Roadha Mihaaru
ޓިކްޓޮކް ބޭނުންކުރާ މީހުންގެ އަދަދު ބިލިއަނަކަށް

ޓިކްޓޮކް ބޭނުންކުރާ މީހުންގެ އަދަދު ބިލިއަނަކަށް އަރައިފި

29 ސެޕްޓެމްބަރ 2021

މިދިޔަ އަހަރު ވެސް އެންމެ ގިނައިން ޑައުންލޯޑް ކުރި އެޕްގެ މަގާމު ހޯދި ޓިކްޓޮކް ބޭނުންކުރާ މީހުންގެ އަދަދު ބިލިއަނަކަށް އަރައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރު ވެސް އެންމެ ގިނައިން ޑައުންލޯޑް ކުރި އެޕްގެ މަގާމު ހޯދި ޓިކްޓޮކް ބޭނުންކުރާ މީހުންގެ އަދަދު ބިލިއަނަކަށް އަރައިފި އެވެ.

ޗައިނާގެ ބައިޓްޑާންސުން ހިންގާ އެޕަށް ލިބުނު މި ކާމިޔާބީއާ ބެހޭ ގޮތުން އެ ކުންފުނިން ބުނީ އަދި މާ ގިނަ ދުވަހެއް ނުވާ އެޕްގެ އިންޓަނޭޝަނަލް މާކެޓްގައި ބޭނުންކުރާ މީހުންގެ އަދަދު ބިލިއަނަށް އެރުމަކީ އެ އެޕްގެ ނުޒޫފު މިހާރު ކިހާ ގަދަކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ. އަދި މިއީ ގޫގުލް އާއި ފޭސްބުކް ފަދަ ކުންފުންޏަކަށް ނިސްބަތްވާ ނުވާ އެޕަކަށް މި ވަރުގެ ކާމިޔާބީއެއް ލިބުނު ފުރަތަމަ ފަހަރު ވެސް މެ އެވެ.

ކުރިން އެމެރިކާ އިން މިއުޒިކަލީގެ ނަމުގައި ހިންގި އެޕް ޗައިނާ އިން 2017 ވަނަ އަހަރު ގަނެ، ޓިކްޓޮކްގެ ނަމުގައި ލޯންޗްކުރީ 2018 ގަ އެވެ.

ޓިކްޓޮކްގެ ޗައިނާގެ ވާޝަނަކީ ޑޫޔިން އެވެ. ބައިޓްޑާންސުން ބުނި ގޮތުގައި ލޯކަލް ވާޝަނާއި އިންޓަނޭޝަލް ވާޝަން ބޭނުންކުރާ މީހުންގެ އަދަދު އެއްކޮށްލުމުން ޓިކްޓޮކް ކޮމިއުނިޓީގެ މިހާރު އަދަދު 3.2 ބިލިއަނަށް އަރަ އެވެ.

ކުރު ވީޑީއޯތައް ރެކޯޑްކޮށް އަޕްލޯޑް ކުރަން ހާއްސަ އެޕެއްގެ ގޮތުގައި މަޝްހޫރުވެގެން ދިޔަ ޓިކްޓޮކް ހޯދަމުން އަންނަ ކާމިޔާބީތަކާ އެކު ކުންފުނީގެ އާމްދަނީ ވެސް އަންނަނީ އަހަރުން އަހަރަށް އުފެލުމުންނެވެ. މިހާރުގެ އާންމު ސޯޝަލް ޕްލެޓްފޯމްތަކަށް ބަލާ އިރު، ޓިކްޓޮކަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެންމެ ބޮޑު ކާމީޔާބީއެއް ހޯދި އެޕަށް ވާނެ އެވެ.

ޓިކްޓޮކް ހިންގާ ބައިޓްޑާންސަކީ މިހާރު 425 ބިލިއަން ޑޮލަރުގެ އަގުހުރި ކުންފުންޏެކެވެ.

ޓިކްޓޮކް ބޭނުންކުރާ މީހުންގެ އަދަދު ބިލިއަނަކަށް އަރާފައި މި ވަނީ އެމެރިކާ އާއި އިންޑިއާ އާއި ޕާކިސްތާން ފަދަ ބޮޑެތި މާކެޓްތަކުން ފާއިތުވި އަހަރުގެ ތެރޭގައި އެ އެޕަށް އެތައް މައްސަލަތަކެއް ކުރިމަތިވެފައި ވަނިކޮށެވެ. އެގޮތުން ޗައިނާގެ ބޭރުން އެންމެ ބޮޑު މާކެޓަށް އޮތް އިންޑިއާ އިން މިދިޔަ އަހަރު ޓިކްޓޮލް މަނާކޮށްފައިވާ އިރު، ދެ ފަހަރެއްގެ މަތިން އެކި ސަބަބުތަކާ ހެދި ޕާކިސްތާނުން ވެސް އެ އެޕް ބްލޮކްކުރި އެވެ. އަދި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަކަމުގެ ފަހު ދުވަސްކޮޅުގެ ތެރޭގައި ޓިކްޓޮކް ހުއްޓުވާލަން އެތައް މަސައްކަތްތަކެއް ކުރި އެވެ.

ޓިކްޓޮކް ބޭނުންކުރާ މީހުންގެ އަދަދު ބިލިއަނަރަށް އެރިކަން ހާމަކޮށް އެ އެޕްގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ވަނެސާ ޕަޕަސް ވަނީ ޓިކްޓޮކް ކޮމިއުނިޓީ އަށް ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މި ކާމިޔާބީ އަކީ ޓިކްޓޮކަކީ މިހާރު ކިހާ ހާއްސަ އެޕެއް ކަން ސާބިތު ކޮށްދިން ކަމެކެވެ.

ޓިކްޓޮކް އެއް ދުވަހުން އަނެއް ދުވަހަށް ކުރިއަރަމުން އަންނަ އިރު އޭގެ ހިއްސާ ވިއްކުމަކީ ވެސް މިހާރު ބައިޓްޑާންސްގެ ޕްލޭންގެ ތެރޭގައި އޮތް ކަމެކެވެ. އެކަމަކު ޓެކް ކުންފުނިތަކާ ގުޅޭ ގޮތުން ޗައިނާގެ ސަރުކާރުން މިހާރު ގެންގުޅޭ ހަރުކަށި އުސޫލުތަކާ ހެދި ހިއްސާގެ ބާޒާރުގައި ޓިކްޓޮކް ލިސްޓްކޮށް، ހިއްސާ ވިއްކުމުގެ ޕްލޭން އޮތީ މަޑުޖައްސާލައިފަ އެވެ.