Roadha Mihaaru
މުރްސީގެ އުމުރު ދުވަހުގެ ޖަލު ހުކުމް ވެސް ބާތިލްކޮށްފި

މުރްސީގެ އުމުރު ދުވަހުގެ ޖަލު ހުކުމް ވެސް ބާތިލް ކޮށްފި

22 ނޮވެމްބަރ 2016

ގާހިރާ (ނޮވެމްބަރު 22) - މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރްސީގެ މައްޗަށް އިއްވާފައިވާ އުމުރު ދުވަހުގެ ދެ ޖަލު ހުކުމުގެ ތެރޭން އެއް ހުކުމް އިސްތިއުނާފް ކޯޓަކުން މިއަދު ބާތިލްކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ގާހިރާ (ނޮވެމްބަރު 22) - މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރްސީގެ މައްޗަށް އިއްވާފައިވާ އުމުރު ދުވަހުގެ ދެ ޖަލު ހުކުމުގެ ތެރޭން އެއް ހުކުމް އިސްތިއުނާފް ކޯޓަކުން މިއަދު ބާތިލްކޮށްފި އެވެ.

މިއީ ހަފުތާއެއްގެ ތެރޭގައި މުރްސީއާ އެއްކޮޅަށް އައި ދެ ވަނަ އިސްތިއުނާފް ހުކުމެވެ. މުރްސީގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް ވެސް މިދިޔަ ހަފުތާގައި ވަނީ ތާބިލްކޮށް އަލުން އެ މައްސަލަ ބަލަން އަންގައިފަ އެވެ.

މުރްސީގެ ވަކީލް އަބްދުލް މުނީމް އަބްދުލް މަގްޝޫދު އޭއެފްޕީ އަށް ވިދާޅުވީ މުރްސީގެ ޖަލު ހުކުމް ބާތިލްކޮށް އެ މައްސަލަ އަލުން ބެލުމަށް އެންމެ މަތީ ކޯޓުން އަންގާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ހުކުމުގައި ގާނޫނީ ބައިވަރު މައްސަލަތައް ހުރި ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.

މުރްސީގެ މައްޗަށް އިއްވާފައިވާ އުމުރު ދުވަހުގެ ދެ ވަނަ ޖަލު ހުކުމުގެ އިސްތިއުނާފް އަންނަ ހަފުތާގައި ބާއްވަން ތާވަލްކޮށްފައިވާ ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ. މި ހުކުމް އިއްވާފައި ވަނީ ގައުމީ ސަލާމަތާ ބެހޭ ލިޔުންތަކެއް ގަތަރަށް ހާވަލުކުރި ކަމުގެ ކުށުގަ އެވެ.

މުރްސީގެ މައްޗަށް މަރުގެ ހުކުމް އިއްވާފައި ވަނީ ކުރީގެ ރައީސް ހުސްނީ މުބާރަކުގެ ވެރިކަމާ ދެކޮޅަށް ހިންގި މުޒާހަރާތަކުގައި ފުލުހުންނާ ދެކޮޅަށް އަނިޔާވެރިވެފައިވުމާ އަދި ޖަލު ފަޅާލައިގެން ބަޔަކު ނެރުމަށް މުރްސީ އެހީވެދީފައިވާ ކަމަށް ބުނާ މައްސަލައިގަ އެވެ. މި ދެ މައްސަލަ ވެސް އަލުން ބެލުމަށް އެ ގައުމުގެ އެންމެ މަތީ އިސްތިއުނާފް ކޯޓުން ވަނީ އަންގައިފަ އެވެ.

މުރްސީގެ މުސްލިމް ބުރަދަހުޑުގެ ފަސް މީހެއްގެ މައްޗަށް އިއްވާފައިވާ ހުކުމް ވެސް ބާތިލްކޮށް އަލުން މައްސަލަ ބެލުމަށް ވަނީ މިދިޔަ ހަފުތާގައި ހުކުމްކޮށްފަ އެވެ. އޭގެ ތެރޭގައި މަރުގެ ހުކުމް އިއްވާފައިވާ ބަރްދަހުޑުގެ އިސް ލީޑަރެއް ކަމަށްވާ މުހައްމަދު ބަދާއީ ވެސް ހިމެނެ އެވެ.

ނަމަވެސް މުރްސީގެ މައްޗަށް މިދިޔަ އަހަރު އިއްވި 20 އަހަރުގެ ޖަލު ހުކުމް އެޕްރީލް މަހު ވަނީ ދަމަހައްޓައިފަ އެވެ. މުރްސީގެ މައްޗަށް މި ހުކުމް އިއްވާފައި ވަނީ އޭނާގެ ވެރިކަމުގައި މުޒާހަރާ ކުރި ބަޔަކާ ދެކޮޅަށް ބާރުގެ ބޭނުން ކުރަން އެންގި މައްސަލައިގަ އެވެ.

މުރްސީގެ އެއް އަހަރުވީ ސަރުކާރާ ދެކޮޅަށް ސިފައިން ނުކުމެ ވެރިކަން ވައްޓާލީ 2013 ވަނަ އަހަރު އެވެ. މިސްރުގެ މިހާރުގެ ރައީސް އަބްދުލް ފައްތާހު ސީސީ އަކީ ވެރިކަން ވައްޓާލި އިރު ސިފައިންގެ ވެރިޔާ އެވެ. އޭގެ ފަހުން މުރްސީގެ ބުރަދަހުޑް ޕާޓީ ވެސް ވަނީ މިސްރުގައި މަނާކޮށްފަ އެވެ. އަދި އެ ޖަމާއަތުގެ އެތައް ބަޔަކު ވަނީ ޖަލުގައި ބަންދުކޮށްފަ އެވެ.