Roadha Mihaaru
ފޭސްބުކް ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

ފޭސްބުކް ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

30 ޖޫން 2021

ފޭސްބުކްގެ އަގު ޓްރިލިއަން ޑޮލަރަށް އަރައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފޭސްބުކްގެ އަގު ޓްރިލިއަން ޑޮލަރަށް އަރައިފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެންމެ މަގުބޫލު ސޯޝަލް ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ މާކް ޒަކަބާގްގެ ފޭސްބުކްގެ އަގަކީ މިހާރު 1.008 ޓްރިލިއަން ޑޮލަރެވެ. މިއާ އެކު އެ ކުންފުނިވެފައި ވަނީ ޓްރިިލިއަން ޑޮލަރު ފަހަނައެޅި އެމެރިކާގެ ފަސް ވަނަ ކުންފުންޏަށެވެ. އެ ލިސްޓްގައި ދެން ހިމެނެނީ އެޕަލް އާއި މައިކްރޮސޮފްޓާއި އެމެޒޯންގެ އިތުރުން ގޫގުލްގެ ބެލެނިވެރި ކުންފުނި އަލްފަބަޓެވެ.

އެޕަލް އާއި މައިކްރޮސްފޮފްޓްގެ އަގު މިހާރު ދެ ޓްރިލިއަން ޑޮލަރަށް އަރަ އެވެ.

ފޭސްބުކްގެ ސަބަބުން ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުން ވެސް އޭގެ ވެރިޔާ ޒަކަބާގަށް ލިބިފައިވާ އިރު، ފޭސްބުކްގެ ދަށުން ހިންގާ މަގުބޫލު އިތުރު ސޯޝަލް ޕްލެޓްފޯމްތަކުގެ ތެރޭގައި އިންސްޓަގްރާމާއި ވަޓްސްއެޕް ހިމެނެ އެވެ. އަދި މި އެއްޗިއްސާ އެކު ފެސްބުކްގެ އޭއާރް/ވީއާރް ގޮފި އޮކިއުލަންސް އެއްކޮށްލުމުން މުޅި ފޭސްބުކްގެ އަގު ޓްރިލިއަން ޑޮލަރަށް އެރުމަކީ އެ ކުންފުނީގެ ކާމިޔާބީ އާއި ކުރިއެރުން ހުއްޓުމެއް ނެތި ކުރިއަށްދާ ކަމުގެ ވަރަށް ބޮޑު ހެއްކެކެވެ.

ފޭސްބުކްގެ އަގު ޓްރިލިއަން ޑޮލަރަށް އެރި އިރު، ޓެކް ކުންފުނިތަކަށް ކުރެވޭ މޮނޮޕޮލީގެ ތުހުމަތާއި އެ ދާއިރާގެ ހިދުމަތްތައް ވަކި ބަޔަކު ކޮންޓްރޯލްކުރަން މަސައްކަތްކުރާ ކަމަށް ބުނެ އަމާޒުވެފައިވާ ފާޑުކިޔުންތަކާއި އަދި އެކަމުގެ ސަބަބުން ކަމާ ބެހޭ ފަރާތްތަކުގެ ޕްރެޝަރުތައް ފޭސްބުކަށް ވެސް ބޮޑެވެ.

ނަމަވެސް ފޭސްބުކްގެ މައްޗަށް ކުރެވޭ މޮނޮޕޮލީގެ ތުހުމަތުތަކުގައި މިހާތަނަށް އެކަށީގެންވާ ހެކިތަކެއް ނެތް ކަމަށް އެމެރިކާގެ ފެޑެރަލް ޓްރޭޑް ކޮމިޝަން (އެފްޓީސީ) އިން ބުނެފައިވެ އެވެ.

ފޭސްބުކަކީ 2004 ގައި ވުޖޫދަށް އައި ހިދުމަތެކެވެ. އަދި މިއީ ސޯޝަލް ޕްލެޓްފޯމްތައް ވައިގައި ހިފުމާއި އޭގެ މަގުބޫލުކަމާއި ވާދަވެރިކަން ބޮޑުވުމުގެ ފެށުމެވެ. ފޭސްބުކް ބޭނުންކުރާ މީހުންގެ އަދަދު މިހާރު 2.85 ބިލިއަނަށް އަރަ އެވެ.

ކުންފުނީގެ އަގު ޓްރިލިއަން ޑޮލަރަށް އެރި އިރު، ޒަކަބާގް، 37، ގެ އަމިއްލަ މިލްކިއްޔާތު މިހާރު 127.1 ބިލިއަން ޑޮލަރަށް އަރަ އެވެ.