Roadha Mihaaru
އެފްބީގެ ވެރިޔާގެ ސެކިއުރިޓީ އަށް 23 މިލިއަން ޑޮލަރު

ފޭސްބުކްގެ ވެރިޔާގެ ސެކިއުރިޓީ އަށް މިދިޔަ އަހަރު 23 މިލިއަން ޑޮލަރު

12 އެޕްރީލް 2021

ފޭސްބުކްގެ ވެރިޔާ މަހުޖަނު މާކް ޒަކަބާގާއި އާއިލާގެ ސެކިއުރިޓީ އަށް މިދިޔަ އަހަރު ކުންފުނިން 23 މިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފޭސްބުކްގެ ވެރިޔާ މަހުޖަނު މާކް ޒަކަބާގާއި އާއިލާގެ ސެކިއުރިޓީ އަށް މިދިޔަ އަހަރު ކުންފުނިން 23 މިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށް ބުނެފި އެވެ.

އެމެރިކާގެ ސެކިއުރިޓީޒް އެންޑް އެކްސްޗޭންޖް ކޮމިޝަނަށް ހުކުރު ދުވަހު އެފްބީން ހުށަހެޅި އަހަރީ ރިވިއުގައި ބުނެފައިވާ ގޮތުގައި ޒަކަބާގާއި އާއިލާގެ ސެކިއުރިޓީ އަށް އެހާ ބޮޑު ހޭދައެއް ކުރަން ޖެހުނީ މިދިޔަ އަހަރު ބޭއްވި އެމެރިކާ ރިއާސީ އިންތިހާބާއި ކޮވިޑް-19އާ ގުޅިގެން ފޭސްބުކުން އަޅަން ޖެހުނު ފިޔަވަޅުތަކާ ގުޅިގެން ކުރިމަތިވެދާނެ ނުރައްކާތަކާ ހެދި އެވެ.

"ފޭސްބުކަށް އަމާޒުވާ ފާޑުކިޔުންތަކާއި ދިމާވާ ގޮންޖެހުންތައް ސީދާ ރައްދުވާ ފަރާތަކީ އަހަރެމެންގެ ސީއީއޯ ކަމަށްވާތީ އޭނާގެ ސަލާމަތާއި ރައްކާތެރި ކަމަށް ވަރަށް ބޮޑު އިސްކަމެއް މިދިޔަ އަހަރު ވަކިން ބޮޑަށް ދޭން ޖެހުނު،" ފޭސްބުކުން ބުންޏެވެ.

އެ ކުންފުނިން ބުނި ގޮތުގައި ސެކިއުރިޓީ އަށް 23 މިލިއަން ޑޮލަރު މިދިޔަ އަހަރު ހޭދަކުރި އިރު އޭގެ ތެރޭގައި ޒަކަބާގްގެ ގޭގެ ސެކިއުރިޓީ ބަލަހައްޓަން ތިބޭ މީހުންގެ އަދަދު އިތުރުކުރުމާއި އޭނާގެ އަމިއްލަ ސެކިއުރިޓީ ބެލެހެއްޓުމާއި ޒަކަބާގާއި އާއިލާ ކުރި ދަތުރުތަކުގެ ސެކިއުރިޓީ ވަރުގަދަކުރުން ވެސް ހިމެނެ އެވެ.

މީގެ އިތުރުން އޭނާގެ އަމިއްލަ ސެކިއުރިޓީ ބަލަހައްޓަން އިތުރު މުވައްޒަފުން ހަމަޖެއްސުމާއި ސެކިއުރިޓީއާ ގުޅޭ އެހެން ކަންކަން ހަމަޖެއްސުމަށް އިތުރު 10 މިލިއަން ހަމަޖައްސާފައިވެ އެވެ. އެހެންވެ މިދިޔަ އަހަރަކީ އާންމުކޮށް ޒަކަބާގް ސެކިއުރިޓީ އަށް ހޭދަކުރާ މިންވަރަށް ވުރެ 13.4 މިލިއަން އިތުރަށް ހަރަދުކުރަން ޖެހުނު އަހަރެއް ކަމަށް ބުންޏެވެ. އާންމުކޮށް އޭނާގެ ސެކިއުރިޓީ އަށް ހޭދަވަނީ އަހަރަކަށް 10.4 މިލިއަން ޑޮލަރެވެ.

ފޭސްބުކުން ބުނީ އެ ހަރަދުތަކަކީ ބޮޑު އަދަދެއް ކަމަށް ވެސް ނުދެކޭ ކަމަށާއި މިހާރު ފޭސްބުކުން ނަގާ އަހަރީ އާމްދަނީ ވެސް ވަރަށް ބޮޑަށް ދަށްކޮށް، އިތުރު އެއްވެސް އެލަވަންސެއް ވެސް ޒަކަބާގް ނުނަންގަވާ ކަމަށެވެ. ޒަކަބާކް، 36، ގެ މިލްކިއްޔާތު 114 ބިލިއަން ޑޮލަރަށް އަރަ އެވެ.

ފޭސްބުކުން ބުނި ގޮތުގައި އަންނަ މަހުގެ 26 ގައި ބާއްވާ ހިއްސާދާރުންގެ ބައްދަލުވުމާ ދިމާކޮށް ވެސް ސެކިއުރިޓީ އިތުރަށް ވަރުގަދަކުރަން ޖެހޭނެވެ. އެހެންވެ އެކަމަށް ހިނގާނެ ހަރަދާ ގުޅޭ ޕްރޮޕޯސަލް ވަރަށް އަވަހަށް ހުށަހަޅާނެ ބުންޏެވެ.

"އެ ބައްދަލުވުމާ ދިމާކޮށް ސެކިއުރިޓީ ވަރުގަދަކުރަން ޖެހެނީ ބޯޑް މެމްބަރުންނަށް ވެސް އަމާޒުވެފައިވާ ފާޑުކިޔުންތަކާއި އިންޒާރުތަކާ ހެދި،" ފޭސްބުކުން ބުންޏެވެ. "މިދިޔަ ޖެނުއަރީ މަހު ކެޕިޓަލް ހިންގި ހަމަނުޖެހުންތަކަށް ފަހު ކުންފުންޏާއި ބޯޑް މެމްބަރުންނަށް ވަރަށް ބޮޑެތި ޕްރެޝަރުތައް ކުރިމަތިވެފައި އެބަހުރި."