކާރުން ކަންކުރާ އިހާނެތި ގޮތްތަކާ ބެހޭ ގޮތުން އޭނާގެ ހަގު ދަރިކަލުން އަބްދުﷲ ގެންދަވަނީ ކުރިންސުރެ ވެސް ވާހަކަ ދައްކަވަމުންނެވެ. އަބްދުﷲ ވިދާޅުވި ގޮތުގައި މުރުސީގެ ލޭ މައްޗަށް ދިއުމާއި ހަކުރު ބައްޔަށް އެކަށީގެންވާ ފަރުވާއެއް ނުދެ އެވެ. ޖަލުގައި ހުންނަވަނީ އެކަހެރިކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިއަ އަހަރު ވޮޝިންޓަން ޕޯސްޓްގައި އަބްދުﷲ ލިއުއްވި މަޒުމޫނެއްގައި ވިދާޅުވީ މިސްރު ސަރުކާރުން އެގޮތަށް ކަންތައް ކުރަނީ ހަމަ ގަސްދުގައި ކަމަށެވެ. ބޭނުމަކީ ގުދުރަތީ ގޮތުން ވީހާވެސް އަވަހަކަށް މަރުސީ އަވަހާރަކޮށްލުން ކަމަށް ވެސް އޭނާ ލިއުއްވި އެވެ.

މުރުސީ އަކީ ކޮން ބޭފުޅެއް؟

މުރުސީ އުފަންވެވަޑައިގަތީ އަލް-އަދުވާ ވިލެޖަށެވެ. ކެއިރޯ ޔުނިވަސިޓީގައި، 1970ގެ އަހަރުތަކުގައި އިންޖިނިއަރިންގެ ދާއިރާ އިން މަތީ ތައުލީމު ހާސިލްކުރެއްވުމަށް ފަހު ޕީއެޗު.ޑީ ފުރިހަމަކުރައްވަން އެމެރިކާއަށް ވަޑައިގަތެވެ.

ހުސްނީ މުބާރަކްގެ ވެރިކަން ވެއްޓުމާ އެކު 2012 ގައި އޮތް އިންތިހާބުގައި މުސްލިމް ބްރަދަހުޑްގެ ކެންޑިޑޭޓްކަން ލިބިވަޑައިގަތެވެ.

މުރުސީގެ ވެރިކަމާ ދެކޮޅަށް އާންމުން މަގުތަކަށް ނުކުންނަން ފެށީ އިސްލާމީ ހަރުކަށި ވިސްނުމުގެ މީހުން މިސްރުގެ ސިޔާސީ ދާއިރާއަށް އަތްގަދަކުރުމުގެ ފުރުސަތު ދެއްވުމާއި އިގުތިސާދު ހަމަޔަކަށް އެޅުއްވޭވަރު ނުވުމުން ކަމަށް، ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

މިސްރުގެ އެކި ސަރަހައްދުތަކަށް އެތައް މިލިއަން ބަޔަކު ނުކުމެ، މުރުސީގެ ވެރިކަމާ ދެކޮޅަށް އަޑުއުފުލަން ފެށީ އެ ވެރިކަމަށް އަހަރެއް ފުރުނު ދުވަސް ކަމަށްވާ ޖޫން 30، 2013 ގަ އެވެ.

މިސްރުގެ ގާނޫނުއަސާސީ އުވާލައި، މުރުސީ ވެރިކަމުން ދުރުކުރުވީ ޖުލައި 3 ގައި ސިފައިން ނުކުމެ އެވެ. އަދި އާ އިންތިހާބެއް ބޭއްވުމުގެ ކުރިން އިންތިގާލީ ސަރުކާރެއް ގާއިމްކުރި އެވެ. އޭގެ ފަހުން މުރުސީ ހުންނެވީ ޖަލުގަ އެވެ.