Roadha Mihaaru

ކުޑަކުޑަ ކޭޕް ވާޑޭ ވޯލްޑް ކަޕަށް ކޮލިފައިވުމާ ގާތަށް

އެފްރިކާގެ ހުޅަނގު ބިތުގައި އޮންނަ ކުޑަކުޑަ ގައުމެއް ކަމަށްވާ ކޭޕް ވާޑޭ އިން ގަދަގަދަ ކެމަރޫން 1-0 އިން ބަލިކޮށް ވޯލްޑް ކަޕުން ފުރަތަމަ ފަހަރަށް ޖާގައެއް ހޯދުމާ ގާތަށް ޖެހިލައިފި އެވެ.

ކުޑަކުޑަ ކޭޕް ވާޑޭ ވޯލްޑް ކަޕަށް ކޮލިފައިވުމާ ގާތަށް

އެފްރިކާގެ ހުޅަނގު ބިތުގައި އޮންނަ ކުޑަކުޑަ ގައުމެއް ކަމަށްވާ ކޭޕް ވާޑޭ އިން ގަދަގަދަ ކެމަރޫން 1-0 އިން ބަލިކޮށް ވޯލްޑް ކަޕުން ފުރަތަމަ ފަހަރަށް ޖާގައެއް ހޯދުމާ ގާތަށް ޖެހިލައިފި އެވެ.

ފަސް ލައްކައެއްހާ މީހުން ދިރިއުޅޭ ކޭޕް ވާޑޭ އޮތީ އެފްރިކާ ބައްރުގެ ކޮލިފައިން ގްރޫޕް ޑީ ގެ އެއް ވަނައިގައި 19 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ކެމަރޫނަށް ލިބިފައިވަނީ 15 ޕޮއިންޓެވެ.

މާނައަކީ، ބާކީ އޮތް ދެ މެޗުން ތިން ޕޮއިންޓް ހޯދައިގެން ކޭޕް ވާޑޭ އަށް ވޯލްޑް ކަޕަށް ދެވެން އޮތުމެވެ. އެ ދެ މެޗަކީ ރަށުމް ބޭރުގައި ލީބިޔާއާ ދެކޮޅަށް ކުޅޭ މެޗާއި، އަމިއްލަ ދަނޑުގައި އެސްވަޓީނީއާ ދެކޮޅަށް ކުޅޭ މެޗެވެ.

ވޯލްޑް ކަޕުން ސީދާ ޖާގައެއް ލިބޭނީ ގްރޫޕުގެ އެއް ވަނަ ހޯދާ ޓީމަށެވެ. އެކަމަކު ދެ ވަނަ ޓީމަށް ދެ ވަނަ ބުރުގެ ތެރެއިން ޖާގައެއް ލިބިދާނެ އެވެ.

ގްރޫޕުގެ އެހެން މަގާމުތަކަށް ބަލާއިރު ތިން ވަނައިގައި 14 ޕޮއިންޓާ އެކު އޮތީ ލީބިޔާ އެވެ. ދެން އޮތީ 10 ޕޮއިންޓް ހަމަކޮށްފައިވާ އެންގޯލާ އާއި، ފަސް ޕޮއިންޓާ އެކު ހޯދާފައިވާ މޮރިޝަސް އަދި، ދެ ޕޮއިންޓް ލިބިފައިވާ އެސްވަޓީނީ އެވެ.

ރޭ އަމިއްލަ ދަނޑުގައި ކެމަރޫން އަތުން ކޭޕް ވާޑޭ މޮޅުވި މެޗުގައި އެ ޓީމުގެ ހަމައެކަނި ލަނޑު 54 ވަނަ މިނެޓުގައި ވައްދާލީ އިޓަލީގެ ހެލަސް ވެރޯނާގެ ފޯވާޑް ޑައިލޮން ލިވްރަމެންޓޯ އެވެ. ނެދަލެންޑްސް އަށް އުފަން ލިވްރަމެންޓޯ ވަނީ ކޮލިފައިންގައި މިހާތަނަށް ތިން ގޯލު ޖަހައިފަ އެވެ.

ޕޯޗުގަލްގެ ކިބައިން 1975 ގައި މިނިވަންވި ކޭޕް ވާޑޭ އިން އަންނަނީ 2002 އިން ފެށިގެން ވޯލްޑް ކަޕް ކޮލިފައިންގައި ވާދަކުރަމުންނެވެ. އެކަމަކު މިހާތަނަށް ދުނިޔޭގެ އެންމެ ބޮޑު މުބާރާތަށް ކޮލިފައިވުމާ ގާތަށް ވެސް ނުދެވެ އެވެ. އެ ގައުމަށް ފުޓްބޯޅައިން ލިބުނު އެންމެ ބޮޑު ކާމިޔާބަކީ، 2023 ގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކުއާޓާ ފައިނަލަށް ދެވުމެވެ.