Roadha Mihaaru
ބްރެޒިލްގެ ހެލްތު އޮތޯރިޓީން މެޗު ހުއްޓުވައިފި

ބްރެޒިލްގެ ހެލްތު އޮތޯރިޓީން ދަނޑަށް ވަދެ މެޗު ހުއްޓުވައިފި

06 ސެޕްޓެމްބަރ 2021

ސައު ޕޯލޯ (ސެޕްޓެމްބަރު 6) - ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ބްރެޒިިލް އާއި އާޖެންޓީނާ މެޗު ކުޅެމުން ދަނިކޮށް ބްރެޒިލްގެ ހެލްތު އޮތޯރިޓީން ދަނޑަށް ވަދެ މެޗު ހުއްޓުވައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ސައު ޕޯލޯ (ސެޕްޓެމްބަރު 6) - ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ބްރެޒިިލް އާއި އާޖެންޓީނާ މެޗު ކުޅެމުން ދަނިކޮށް ބްރެޒިލްގެ ހެލްތު އޮތޯރިޓީން ދަނޑަށް ވަދެ މެޗު ހުއްޓުވައިފި އެވެ.

ސައު ޕޯލޯގެ ނިއޯ ކިމިކާ އެރީނާގައި މެޗު ފަށައިގެން 10 މިނެޓް ކުޅުނު ފަހުން، ބްރެޒިލްގެ ޕަބްލިކު ހެލްތު އޮތޯރިޓީން ވަނީ މެޗު ހުއްޓާލަން އަންގައިފަ އެވެ. އެ އޮތޯރިޓީން މެޗު ހުއްޓުވީ އާޖެންޓީނާގެ ބައެއް ކުޅުންތެރިން ބްރެޒިލަށް އެތެރެވުމުގައި ކޮވިޑް-19 ގެ ޕްރޮޓޮކޯލްއާ ހިލާފުވި މައްސަލަ ފާހަގަ ކުރުމަށް ފަހު އެވެ.

އޭގެ ކުރިން ބްރެޒިލްގެ ހެލްތު އޮތޯރިޓީން ވަނީ އާޖެންޓީނާގެ ހަތަރު ކުޅުންތެރިޔަކު ޕްރޮޓޮކޯލް މުގުރާލިކަން އިއުލާންކޮށްފަ އެވެ. މައްސަލަ ފެންމަތިވީ އިނގިރޭސި ވިލާތުން ދަތުރު ކުރި ކުޅުންތެރިން ކޮވިޑްގެ މަރުހަލާތައް ފުރިހަމަކޮށްފައި ނުވާތީ އެވެ.

ޕްރިމިއާ ލީގުގައި ކުޅޭ ބައެއް ކުޅުންތެރިން އާޖެންޓީނާ ޓީމުގައި ވަނީ ހިމަނައިފަ އެވެ. ޓޮޓެންހަމް ހޮޓްސްޕާސްގެ ޖިއޮވާނީ ލޮ ސެލްސޯ، ހަމަ އެ ޓީމުގެ ކްރިސްޓިއަން ރޮމޭރޯ، އެސްޓަން ވިލާގެ އެމިލިއާނޯ މާޓިނޭޒް، ހަމަ އެ ޓީމުގެ އެމިލިއާނޯ ބުއެންޑިއާ، ބްރެޒިލަށް އެތެރެވުމުގައި ކޮވިޑްގެ ޕްރޮޓޮކޯލްއާ ހިލާފުވި މައްސަލަ ސިއްހީ އިދާރާ އިން ވަނީ ފާހަގަކޮށްފަ އެވެ.

މެޗު ހުއްޓާލުމުން އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ދަނޑު ބޭރުގައި މަޑުކޮށްލައިގެން --- ފޮޓޯ: އޭއެފްޕީ

މެޗު ހުއްޓާލުމުން އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ދަނޑު ބޭރުގައި މަޑުކޮށްލައިގެން --- ފޮޓޯ: އޭއެފްޕީ

އެ ކުޅުންތެރިންނަކީ، އިނގިރޭސި ވިލާތުން ދަތުރުކުރި ކުޅުންތެރިންނަށް ވުމުން، ބްރެޒިލަށް އެތެރެވުމަށް ފަހު 14 ދުވަހުގެ ކަރަންޓީން ފުރިހަމަކުރަން ޖެހޭނެ ކަމަށް އެ ގައުމުގެ ހެލްތު އޮތޯރިޓީން ބުނެ އެވެ.

ރޮމޭރޯ، ލޮ ސެލްސޯ އަދި މާޓިނޭޒް ވަނީ މެޗުގެ ފުރަތަމަ 11 ގައި ހިމަނިގެން ކުޅެން ވެސް ނުކުމެފަ އެވެ.

"އަހަރެމެންނަށް އެކަން ފާހަގަވީ ބްރެޒިލްގެ ހެލުތު ސަވައިލެންސް އޮތޯރިޓީން އެންގިގޮތަށް ކަންތައް ފުރިހަމަކޮށްފައި ނުވުމުން،" އެ އޮތޯރިޓީގެ ޑައިރެކްޓާ އެންޓޯނިއޯ ޓޯރޭޒް، އެ ގައުމުގެ ޓީވީ އަކަށް ދިން އިންޓަވިއުގައި ވިދާޅުވި އެވެ.

ބްރެޒިލްގެ ސިއްހީ އިދާރާގެ އެހެން އޮފިޝަލަކު ބުނީ، އެ ހަތަރު ކުޅުންތެރިން ބްރެޒިލަށް އެތެރެވުމުން ކަރަންޓީން ފުރިހަމަ ކުރުމަށް އަންގާފައި ވާނެ ކަމަށެވެ.

"ނަމަވެސް އެ މީހުންނެއް ނެތް އެކަން ފުރިހަމަކޮށްފައެއް. އެމީހުން ސްޓޭޑިއަމަށް ގޮސް ދަނޑަށް ވެސް ނުކުތް އެއީ ބަލި ފެތުރުން އިތުރުވެދާނެ ކަމެއް."

އިނގިރޭސި ވިލާތް، އިންޑިއާ އަދި ދެކުނު އެފްރިކާ އިން ބްރެޒިލްގެ އެއްވެސް ހިސާބަަކަށް ދަތުރު ނުކުރުމަށް ޖޫން 23 ގައި ބްރެޒިލްގެ ސަރުކާރުން އެންގި އެވެ. މިހާރު ހަމަޖައްސާފައި ވަނީ އެ ގައުމުތަކުން ބްރެޒިލް އަށް ދަތުރު ކުރާނަމަ 14 ދުވަހު ކަރަންޓީން ވުމަށެވެ.