Roadha Mihaaru
ހަމެލްސްގެ ލަނޑުން ޖަރުމަން ވޯލްޑް ކަޕާ ގާތަށް

ހަމެލްސްގެ ލަނޑުން ޖަރުމަން ވޯލްޑް ކަޕާ ގާތަށް

02 ސެޕްޓެމްބަރ 2017

ޕްރާގް (ސެޕްޓެމްބަރު 2) – ފަހު ވަގުތު މެޓްސް ހަމެލްސް ވައްދާލި ލަނޑާ އެކު ޗެކް ރިޕަބްލިކް އަތުން 2-1 އިން މޮޅުވެ އަންނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމާ ގާތަށް ޗެމްޕިއަން ޖަރުމަން ޖެހިލައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ޕްރާގް (ސެޕްޓެމްބަރު 2) – ފަހު ވަގުތު މެޓްސް ހަމެލްސް ވައްދާލި ލަނޑާ އެކު ޗެކް ރިޕަބްލިކް އަތުން 2-1 އިން މޮޅުވެ އަންނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމާ ގާތަށް ޗެމްޕިއަން ޖަރުމަން ޖެހިލައިފި އެވެ.

ގްރޫޕް ސީ ގެ އެއް ވަނައިގައި 21 ޕޮއިންޓާ އެކު ޖަރުމަން އޮތްއިރު އެންމެ ކައިރީގައި އޮތް ނޮދަން އަޔަލެންޑަށް ލިބިފައިވަނީ 16 ޕޮއިންޓެވެ. އެ ޓީމު ވަނީ ރޭ ސެން މެރީނޯ އަތުން 3-0 އިން މޮޅުވެފަ އެވެ. ތިން ވަނައިގައި އޮތީ ނުވަ ޕޮއިންޓާ އެކު ޗެކް ރިޕަބްލިކެވެ.

އަންނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްޑް ކަޕަށް އޮޓޮމެޓިކުން ކޮލިފައިވާނީ ގްރޫޕުގެ އެއް ވަނަ ޓީމަށެވެ. ދެ ވަނަ ޓީމަށް ޖެހޭނީ ޕްލޭއޮފް ކުޅޭށެވެ. ގްރޫޕުގައި ކޮންމެ ޓީމަކަށް ބާކީ އޮތީ ތިން މެޗެވެ.

ރަށުން ބޭރުގައި ޖަރުމަން ކުޅުނު މި މެޗުގެ ހަތަރު ވަނަ މިނެޓުގައި ޓިމޯ ވޯނާ ވަނީ އެ ޓީމަށް ކުރި ހޯދައިދީފަ އެވެ. ޗެކް ރިޕަބްލިކުން އެއްވަރުކުރީ 78 ވަނަ މިނެޓުގައި ލަޑިމިއާ ޑަރިޑާ ޖެހި ލަނޑުންނެވެ. އެކަމަކު 88 ވަނަ މިނެޓުގައި ސެންޓްރަލް ޑިފެންޑަރު ހަމެލްސް ވަނީ ބޮލުން ގޯލެއް ވައްދާލައި ޖަރުމަން މޮޅުކޮށްދީފަ އެވެ.

މި މެޗާ އެކު ޖަރުމަން މި ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި ބަލިނުވެ 30 މެޗު ހަމަކޮށްފަ އެވެ. އެންމެ ފަހުން ބަލިވީ 2001 ވަނަ އަހަރު އިންގްލެންޑް އަތުންނެވެ. އެ ފަހަރު އެ ޓީމު މޮޅުވީ މައިކަލް އޮވެންގެ ހެޓްރިކާ އެކު 5-1 އިންނެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ރޭ އިންގްލެންޑް ވަނީ ހެރީ ކޭންގެ ދެ ލަނޑާ އެކު މޯލްޓާ އަތުން 4-0 އިން މޮޅުވެފަ އެވެ. މި ނަތީޖާއާ އެކު އިންގްލެންޑް އޮތީ 17 ޕޮއިންޓް އެއްކޮށް ގްރޫޕް އެފް ގެ އެއް ވަނައިގަ އެވެ. ދެ ވަނައިގައި 15 ޕޮއިންޓާ އެކު އޮތީ ރޭ ސްލޮވީނިއާ އަތުން 1-0 އިން މޮޅުވި ސްލޮވާކިއާ އެވެ. ތިން ވަނައިގައި 11 ޕޮއިންޓާ އެކު އޮތީ ސްކޮޓެލެންޑެވެ. އެ ޓީމު ވަނީ ރޭ ލިތުއޭނިއާ އަތުން 3-0 އިން މޮޅުވެފަ އެވެ.

ރަށުން ބޭރުގައި އިންގްލެންޑް ކުޅުނު މެޗުގެ 53 ވަނަ މިނެޓުގައި ކޭން ލީޑު ނަގައިދިން އިރު އަނެއް ތިން ލަނޑު ވެސް ފެނިގެން ދިޔައީ މެޗުގެ ފަހުކޮޅެވެ. އެގޮތުން 85 ވަނަ މިނެޓުގައި ރިޔަން ބާޓްރެންޑް ދެ ވަނަ ގޯލް ޖެހިއިރު ތިން ވަނަ ލަނޑު އިތުރު ވަގުތުގައި ޖެހީ ޑެނީ ވެލްބެކެވެ. ފަހު ލަނޑު ވައްދާލީ ކޭން އެވެ.