Roadha Mihaaru
ޖަރުމަނާއި އިންގްލެންޑް ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

ޖަރުމަނާއި އިންގްލެންޑް ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

06 އޮކްޓޯބަރ 2017

ލަންޑަން (އޮކްޓޫބަރު 6) - އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަނާއި އިންގްލެންޑުން އަންނަ އަހަރު ރަޝިއާގައި ބާއްވާ ފީފާ ވޯލްޑް ކަޕުން ޖާގަ ޔަގީންކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (އޮކްޓޫބަރު 6) - އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަނާއި އިންގްލެންޑުން އަންނަ އަހަރު ރަޝިއާގައި ބާއްވާ ފީފާ ވޯލްޑް ކަޕުން ޖާގަ ޔަގީންކޮށްފި އެވެ.

އިންގްލެންޑް މޮޅުވީ އަމިއްްލަ ދަނޑުގައި ސްލޮވީނިއާ އަތުން 1-0 އިންނެވެ. އަދި ނޮދަން އަޔަލެންޑް އަތުން ރަށުންބޭރުގައި ޖާމަނީ މޮޅުވީ 3-1 އިންނެވެ.

ބާކީ އެއް މެޗު އޮއްވައި އިންގްލެންޑް ކޮލިފައިވީ ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. އިންގްލެންޑް އަށް ވަނީ ނުވަ މެޗުން 23 ޕޮއިންޓް ލިބިފަ އެވެ. ރޭގެ މެޗުގައި އިންގްލެންޑްގެ ހަމައެކަނި ލަނޑު މެޗުގެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި ކާމިޔާބުކުރީ ކެޕްޓަން ހެރީ ކޭން އެވެ.

އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް ބުނީ އިންގްލެންޑަކީ ޒުވާން ގިނަ ކުޅުންތެރިންތަކެއް ގިނަ ޓީމެއް ކަމުން އަދި މާ ބޮޑު އުއްމީދުތަކެއް ކޮށްގެން އެ ކުޅުންތެރިންނަށް ޕްރެޝަރު ބޮޑުކުރަން ބޭނުންނުވާ ކަމަށެވެ.

"މީ ޓީމުގައި ތިބި ގިނަ ކުޅުންތެރިންނަކީ މާ ބޮޑެތި މުބާރާތްތަކެއްގައި ކުޅެފައިތިބި ކުޅުންތެރިންތެރިންނެއް ނޫން. މިދިޔަ 18 މަސް ދުވަހުގެ ތެރޭގައި މި ކުޅުންތެރިންނަށް ވަރަށް ބޮޑެތި ފާޑުކިޔުން އަމާޒުވި. މި ކުޅުންތެރިންނަކީ ޗެމްޕިއަންސް ލީގު ނޫނީ ލީގު ޗެމްޕިއަންކަން ހޯދާފައިތިބި ކުޅުންތެރިންނެއް ނޫން. މި ކުޅުންތެރިންނަށް ކާމިޔާބީ ހޯދަން ޕްރެޝަރު ކުރުވަން އަހަރެން ބޭނުމެއް ނޫން. މިއީ ކުރިއަރަމުންދާ ޓީމެއް،" އިނގިރޭސި ޒުވާން ޓީމަށް ކުރިން ކޯޗުކޮށްދިން ސައުތުގޭޓް ބުންޏެވެ.

ގަވައިދުން ޓީމުން ޖާގަ ހޯދާ ކުޅުންތެރިން ނުލައި ރޭ ޖަރުމަން ކުޅުނު މެޗުގައި އެ ޓީމުގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ ސަބެސްޓިއަން ރުޑީ، ސަންޑްރޯ ވެގްނާ އަދި ޖޯޝުއާ ކިމިޗް އެވެ. ނޮދަން އަޔަލެންޑްގެ ލަނޑު ކާމިޔާބު ކޮށްދިނީ ޖޯޝް މެގަނިސް އެވެ.

ޖަރުމަނުގެ ކޯޗު ޔަކީމް ލޯވް ބުނީ ވޯލްޑް ކަޕް ތަށި ދިފާއުކުރުމުގެ ފުރުސަތު ހޯދަން އެންމެ ފުރަތަމަ ދުވަހު ވެސް ބޭނުންވި ކަމަށާއި ކޮލިފައިވުމުން އެ މަސައްކަތުގެ އެއްބައި ފުރިހަމަވީ ކަމަށެވެ.

"އަހަރެމެން 2014 ވަނަ އަހަރު ބްރެޒިލުން ފުރައިގެން އެނބުރި ޖަރުމަނަށް އައިރު އޭރު ވެސް އަޒުމު ކަނޑައަޅައިފިން ތަށި ދިފާއުކުރަން ނުކުންނަން. ކޮލިފައިވުމުން އެ މަސައްކަތުގެ އެއްބައި ފުރިހަމަވީ. މިއީ މި ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ލިބުނު އުފަލެއް،" ލޯވް ބުންޏެވެ.

އެއް މެޗު ބާކީ އޮއްވައި ޖަރުމަން ވޯލްޑް ކަޕަށް ކޮލިފައިވީ ނުވަ މެޗުން 27 ޕޮއިންޓާ އެކު އެވެ.