Roadha Mihaaru
ނޯތު މެސެޑޯނިއާ އަތުން ޖަރުމަނަށް "ހިތި" ބަލިވުމެއް

ނޯތު މެސެޑޯނިއާ އަތުން ޖަރުމަނަށް "ހިތި" ބަލިވުމެއް

01 އެޕްރީލް 2021

ވޯލްޑް ކަޕް ކޮލިފައިންގައި ރޭ އެއްވެސް މީހަކަށް ހީ ވެސް ކުރެވިފައިނުވާ ގޮތަކަށް ނޯތު މެސެޑޯނިއާ އަތުން ޖަރުމަން ބަލިވުމަކީ "ހިތި ނަތީޖާއެއް" ކަމަށް، ކޯޗު ޔޯކިމް ލޯ ސިފަކޮށްފި އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ރޭ އެއްވެސް މީހަކަށް ހީ ވެސް ކުރެވިފައިނުވާ ގޮތަކަށް ނޯތު މެސެޑޯނިއާ އަތުން ޖަރުމަން ބަލިވުމަކީ "ހިތި ނަތީޖާއެއް" ކަމަށް، ކޯޗު ޔޯކިމް ލޯ ސިފަކޮށްފި އެވެ.

ޔޫރަޕްގެ ފުޓްބޯޅާގައި ވެސް ވަރަށް އާދައިގެ ގައުމެއް ކަމަށް ބެލެވޭ ނޯތު މެސެޑޯނިއާ، އަމިއްލަ ގައުމުގައި ވާދަކޮށް ޖަރުމަން ބަލިވީ މެޗު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް ޖެހި ލަނޑުން 2-1 އިންނެވެ.

މިއީ 2001 ގައި އިންގްލެންޑް އަތުން 5-1 އިން ޖަރުމަން ވީ ބޮޑު ބައްޔަށް ފަހު ވޯލްޑް ކަޕް ކޮލިފައިންގައި ޖަރުމަނަށް މެޗެއް ގެއްލުނު ފުރަތަމަ ފަހަރެވެ. ހަތަރު ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ އަދި ދުނިޔޭގެ ފުޓްބޯޅާގައި އަބަދުވެސް ކުރީގައި އުޅޭ ޖަރުމަންގެ މި ބައްޔާ އެކު ގްރޫޕްގައި އެ ޓީމު މިހާރު އޮތީ ތިން ވަނައިގަ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ޖެހީ ނޯތު މެސެޑޯނިއާގެ ގޯރަން ޕަންދޭވް އެވެ. ދެ ވަނަ ހާފުގެ މެދެއްހާ ހިސާބުގައި، 63 ވަނަ މިނިޓްގައި ލިބުނު ޕެނެލްޓީއަކުން، ޖަރުމަނަށް އެއްވަރުކޮށްދިނީ މެންޗެސްޓަ ސިޓީގައި މިހާރު ތަފާތު ކުޅުމެއް ދައްކަމުން އަންނަ އިލްކާއި ގުންޑޮގަން އެވެ.

މެޗުގެ 60 ޕަސެންޓް ވަގުތު ބޯޅަ ހިފަހައްޓައިގެން ޖަރުމަނުން ކުޅެ 11 ހަމަލާ އުފެއްދިޔަސް 85 ވަނަ މިނިޓްގައި ނޯތު މެސެޑޯނިއާގެ އެލްޖިފް އެލްމަސްގެ ޖެހި ލަނޑުން އެ ހައިރާންކުރުވަނިވި ބަލިވުމުން ސަލާމަތެއް ނުވެވުނެވެ.

މި ބައްޔާ އެކު ޖަރުމަނަށް ވުރެ ލަނޑުގެ ގޮތުން ނޯތު މެސެޑޯނިއާ އޮތީ ގްރޫޕްގެ ދެ ވަނާގައިގަ އެވެ. ދެ ޓީމަށް ވެސް ލިބިފައި ވަނީ ހަ ޕޮއިންޓެވެ. ގްރޫޕްގެ އެއް ވަނާގައި ނުވަ ޕޮއިންޓާ އެކު އޮތީ އާމޭނިއާ އެވެ.

"މިއީ ވަރަށް ހިތި ހިތްދަތިކަމެއް،" ވޯލްޑް ކަޕް ކޮލިފައިންގައި ރެއާ ހަމައަށް ބަލިނުވެ 35 މެޗު ފުރިހަމަކުރި ޖަރުމަނުގެ ކޯޗު ބުންޏެވެ.

"އަހަރެމެން ތާޒާއެއް ނޫން، އެތައް ގޯހެއް ހެދުނު. އަހަރެމެންގެ ކުޅުން އަވަސްކޮށްލާ އިރު ނުރައްކާ ވެސް ކުރެވުނު. އެކަމަކު އެއީ މޮޅު ވެވޭ ވަރުގެ އެހީއަކަށް ނުވެވުނު."

އޭނާ ބުނި ގޮތުގައި އަމިއްލަ ފަސްގަނޑުގައި ކުޅެ އެކަހަލަ ނަތީޖާއެއް ނުކުތުމަކީ ވެސް އޭގެ ޒާތުގައި ހިތާމައެކެވެ.

އެކަމަކު ނޯތު މެސެޑޯނިއާއަށް އެ ނަތީޖާ އެހާ ފޮންޏެވެ. ކޯޗު އިގޯރު އެންޖެލޮވްސްކީ ސިފަކުރި ގޮތުގައި އެ ކުޅުންތެރިން "މުޅި ގައުމު ފަހުރުވެރިކޮށްލައިފި" އެވެ.

"އެހާ ކާމިޔާބު ޓީމެއް އަހަރެމެންނަށް މިހާތަނަށް ބަލިކޮށްލެވިފައެއް ނެތް. މި ވަގުތު އަހަރެމެން ބޭނުންވަނީ ކުޑަ އަރާމެއް،" އެންޖެލޮވްސްކީ ބުންޏެވެ.