Roadha Mihaaru
ޓިކްޓޮކްގެ ފިރިހެން ރެކޯޑް ޒެކް ކިންގް އަށް

ޓިކްޓޮކްގެ އެންމެ ގިނަ ފޮލޯވަރުންގެ ފިރިހެން ރެކޯޑް ޒެކް ކިންގް އަށް

04 އެޕްރީލް 2021

ޓިކްޓޮކްގައި އެންމެ ގިނަ މީހުން ފޮލޯކުރާ ފިރިހެނާގެ ރެކޯޑް އެމެރިކާގެ ޒެކް ކިންގަށް ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޓިކްޓޮކްގައި އެންމެ ގިނަ މީހުން ފޮލޯކުރާ ފިރިހެނާގެ ރެކޯޑް އެމެރިކާގެ ޒެކް ކިންގަށް ލިބިއްޖެ އެވެ.

ޖާދޫ ހަދާ މީހުން އެ މީހުންގެ ޖާދޫތަކުގައި ބޭނުންކުރާ "ހާމަ ލޮލަށް ނުފެންނަ ސިއްރުތަކާއި" ފިލްމު ހަދާ މީހުން އެ މީހުންގެ ފިލްމުތަކުގައި ދައްކުވައިދޭ ސްޕެޝަލް އިފެކްޓްސް އާއި މޮޅެތި އެޑިޓިންތަކުގެ ހަގީގަތް މަޖާ ގޮތްގޮތަށް ވީޑިއޯތަކުން ގެނެސްދޭން މަޝްހޫރު ޒެކް ކިންގް ޓިކްޓޮކްގައި ފޮލޯކުރާ މީހުންގެ އަދަދު މިހާރު 58.3 މިލިއަނަށް އަރަ އެވެ. މިއާ އެކު ޒެކްވެފައި ވަނީ ޓިކްޓޮކް ބޭނުންކުރާ މީހުންގެ އެންމެ ގިނައިން ފޮލޯކުރާ ފިރިހެން ކްރިއޭޓަރަށެވެ.

އެ ޕްލެޓްފޯމްގައި އޭނާ ހިއްސާކޮށްފައިވާ ވީޑިއޯތަކަށް ލިބުނު ލައިކްސްގެ އަދަދު މިހާރު 716.4 މިލިއަނަށް އަރަ އެވެ.

އެމެރިކާގެ އޮރެގަންގެ ޕޯޓްލެންޑަށް އުފަން 31 އަހަރުގެ ޒެކް އެންމެ ފުރަތަމަ އާންމުންގެ ސަމާލުކަން ހޯދީ ޔޫޓިއުބް ވީޑިއޯތަކުންނެވެ. އެއީ 2008 ގައި ތައާރަފުކުރި "ފައިނަލް ކަޓް ކިންގް" ގަ އެވެ އެވެ. އޭގެ އަހަރެއް ފަހުން އެ ޗެނެލް ޕްރޯ ޓިއުޓޯރިއަލްއެއްގެ ގޮތުގައި ގެނެސްދޭން ފެށީ އެވެ.

ފަހުން 2013 ގައި ކުރީގެ ޕްލެޓްފޯމް ވައިންގައި ވެސް ޒެކަކީ ވަރަށް ވިދާލި ފަންނުވެރިއެކެވެ. އޭނާ ޓިކްޓިކް ބޭނުންކުރަން ފެށީ 2016 ގަ އެވެ. އެ ޕްލެޓްފޯމްތަކާ އެކު ޒެކް ބޭނުންކުރާ ހުރިހާ ޕްލެޓްފޯމްތަކެއް އެއްކޮށްލުމުން ދެ ކުދިންގެ ބައްޕަގެ ފޮލޯވަރުންގެ އަދަދު 92 މިލިއަނަށް ވުރެ ގިނަ ކަމަށް ގިނިސް ވޯލްޑް ރެކޯޑުން ބުންޏެވެ.

ޒެކް އޭނާގެ ވީޑިއޯތައް ސިފަކުރަނީ "ޑިޖިޓަލް ސްލައިޓް އޮފް ހޭންޑް" ގެ ގޮތުގަ އެވެ. ޖާދޫގަރުންނާއި ފިލްމުތަކުން ފެންނަ އާދަޔާހިލާފު މޮޅެތި މަންޒަރުތަކުގެ ހަގީގަތް ޒެކް ވީޑިއޯތަކުގައި ގެނެސްދީފައި ހުންނަނީ ބަލާ މީހުން ކޮސްވެފައި ތިއްބައި އޭގެ "އަސްލު ފަޅާއަރުވާލައި" ހެއްވައިލާ ގޮތްގޮތަށެވެ.

ޓިކްޓޮކްގެ އެންމެ ގިނަ ފޮލޯވަރުން ތިބި ފިރިހެން ކްރިއޭޓަރުގެ ރެކޯޑް ޒެކަށް ލިބުނު އިރު ދާދި ފަހުން އޭނާ އަށް ވަނީ ޔޫޓިއުބްގައި 10 މިލިއަން ސަބްސްކްރައިބަރުން ހަމަކުރުމުން އެ ޕްލެޓްފޯމްގެ ޑައިމަންޑް ޕްލޭ ބަޓަން ވެސް ލިބިފަ އެވެ.

"މި ލިބުނު ކާމިޔާބީތަކަކީ މި މަސައްކަތުގައި ދެމިހުންނަން ލިބުނު އިތުރު ހިތްވަރެއް. އެހެންވީމަ އަހަންނާއި އަހަރެންގެ ޓީމް ފޭނުން ހިތްއުފާކޮށް ދިނުމުގައި ދެމިތިބޭނެ." ޒެކް ބުންޏެވެ.

ޓިކްޓޮކްގައި އެންމެ ގިނަ ފޮލޯވަރުން ތިބި އަންހެން ކްރިއޭޓަރަކީ ވެސް އެމެރިކާގެ ޒުވާނެކެވެ. އެއީ ޝާލީ ޑި އެމިލިއޯ، 16، އެވެ. އޭނާ ފޮލޯކުރާ މީހުންގެ އަދަދު މިހާރު 111.9 މިލިއަނަށް އަރާ އިރު، ރެކޯޑް ލިބުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.