Roadha Mihaaru
ޓިކްޓޮކްގައި 100 މިލިއަން ހަމަކޮށްގެން ރެކޯޑެއް

ޓިކްޓޮކްގައި 100 މިލިއަން ފޮލޯވަރުން ހަމަކޮށްގެން ރެކޯޑެއް

03 ޑިސެމްބަރ 2020

ފުރަތަމަ ފަހަރަށް ޓިކްޓޮކްގައި 100 މިލިއަން ފޮލޯވަރުން ހަމަކޮށްގެން ފުރާވަރުގެ އަންހެން ކުއްޖަކަށް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ލިިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފުރަތަމަ ފަހަރަށް ޓިކްޓޮކްގައި 100 މިލިއަން ފޮލޯވަރުން ހަމަކޮށްގެން ފުރާވަރުގެ އަންހެން ކުއްޖަކަށް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ލިިބިއްޖެ އެވެ.

ޗައިނާގެ ބައިޓްޑާންސްގެ ޓިކްޓޮކަކީ 15 ސިކުންތުގެ ވީޑިއޯ އަޕްލޯޑްކުރެވޭ ސޯޝަލް ޕްލެޓްފޯމެކެވެ. މީގައި 100 މިލިއަން ފޮލޯވަރުން މުޅިން އަލަށް ހަމަކޮށްގެން ރެކޯޑް ފޮތުން ޖާގަ ލިބުނީ އެމެރިކާ އަށް ނިސްބަތްވާ ޗާލީ ޑި އަމީލިއޯ، 16، އަށެވެ.

އޭނާގެ ޓިކްޓޮކް އެކައުންޓް ފޮލޯކުރާ މީހުންގެ އަދަދު 100 މިލިއަނަށް އެރީ މިދިޔަ މަހުގެ 22 ގަ އެވެ. އޭގެ ކުރިން ޗާލީ ފާހަގަކުރެވުނީ ޓިކްޓޮކް އެންމެ ފުރަތަމަ 50 މިލިއަން ފޮލޯވަރުން ހަމަކުރި މީހާގެ ގޮތުގަ އެވެ. އަދަދު އޭނާ އަށް ލިބުނީ އެޕްރީލް މަހުގެ ތެރޭގަ އެވެ. ޗާލީ ޓިކްޓޮކްގައި 50 މިލިއަން ހަމަކުރީ އެ ބޭނުންކުރަން ފެށިތާ ހަތް މަސް ދުވަހުގެ ތެރޭގަ އެވެ. އޭނާ އަކީ ދެ ޖިންސްގެ މީހުންގެ ތެރެއިން ވެސް ޓިކްޓޮކްގައި 100 މިލިއަން ފޮލޯވަރުންގެ ޝަރަފު ލިބުނު ފުރަތަމަ މީހާ އެވެ. ޗާލީގެ ފޮލޯވަރުންގެ އަދަދު މިހާރު 101.9 މިލިއަނަށް އަރަ އެވެ.

ޓިކްޓޮކްގައި ކުރިން 50 މިލިއަން ފޮލޯވަރުން ހަމަކުރުމުގެ ޝަރަފު އޮތީ ފިރިހެން ޓިކްޓޮކާއެއް ކަމަށްވާ އެމެރިކާގެ ޒެކް ކިންގްގެ އަތުގަ އެވެ.

ޓީކްޓޮކްގައި 100 މިލިއަން ހަމަކޮށްގެން ޗާލީ ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދި އިރު، އޭނާގެ އެންމެ ހާއްސަ ކަމަކީ ނެށުމުގެ ހުނަރު ޓިކްޓޮކް ދައްކައިގެން ގިނަ ބައެއްގެ ސަމާލުކަން ހޯދުމެވެ. މީގެ އިތުރުން ޗާލީ އަކީ ސައިބަ ބުލީ ފަދަ މައްސަލަތަކާ ދެކޮޅަށް ވެސް ޓިކްޓޮކްގައި ހޭލުންތެރިކަން އުފައްދާ ކުއްޖެކެވެ.

ޓިކްޓޮކުން ލިބުނު މަޝްހޫރުކަމާ އެކު ޝާލީ އަކީ މިހާރު އުދެއްދުންތައް އިޝްތިހާރުކޮށް ދޭން ވެސް ބޮޑެތި ފުރުސަތުތައް ލިބެމުން އަންނަ ކުއްޖެކެވެ. އަދީ އޭނާ އަށް ނިސްބަތްކޮށް އުފެއްދުންތައް ވެސް ތައާރަފުކޮށްފައިވެ އެވެ. އެގޮތުން މަޝްހޫރު ކުންފުނި ޑަންކިން ޑޯނަޓްސްގެ މެނޫ އަށް "ދަ ޝާލީ" ކިޔާ ސިގްނޭޗާ ބުއިމެއް ވެސް ތައާރަފުކޮށްފައިވެ އެވެ.