Roadha Mihaaru
އާޖެންޓީނާ އާއި ބްރެޒިލް ވެސް ބަލިވެއްޖެ

އާޖެންޓީނާ އާއި ބްރެޒިލް ވެސް ވޯލްޑް ކަޕް ކޮލިފައިންގައި ބަލިވެއްޖެ

11 ސެޕްޓެމްބަރ 2024

ބަރަންކީލާ (ސެޕްޓެމްބަރު 11) – ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ވަރުގަދަ ބްރެޒިލް އާއި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ވެސް ބަލިވެއްޖެ އެވެ.

ބަރަންކީލާ (ސެޕްޓެމްބަރު 11) – ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ވަރުގަދަ ބްރެޒިލް އާއި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ވެސް ބަލިވެއްޖެ އެވެ.

ރެއާލް މެޑްރިޑަށް ކުޅޭ ތަރިން ކަމަށްވާ ވިނީޝިއުސް ޖޫނިއާ އާއި ރޮޑްރިގޯ އަދި އެންޑްރިކް އާއެކު ބްރެޒިލް މިއަދު ހެނދުނު ރަށުން ބޭރުގައި ޕެރަގުއޭއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ 1-0 އިންނެވެ. ޕެރަގުއޭގެ ހަމައެކަނި ގޯލު ފުރަތަމަ ހާފުގައި ޖަހައިދިނީ މެސީ އާއެކު އިންޓަ މަޔާމީއަށް ކުޅޭ ފޯވާޑް ޑިއޭގޯ ގޮމޭޒް އެވެ.

މިއަހަރު އޮތް ކޮޕާ އެމެރިކާ ފައިނަލުން އާޖެންޓީނާ އަތުން ބަލި ވުމުގެ ހިތި ފިލުވާލައި ކޮލަމްބިއާ ވަނީ ރޭ އަމިއްލަ ގައުމުގައި 2-1 އިން އާޖެންޓީނާ ބަލިކޮށްފަ އެވެ.

ފުރަތަމަ ހާފުގައި ޑިފެންޑަރު ޔާސެން މޮސްކުއެރާ ކޮލަމްބިއާ އަށް ލީޑު ނަގައިދިން އިރު، ދެ ވަނަ ހާފުގެ ކުރީކޮޅު އާޖެންޓީނާ އަށް އެއްވަރު ކޮށްދިނީ ނިކޮލަސް ގޮންޒާލެޒް އެވެ. ނަމަވެސް އޭގެ 10 ވަރަކަށް މިނިޓު ފަހުން ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ހަމޭސް ރޮޑްރިގޭޒް ވަނީ ކޮލަމްބިއާ އަށް އަލުން ލީޑު ހޯދައިދީފަ އެވެ.

ޖުލައި މަހު ކޮލަމްބިއާއާ ދެކޮޅަށް ކޮޕާ އެމެރިކާގެ ފައިނަލްގައި ކުޅުނު ފަހުން އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އަދިވެސް ހުރީ އަނިޔާގަ އެވެ. ދާދި ފަހުން އޭނާ އިންޓަ މަޔާމީގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައި ވާއިރު، އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކަލޯނީ ހުރީ އޮކްޓޫބަރު މަހު އާޖެންޓީނާ ކުޅޭ މެޗުތަކުގައި މެސީ އަށް ކުޅޭވޭނެ ކަމަށް އުންމީދު ކޮށްގެންނެވެ.

ދެކުނު އެމެރިކާގެ ކޮލިފައިންގައި ކޮންމެ ޓީމަކަށް ވެސް މިހާތަނަށް އަށް މެޗު ކުޅެވިފައި ވާއިރު އާޖެންޓީނާ އޮތީ 18 ޕޮއިންޓާ އެކު އެއް ވަނައިގަ އެވެ. އެޓީމު ވަނީ ދެ މެޗުން ބަލިވެފަ އެވެ. މިހާތަނަށް މެޗަކުން ބަލިނުވެ، 16 ޕޮއިންޓާ އެކު ދެ ވަނައިގައި އޮތީ ކޮލަމްބިއާ އެވެ. ތިން ވަނައިގައި އޮތީ މިއަދު ވެނިޒުއޭލާއާ ދެކޮޅަށް ކުޅެ 0-0 އިން އެއްވަރުކޮށް 15 ޕޮއިންޓް ހޯދާފައިވާ އުރުގުއޭ އެވެ.

ހަތަރު ވަނައިގައި އޮތް އިކުއެޑޯ އަށް 11 ޕޮއިންޓް ލިބިފައި ވާއިރު، ބްރެޒިލް އާއި ވެނިޒުއޭލާ އަށް ވެސް ވަނީ 10 ޕޮއިންޓް ލިބިފަ އެވެ.

ދެކުނު އެމެރިކާގެ ކޮލިފައިން އިން އެންމެ ރަނގަޅު ހަ ޓީމަކަށް 2026 ގެ ވޯލްޑް ކަޕްގެ ސީދާ ޖާގައެއް ލިބޭއިރު، ހަތް ވަނައިގައި ނިންމާ ޓީމު، އިންޓަ ކޮންޓިނެންޓަލް ޕްލޭއޮފަށް ހޮވޭނެ އެވެ. މިވަގުތު ހަތްވަނައިގައި އޮތީ އަށް ވަނައިގައި އޮތް ބޮލީވިއާއާ އެއް ވަރަށް؛ ނުވަ ޕޮއިންޓް ހޯދާފައިވާ ޕެރަގުއޭ އެވެ.