Roadha Mihaaru
އެމެރިކާގައި ޓިކްޓޮކް މަނާކުރާނަން: ޓްރަމްޕް

އެމެރިކާގައި ޓިކްޓޮކް މަނާކުރާނަން: ޓްރަމްޕް

02 އޯގަސްޓް 2020

ޗައިނާގެ ޓިކްޓޮކް އެމެރިކާގައި މަނާކުރާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ހުކުރު ދުވަހު ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޗައިނާގެ ޓިކްޓޮކް އެމެރިކާގައި މަނާކުރާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ހުކުރު ދުވަހު ވިދާޅުވެއްޖެ އެވެ.

އެމެރިކާ އިން މިދިޔަ އަހަރުން ފެށިގެން ދަނީ ޗައިނާގެ ބައިޓްޑާންސުން ހިންގާ ޓިކްޓޮކަކީ އެމެރިކާގެ ގައުމީ ސަލާމަތެއް ހުރި ނުރައްކަލެއް ކަމަށް ބުނެ އެއަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދެމުންނެވެ. އެގޮތުން ގާނޫނު ހަދާ މަޖިލީހުގައި، ވެރިކަންކުރާ ރިޕްބަލިން ޕާޓީ ތަމްސީލު ކުރައްވާ މެމްބަރުން ތަކުރުރާކޮށް ގެންދަވަނީ ޓިކްޓޮކަށް ފިއްތުންތައް ކުރިމަތި ކުރަން ޖެހޭ ކަމަށް ވިދާޅުވަމުންނެވެ. އަދި މިކަމަށް ބާރު ލިބޭ ގޮތަށް މިދިޔަ މަހު އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މައިކް ޕޮމްޕިއޯ އާއި ވައިޓް ހައުސްގެ އިކޮނޮމިކް އެޑްވައިޒަރު ލެރީ ކަޑްލޯ ވެސް ވާހަކަ ދައްކާފައިވެ އެވެ.

ލެރީ ވިދާޅުވެފައިވާ ގޮތުން ޓިކްޓޮކް އެމެރިކާގައި މަނާނުކުރަން ބޭނުން ނަމަ އޮތް ހައްލަކީ ބައިޓްޑާންސުން ވަކިވެ، އެމެރިކާގެ ކުންފުންޏެއްގެ ގޮތުގައި ހިންގުމެވެ.

އެމެރިކާގައި ޓިކްޓޮކް މަނާކުރާނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވާފައި މި ވަނީ އެމެރިކާގެ މައިކްރޮސޮފްޓުން ޓިކްޓޮކް ގަންނަން އުޅޭ ކަމަށް ބުނާ ޑީލް ވެސް އެއްފަރާތްކޮށްލެއްވުމަށް ފަހު އެވެ. އޭނާ ވިދާޅުވީ ޓިކްޓޮކް މަނާކުރެއްވުމުގެ ބާރު އެބައޮތް ކަމަށާއި އެކަން ކުރައްވާނެ ކަމަށެވެ. އެގޮތުން އިމަޖެންސީ އިގުތިސާދުގެ ބާރާއި ރައީސަށް ލިބިގެންވާ ބާރުގެ ދަށުން ވެސް އެކަން ކުރެއްވޭނެ ކަމަށް ވިދާޅުވި އެވެ.

"އެހެންވީމާ ޓިކްޓޮކް މަނާކުރެވޭނެ،" ޓްރަމްޕް ވިދާޅުވި އެވެ. "އެ އޮތޯރިޓީ އެބައޮތް."

ނަމަވެސް ޓިކްޓޮކް އެމެރިކާގައި މަނާކުރާނެ އިރެއް ވިދާޅެއް ނުވެ އެވެ. އެމެރިކާގައި ޓިކްޓޮކް ބޭނުންކުރާ މީހުންގެ އަދަދު 65-80 މިލިއަނަށް އަރަ އެވެ.

ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ޓިކްޓޮކް އެމެރިކާ އަށް ވިއްކައިލަން ބައިޓްޑާންސަ މަޖުބޫރުކުރާ އަމުރެއް ޓްރަމްޕް ވަރަށް އަވަހަށް ނެރުއްވާނެ އެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި މި އަހަރުގެ ނޮވެމްބަރުގައި ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ކުރިން ޓިކްޓޮކަށް އެމެރިކާ އިން ފިޔަވަޅު އަޅައިފާނެ އެވެ. އެ ގައުމުން ތުހުމަތުކުރާ ގޮތުގައި އެ އެޕްގެ އެހީގައި ޗައިނާ އިން އިންތިހާބަށް ނުފޫޒު ވެސް ފޯރުވާނެ އެވެ.