Roadha Mihaaru
ޕާކިސްތާނުން ވެސް ޓިކްޓޮކް މަނާކޮށްފި

ޕާކިސްތާނުން ވެސް ޓިކްޓޮކް މަނާކޮށްފި

10 އޮކްޓޯބަރ 2020

އިންޑިއާ އިން ޗައިނާގެ ޓިކްޓޮކް މަނާކޮށްފައި ވަނިކޮށް ޕާކިސްތާނުން ވެސް އެ އެޕް އެ ގައުމުގައި މަނާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާ އިން ޗައިނާގެ ޓިކްޓޮކް މަނާކޮށްފައި ވަނިކޮށް ޕާކިސްތާނުން ވެސް އެ އެޕް އެ ގައުމުގައި މަނާކޮށްފި އެވެ.

ޕާކިސްތާންގެ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ (ޕީޓީއޭ) އިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ޗައިނާގެ ބައިޓްޑާންސުން ހިންގާ ޓިކްޓޮކް މަނާކުރީ މުސްލިމުންގެ ބޮޑު އާބާދީއެއް އޮންނަ ގައުމުގެ އަހުލާގީ އަދި ސުލޫކީ މިންގަނޑަށް ނުފެތޭ ބޭއަދަބީ ކޮންޓެންޓް ޓިކްޓޮކްގައި ހުންނާތީ ކަމަށެވެ. އަދި އެ ގައުމުން ޓިކްޓޮކް މަނާކުރީ މި މައްސަލާގައި ބައިޓްޑާންސްގެ ވެރިންނާ އެކު މަޝްވަރާތަކެއް ވެސް ކުރުމަށް ފަހު އެވެ.

ސޯޝަލް މީޑިއާ އެޕްތަކުގެ ތެރެއިން މިހާރު އެންމެ ނުފޫޒުގަދަ އެއް ޕްލެޓްފޯމްގެ ގޮތުގައި މަޝްހޫރު ޓިކްޓޮކް ޕާކިސްތާނުގައި މަނާކުރި އިރު، މިދިޔަ މަހު އެ ގައުމުން ވަނީ ޑޭޓިން އެޕްތަކެއް ވެސް މަނާކޮށްފަ އެވެ.

ޕީޓީއޭ އިން ބުނި ގޮތުގައި ޓިކްޓޮކް މަނާކުރަން މަޖުބޫރުވި އޭގައި ހުންނަ ކޮންޓެންޓްތަކާ ގުޅޭ ގޮތުން އެތައް ބައެއްގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ތަކުރާރުކޮށް ލިބެމުންދާތީ އެވެ. އަދި މި މައްސަލާގައި ބައިޓްޑާންސާ އެކު މަޝްވަރާތަކެއް ކުރެވުނު ނަމަވެސް ޕާކިސްތާނުން ބޭނުންވާ ކަހަލަ އިސްލާހީ ބަދަލުތައް ޓިކްޓޮކަށް ނާންނަ ކަމަށް ބުންޏެވެ.

"ޓިކްޓޮކް މަނާކުރަން މަޖުބޫރުވީ އަހަރެމެންގެ ކަންބޮޑުވުންތަކަށް ހައްލުކޮށް ދިނުމުގައި ބައިޓްޑާންސް ފެއިލްވެފައިވާތީ." ޕީޓީއޭގެ ބަޔާނުގައި ބުންޏެވެ. "އެޕް މަނާކުރި ނަމަވެސް އަހަރެމެން ބޭނުންވާ އިސްލާހުތައް ގެނެސްދެވޭ ނަމަ ޓިކްޓޮކްގެ މައްސަލަ އަލުން ރިވިއުކުރަން މި ތިބީ ތައްޔާރަށް."

އިންޑިއާ އާއި ޕާކިސްތާނުން ޓިކްޓޮކް މަނާކުރި އިރު، އެ އެޕަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބުނެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވެސް ވަނީ ޓިކްޓިކް މަނާކުރަން މަަސައްކަތްތަކެއްކޮށްފަ އެވެ. އެކަމަކު ކޯޓުން ވަނީ އެކަން ހުއްޓުވައިފަ އެވެ.