Roadha Mihaaru
ޓިކްޓޮކް ވިއްކައިލަން ދިން މުހުލަތު 90 ދުވަހަށް

އެމެރިކާ އަށް ޓިކްޓޮކް ވިއްކައިލަން ދިން މުހުލަތު 90 ދުވަހަށް އިތުރުކޮށްފި

17 އޯގަސްޓް 2020

ޗައިނާގެ ބައިޓްޑާންސުން ހިންގާ ޓިކްޓޮކް އެެމެރިކާގެ މައިކްރޮސޮފްޓުން ގަތުމުގެ މައްސަލަ ކޮޅެއްގައި ޖައްސަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި 45 ދުވަހުގެ މުހުލަތު ހުކުރު ދުވަހު 90 ދުވަހަށް އިތުރުކޮށް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޗައިނާގެ ބައިޓްޑާންސުން ހިންގާ ޓިކްޓޮކް އެެމެރިކާގެ މައިކްރޮސޮފްޓުން ގަތުމުގެ މައްސަލަ ކޮޅެއްގައި ޖައްސަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި 45 ދުވަހުގެ މުހުލަތު ހުކުރު ދުވަހު 90 ދުވަހަށް އިތުރުކޮށް ދީފި އެވެ.

މިކަމާ ގުޅޭ ގޮތުން ހުކުރު ދުވަހު ޓްރަމްޕް ނެރުއްވި ހާއްސަ އަމުރެއްގައި ވިދާޅުވީ ޓިކްޓޮކް އެމެރިކާ އަށް ވިއްކައިލަން ބައިޓްޑާންސަށް ދޭ މުހުލަތު މިހާރު 90 ދުވަހަށް އިތުރުކޮށް ދީފައިވާ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޓިކްޓޮކް އެމެރިކާ އަށް ވިއްކައިނުލާ ނަމަ އޭގެ މާނަ އަކީ އެމެރިކާ އިން ކުރިން ވެސް ބުނަމުން ދިޔަ ގޮތަށް، އެ އެޕަކީ އެމެރިކާގެ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަން އިތުރަށް ހާމަވުން ކަމަށް ބުނެފައިވެ އެވެ. ޓިކްޓޮކަށް މުހުލަތުގައި އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ އެމެރިކާގެ ސަރުކާރުން ނިންމާފައި އޮތީ އެ އެޕް އެ ގައުމުގައި މަނާކުރާށެވެ.

ޓްރަމްޕްގެ ރުހުމާ އެކު މައިކްރޮސޮފްޓުން ޓިކްޓޮކް ގަންނަން މަޝްވަރާކުރަމުން އަންނަކަން އިއުލާންކޮށްފައި ވަނީ މި މަހުގެ 2 ގަ އެވެ. އެ ކުންފުނިން ބުނީ މަޝްވަރާތަކުން އަންނަ މަހުގެ 15 އާ ހަމައަށް އަންނަ އިރު ގޮތެއް ނިންމޭނެ ކަމަށެވެ.

ނަމަވެސް މުހުލަތު މިހާރު އިތުރުކޮށް ދީފައިވާތީ މައިކްރޮސޮފްޓާއި ބައިޓްޑާންސްގެ މަޝްވަރާތައް އަންނަ ނޮވެމްބަރު މަހުގެ 12 އާ ހަމައަށް ކުރިއަށް ގެންދެވޭނެ އެވެ.

ޓްރަމްޕްގެ ނުފޫޒުން، ޓިކްޓޮކް ގަންނަން އުޅޭތީ މިދިޔަ ހަފުތާގައި މައިކްރޮސޮފްޓްގެ ކުރީގެ ޗެއާމަން ބިލް ގޭޓްސް ވަނީ ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ޓްރަމްޕް ރުއްސަން މައިކްރޮސޮފްޓުން ޓިކްޓޮކާ އުޅުމަކީ އެ ކުންފުންޏަށް އެއްވެސް ފައިދާއެއް ވާނެ ކަމެއް ނޫން ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ބައިޓްޑާންސުން މިހާރު އަންނަނީ ޓްވިޓާ އާއި އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީ ރިލަޔަންސް ގްރޫޕާ ވެސް ޓިކްޓޮކްގެ މައްސަލާގައި މަޝްވަރާތަކެއް ކުރަމުންނެވެ. އިންޑިއާ އިން ވަނީ ޖޫން މަހުގެ 29 ގައި ޓިކްޓޮކް އެ ގައުމުގައި މަނާކޮށްފަ އެވެ.