Roadha Mihaaru
މައުލޫމާތު ނުދީގެން އެފްބީ 70 މިލިއަނުން ޖޫރިމަނާ

މައުލޫމާތު ނުދީގެން ފޭސްބުކަށް 70 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް

22 އޮކްޓޯބަރ 2021

ފޭސްބުކުން މިދިޔަ އަހަރުގެ ކުރީކޮޅު ޖިފީ ގަތުމާ ގުޅިގެން އެ މުއާމަލާތާ ބެހޭ މައުލޫމާތު ހިއްސާކުރަން ތަކުރާރުކޮށް އެދުމުން އެކަން ބޮލާލައި ޖެހި މައްސަލާގައި އިނގިރޭސިވިލާތުން އެ ކުންފުނި 50.5 މިލިއަން ޕައުންޑް (70 މިލިއަން ޑޮލަރު) އިން ބުދަ ދުވަހު ޖޫރިމަނާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފޭސްބުކުން މިދިޔަ އަހަރުގެ ކުރީކޮޅު ޖިފީ ގަތުމާ ގުޅިގެން އެ މުއާމަލާތާ ބެހޭ މައުލޫމާތު ހިއްސާކުރަން ތަކުރާރުކޮށް އެދުމުން އެކަން ބޮލާލައި ޖެހި މައްސަލާގައި އިނގިރޭސިވިލާތުން އެ ކުންފުނި 50.5 މިލިއަން ޕައުންޑް (70 މިލިއަން ޑޮލަރު) އިން ބުދަ ދުވަހު ޖޫރިމަނާކޮށްފި އެވެ.

މާކް ޒަކަބާގްގެ ފޭސްބުކުން އެމެރިކާގެ ޖިފީ ގަތްކަން އިއުލާންކުރީ މެއި 15، 2020 ގަ އެވެ. އެ މުއާމާލަތުގެ އަގަކީ 400 މިލިއަން ޑޮލަރެވެ. ޖިފީ އަކީ އަޑު ނުހުންނަ ކުދި ވީޑިއޯކޮޅުތަކެއް ގޮތަށް ގިނަ ބަޔަކު މިހާރު ބޭނުންކުރާ ގްރެފިކަލް އިންޓަޗޭންޖް ފޯމެޓް (ޖީއައިއެފް) ޑިވެލޮޕްކުރާ އެމެރިކާގެ ކުންފުންޏެކެވެ.

ފޭސްބުކުން އެ ކުންފުނިން ގަންނަން ނިންމި ހިސާބުން އެކަމާ ބެހޭ މައުލޫމާތު ސާފުކޮށްދޭން އެދި ކަމާ ގުޅޭ ތަގުގީގެއް އިނގިރޭސިވިލާތުގެ ކޮމްޕެޓިޝަން އެންޑް މާކެޓްސް އޮތޯރިޓީ (ސީއެމްއޭ) އިން ފެށީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން ދެ ކުންފުނީގެ މުއާމަލާތަކާ ބެހޭ މައުލޫމާތު ހިއްސާކޮށްދޭން އެދުނު އެއްވެސް ހުށަހެޅުމަކަށް ފޭސްބުކުން އިޖާބަ ދީފައެއް ނުވެ އެވެ.

ކުންފުންޏެއް ގަތް މައްސަލައެއްގައި ފޭސްބުކަށް ކުރިމަތިލާން ޖެހުނު މިފަދަ ފުރަތަމަ ޖޫރިމަނާއާ ގުޅިގެން އެ ކުންފުނިން ވަނީ އެކަން ބަލައިނުގަންނަ ކަމަށް ބުނެފަ އެވެ.

"ޖޫރިމަނާކުރީ ބޭ އިންސާފުން. އެކަން ބަލައެއް ނުގަންނަން. އަދި އެކަން ރިވިއުކުރުމަށް ފަހު، ދެން އަހެރެމެންނަށް މިކަމާ ގުޅިގެން އޮތް ގޮތަކީ ކޮބައިތޯ ބަލާނަން." ފޭސްބުކުން ބުންޏެވެ.

ސީއެމްއޭ އިން ބުނި ގޮތުގައި ފޭސްބުކަށް އައި ޖޫރިމަނާ އަކީ މައުލޫމާތު ހިއްސާކޮށް ނުދީގެން ނުވަތަ އިނިޝިއަލް އެކްސްޗޭޖް އޮފަރިން (އައިއީއޯ) އަށް ތަނާބުވުމުން ކުންފުންޏެއް ޖޫރިމަނާކުރި ފުރަތަމަ ފަހަރެވެ.

"ޖޫރިމަނާކުރަން ޖެހުނީ ތަކުރާރުކޮށް އެންގި އެންގުމަށް ތަބާނުވީމަ. އެއްވެސް ކުންފުންޏަކަށް ގާނޫނަށް ވުރެ މަތީގައެއް ނޫޅެވޭނެ." ސީއެމްއޭގެ ސީނިއާ ޑިރެކްޓަ އޮފް މާޖާސް ޖޮއެލް ބެމްފޯޑް ވިދާޅުވި އެެވެ.