Roadha Mihaaru
ހައްލެއް ނުލިބުމުން ވޯލްޑް ކަޕް ކޮލިފައިން ފަސްކޮށްފި

ހައްލެއް ނުލިބުމުން ކޮންމެބޯލް އިން ވޯލްޑް ކަޕް ކޮލިފައިން މެޗުތައް ފަސްކޮށްފި

07 މާޗް 2021

އަސުންސިއޯން، ޕެރަގުއޭ (މާޗް 7) - ކޮވިޑް-19ގެ ފެތުރޭތީ ގައުމުތަކުން ކަނޑައަޅާފައިވާ ކަރަންޓީނު ވުމުގެ އުސޫލުގައި ހުރި ކަންތައްތަކަށް ހައްލެއް ނުލިބުމުން މި މަހު ކުޅެން ތާވަލުކުރި ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިން މެޗުތައް ފަސްކުރަން ދެކުނު އެމެރިކާގެ މައި ފުޓްބޯޅަ އިދާރާ ކޮންމެބޯލް އިން ނިންމައިފި އެވެ.

އަސުންސިއޯން، ޕެރަގުއޭ (މާޗް 7) - ކޮވިޑް-19ގެ ފެތުރޭތީ ގައުމުތަކުން ކަނޑައަޅާފައިވާ ކަރަންޓީނު ވުމުގެ އުސޫލުގައި ހުރި ކަންތައްތަކަށް ހައްލެއް ނުލިބުމުން މި މަހު ކުޅެން ތާވަލުކުރި ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިން މެޗުތައް ފަސްކުރަން ދެކުނު އެމެރިކާގެ މައި ފުޓްބޯޅަ އިދާރާ ކޮންމެބޯލް އިން ނިންމައިފި އެވެ.

ކޮންމެބޯލް އިން ވޯލްޑް ކަޕް ކޮލިފައިން މެޗުތައް ކުޅެން ތާވަލުކުރީ މި މަހު 25، 26 އާއި 30 ވަނަ ދުވަހު އެވެ. އެ މެޗުތައް ފަސްކުރަން ކޮންމެބޯލް އިން ނިންމީ ކަރަންޓީނުވުމުގެ އުސޫލުތަކާ ހެދި ޔޫރަޕްގައި ކުޅޭ ދެކުނު އެމެރިކާގެ ގައުމުތަކުގެ ކުޅުންތެރިން ގައުމީ ޓީމުތަކަށް ރިލީސް ކުރަން ކްލަބްތަކުން ދެކޮޅު ހަދާތީ އެވެ. މެޗުތައް ފަސްކުރި ނަމަވެސް ދެން ކުޅޭނެ ތާރީހެއް ކޮންމެބޯލް އިން އިއުލާނެއް ނުކުރެ އެވެ.

ވޯލްޑް ކަޕް ކޮލިފައިން އަށް ފަހު އެނބުރި އައިސް ކްލަބާ ގުޅުމުގެ ކުރިން ކުޅުންތެރިން ކަރަންޓީނު ވާން ޖެހޭ ގޮތަށް އުސޫލު އޮތުމުން ކުޅުންތެރިން ގައުމީ ޓީމަށް ރިލީސްކުރަން ދެކޮޅު ހަދާފައިވާ ކްލަބްތައް ނިސްބަތުން ވަރަށް ގިނަ އެވެ. ޔޫރަޕްގެ ގިނަ ގައުމުތަކުން ވަނީ ޔޫރަޕުން ބޭރު ގައުމަކަށް ގޮސްފައި އެނބުރި އަންނަ ކޮންމެ މީހެއް ކަރަންޓީނުގެ މުއްދަތެއް ފުރިހަމަކުރަން ޖެހޭ ގޮތަށް އުސޫލު ކަނޑައަޅައިފަ އެވެ. އެއީ އެއްވެސް ދާއިރާއެއްގެ ބަޔަކު އިސްތިނާ ނުވާ ގޮތަށެވެ.

ކްލަބްތަކުން ކުޅުންތެރިން ގައުމީ ޓީމަށް ރިލީސްކުރުމާ މެދު ދެކޮޅު ހަދަން ފެށީ ކޮވިޑް-19އާ ހެދި ފީފާ އިން ކަނޑައެޅި އުސޫލެއްގެ ދަށުންނެވެ. ނޯމަލް ހާލަތްތަކުގައި ފީފާ އިން ގައުމީ ޓީމުތަކުގެ މެޗުތަކަށް ކަނޑައަޅާފައިވާ ތާރީހުގައި ކުޅެން ޝެޑިއުލްކުރާ މެޗުތަކަށް ކުޅުންތެރިން ރިލީސްކުރަން މަޖުބޫރެވެ. އެކަމަކު ކޮވިޑް-19އާ ހެދި ފީފާ އިން އަމަލުކުރަން ފެށި ހާއްސަ އުސޫލުގެ ދަށުން ކަރަންޓީިނު ވާން ޖެހުމާއި މި ފަދަ ކަންކަމާ ހުރެ ކުޅުންތެރިން ރިލީސްކުރުމުގެ ކަންތައްތައް ވަނީ ކްލަބްގެ އަތް މައްޗަށް ދޫކޮށްލައިފަ އެވެ.

ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިން ފަސްކުރުމާ އެކު މި މަހު 30 ވަނަ ދުވަހު އާޖެންޓީނާ އާއި ބްރެޒިލް ކުޅެން އޮތް މެޗު ވެސް މި ވަނީ ފަސްވެފަ އެވެ. އެ މެޗު އެ ތާރީހުގައި ކުޅުނުނަމަ އެ މެޗު ކުޅެން ޖެހޭނީ ޔޫރަޕްގެ ކްލަބްތަކަށް ކުޅޭ އެ ދެ ގައުމުގެ މަޝްހޫރު ކުޅުންތެރިން ނުލަ އެވެ. އެކަމަކު އެ މެޗު ފަސްކުރުމުން ދެން އެ މެޗު ކުޅޭ ތާރީހެއްގައި ހުރިހާ ކުޅުންތެރިންނަށް ކުޅެވުމުގެ ފުރުސަތު ބޮޑެވެ.

ކޮންމެބޯލްގެ ކޮލިފައިން އެއް ވަނައިގައި ބްރެޒިލް އޮތީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެގެން 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އާޖެންޓީނާ އަށް ހަތަރު މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވަން ގައުމުތަކުން އެކި ފިޔަވަޅުތަކާ ހެދި ހުރި ދަތުރުފަތުރުތަކުގެ ދަތިތަކުގެ ސަބަބުން މި މަހު ކުޅޭ ޔޫރަޕްގެ ވޯލްޑް ކަޕް ކޮލިފައިންގެ ބައެއް މެޗުތައް ވެސް ވަނީ އެހެން ދަނޑުތަކަށް ބަދަލުކޮށްފަ އެވެ. އެ ގޮތުން ޕޯޗުގަލް އިން ކޮލިފައިންގައި އެ ޓީމުގެ ހޯމްގައި ކުޅެން އޮތް އަޒަރުބައިޖާން މެޗު މިހާރު ކުޅޭނީ އިޓަލީގެ ޓިއުރިންގަ އެވެ. ނޯވޭ އިން ތުރުކީއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ ހޯމް މެޗު މިހާރު ކުރިއަށްގެންދަން ހަމަޖެހިފައިވަނީ ސްޕެއިނުގެ މަލަގާގަ އެވެ.