Roadha Mihaaru
ފޭސްބުކް ނުދޭތީ ޓްރަމްޕް ބަދަލުހިއްޕަވާނެކަމުގެ އިންޒާރު

ފޭސްބުކް ނުދޭތީ ޓްރަމްޕް ވިދާޅުވަނީ ބަދަލުހިއްޕަވާނެ ކަމަށް

07 ޖޫން 2021

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފޭސްބުކް ބޭނުން ކުރެއްވުމުން 2023 އާ ހަމައަށް މަނާކޮށްފައި ވާތީ އެ ޕްލެޓްފޯމްގެ ވެރިޔާ މާކް ޒަކަބާގަށް އިންޒާރު ދެއްވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފޭސްބުކް ބޭނުން ކުރެއްވުމުން 2023 އާ ހަމައަށް މަނާކޮށްފައި ވާތީ އެ ޕްލެޓްފޯމްގެ ވެރިޔާ މާކް ޒަކަބާގަށް އިންޒާރު ދެއްވައިފި އެވެ.

ފޭސްބުކްގެ މިދިޔަ ހަފުތާގެ ނިންމުމާ ގުޅިގެން ޓްރަމްޕް ނެރުއްވި ބަޔާންތަކެއްގައި ފުރަތަމަ ވިދާޅުވީ ފޭސްބުކް ބޭނުން ނުކުރެވޭ ގޮތް ހެދުމަކީ އޭނާ އަށް ކުޑައިމީސްކޮށްލުމުގެ އަމަލެއް ކަމަށާއި އެއީ އަނގަ ބަންދުކުރުން ކަމަށެވެ. އެހެންވެ ދެ އަހަރު ފަހުން ވެސް ދެން ފޭސްބުކަށް ޝައުގުވެރިކަމެއް ނެތް ކަމަށް ވިދާޅުވި އެވެ.

އޭގެ ފަހުން ނެރުއްވި ބަޔާނެއް އޮތީ ޒަކްބާކްގެ ކިބައިން ބަދަލުހިއްޕަވާނެކަމުގެ އިންޒާރު ދެއްވައިފަ އެވެ.

އޭނާ ވިދާޅުވީ 2024 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި އިންތިހާބު ކާމިޔާބުކޮށް އަލުން ވައިޓް ހައުސް އަށް ވަޑައިގަތުމަށް ކުރީގެ ގޮތަށް ޒަކަބާގާއި އޭނާގެ އަންހެނުންނަށް ރޭގަނޑުގެ ކެއުންތަކަށް ދާން ދެން ދައުވަތު ނުދެއްވާނެ ކަމަށެވެ.

ޓްރަމްޕްގެ ފޭސްބުކް އެކައުންޓް ބްލޮކްކުރީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެކަން ކުރަން މަޖުބޫރުވީ ނޮބެމްވަރު މަހު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިހާބުގައި ޖޯ ބައިޑެންއާ ވާދަކުރައްވައި ބަލިވެވަޑައިގަތުމުން ޖެނުއަރީ މަހުގެ 6 ގައި ސަޕޯޓަރުންތަކަކަށް ހިތްވަރު ދެއްވައިގެން ގާނޫނު ހަދާ މަޖިލިސް، ކެޕިޓޮލް ހިންގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގެވުމާއި އެކަމަށް އިތުރަށް ހިތްވަރު ދެއްވައި ވާހަކަ ދެއްކެވުމާއި އިންތިހާބުގެ ނަތީޖާއާ ގުޅޭ ގޮތުން ސާބިތު ނުހިދޭ ވާހަކަތައް ވެސް ތަކުރާރުކޮށް ހިއްސާކުރައްވަމުން ގެންދެވުމާ ގުޅިގެންނެވެ.

ފޭސްބުކްގެ އިތުރުން އެ ދުވަސްވަރު އޭގެ ދަށުން ހިންގާ އިންސްޓަގްރާމާއި އަދި ޓްވިޓާ އާއި ސްނެޕްޗެޓާއި ޔޫޓިއުބް ވަދަ ފްލެޓްފޯމްތަކުން ވެސް ޓްރަމްޕް ބޭރުކޮށްފައިވެ އެވެ.

ދެ އަހަރަށް ޓްރަމްޕަށް ފޭސްބުކް ބޭނުން ނުކުރެވޭ ގޮތަށް ނިންމީ، އޭނާގެ އެކައުންޓަށް އެޅި ފިޔަވަޅުގެ މައްސަލަ ފޭސްބުކްގެ އޯވަސައިޓް ބޯޑުން މިދިޔަ މަހުގެ ބަލައި ނިންމުމަށް ފަހު، ދެން އަޅާނެ ފިޔަޅެއް ނިންމުމަށް ފޭސްބުކަށް އެންގުމާ ގުޅިގެންނެވެ.

އަލުން އެމެރިކާގެ ރައިސް ކަމަށް ވަޑައިގަންނެވުމުގެ އުންމީދުގައި ޓްރަމްޕް ހުންނެވި ނަމަވެސް އޭނާގެ މައްޗަށް އެކިއެކި ކަންކަމާ ގުޅިގެން މިހާރު އުފުލިފައި ހުރި ދައުވާތަކާއި އުފުލަން ހުރި ދައުވާތަކާ ހެދި 2024 ގެ އިންތިހާބުގައި ޓްރަމްޕަށް ވާދަކުރެއްވިދާނެކަމާ ދޭތެރޭ ވަރަށް ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.