Roadha Mihaaru
ސްމިތު ރޯ ފުރަތަމަ ފަހަރަށް އިނގިރޭސި ގައުމީ ސްކޮޑަށް

ސްމިތު ރޯ ފުރަތަމަ ފަހަރަށް އިނގިރޭސި ގައުމީ ސްކޮޑުގައި ހިމަނައިފި

09 ނޮވެމްބަރ 2021

ލަންޑަން (ނޮވެމްބަރު 9) - އާސެނަލް އަށް ކުޅެމުން އަންނަ ޒުވާން ވިންގާ އެމީލް ސްމިތު ރޯ ފުރަތަމަ ފަހަރަށް ގެރެތު ސައުތުގޭޓުގެ އިނގިރޭސި ސީނިއާ ގައުމީ ޓީމުން ޖާގަ ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (ނޮވެމްބަރު 9) - އާސެނަލް އަށް ކުޅެމުން އަންނަ ޒުވާން ވިންގާ އެމީލް ސްމިތު ރޯ ފުރަތަމަ ފަހަރަށް ގެރެތު ސައުތުގޭޓުގެ އިނގިރޭސި ސީނިއާ ގައުމީ ޓީމުން ޖާގަ ހޯދައިފި އެވެ.

މި އަހަރު ޖެނުއަަރީގައި އާސެނަލް އިން ދޫކޮށްލި ޖަރުމަންގެ މިޑްފީލްޑަރު މެސުޓް އޮޒިލްގެ 10 ނަމްބަރު ޖޯޒީގައި މި ސީޒަނުގައި ސްމިތު ރޯ އަންނަނީ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެންމެ ފަހުން އެ ޓީމު ލީގުގައި ކުޅުނު ތިން މެޗުގައި ވެސް ސްމިތު ރޯ، 21، ވަނީ ލަނޑު ޖަހައިފަ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި އިންގްލެންޑް ވާދަކުރަން އޮތް ދެ މެޗަށް ނެގި ޓީމުގައި ސްމިތު ރޯ ހިމެނިއިރު، އެޓީމަށް ގުރޫޕް އައިގައި ބާކީ އޮތީ އަލްބޭނިއާ އާއި ސެން މެރީނޯއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ. ގުރޫޕުގެ އެއްވަނައިގައި 20 ޕޮއިންޓާ އެކު އިންގްލެންޑް އޮތީ، ދެވަނައިގައި އޮތް ޕޮލެންޑަށް ވުރެ ތިން ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. އަންނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައި ވާން މި ދެ މެޗުން ހަތަރު ޕޮއިންޓް ހޯދަން އިންގްލެންޑަށް މަޖުބޫރެވެ.

ކުރިން ސްމިތު ރޯ އިނގިރޭސި ޒުވާން ޓީމާ ގުޅޭގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް، ރަޝްފޯޑާއި ލޫކް ޝޯ އަދި ޖޭމްސް ވާޑް-ޕްރައުސް އާއި މޭސަން މައުންޓް ޓީމާ ގުޅިފައި ނުވާތީ ސައުތު ގޭޓް ނިންމީ ސްމިތު ރޯ އަށް ސީނިއާ ޓީމުން ޖާގަ ދޭށެވެ.

ކޮނޑުގެ އޮޕަރޭޝަނަކަށް ފަހު މެންޗެސްޓާ ޔުނައިޓެޑުގެ ފޯވަޑް މާކަސް ރަޝްފޯޑް އެންމެ ފުރިހަމަ ފިޓްނެސް އަށް ނާންނާތީވެ ޓީމުގައި ނުހިމެނިއިރު، ޔުނައިޓެޑުގެ ފުލްބެކް ލޫކް ޝޯ އަންނަނީ އެންމެ ފަހުން ލީގުގައި ކުޅުނު މެންޗެސްޓާ ޑާބީގައި އޭނާގެ ބޮލަށް ލިބުނު އަނިޔާއަކަށް ފަރުވާ ހޯދަމުންނެވެ.

ސައުތެމްޓަންގެ ވާޑް-ޕްރައުސް ބަލިވެ އުޅޭއިރު، ޗެލްސީގެ މޭސަން މައުންޓް ޓީމާ ގުޅުން ލަސްވަނީ މި ފަހުން އޭނާ ހެދި ދަތުގެ ސާޖަރީއެއްގެ ސަބަބުންނެވެ.

ސްމިތު-ރޯގެ އިތުރުން، އާސެނަލްގެ ގޯލު ބަލަހައްޓަމުން އަންނަ ޒުވާން ގޯލްކީޕަރު އާރޮން ރަމްސްޑޭލް، 23، ވެސް ވަނީ ގައުމީ ސްކޮޑުގައި ހިމަނައިފަ އެވެ. ޖަރުމަނުގެ ކީޕަރު ބާން ލެނޯ އާ އެކު ލީގުގެ ފުރަތަމަ ތިން މެޗުގައި ވެސް އާސެންލް ބަލިވުމުން، އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ވަނީ މި ސީޒަނުގައި 30 މިލިއަން ޕައުންޑަށް ގެނައި ރަމްސްޑޭލް އަށް ފުރުސަތު ދީފަ އެވެ.