Roadha Mihaaru
ލަންކާ ހަނގުރާމައިގެ ކުށްތަކުގެ ހެކި އދ.އިން ހޯދަނީ

ލަންކާ ހަނގުރާމައިގެ ޖަރީމާތަކުގެ ހެކި އދ. އިން ހޯދަނީ

24 މާޗް 2021

ޖެނީވާ (މާޗް 24) - ސްރީ ލަންކާގެ މަދަނީ ހަނގުރާމައިގައި ހިންގާފައިވާ ކަމަށް ބުނާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ހެކި ހޯދުމުގެ ބާރު އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރު މިޝޭލް ބަޗެލޭ އަށް ދިނުމަށް އިއްޔެ ގަރާރެއް ފާސްކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޖެނީވާ (މާޗް 24) - ސްރީ ލަންކާގެ މަދަނީ ހަނގުރާމައިގައި ހިންގާފައިވާ ކަމަށް ބުނާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ހެކި ހޯދުމުގެ ބާރު އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރު މިޝޭލް ބަޗެލޭ އަށް ދިނުމަށް އިއްޔެ ގަރާރެއް ފާސްކޮށްފި އެވެ.

ޖެނީވާގައި ކުރިއަށްދާ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ބައްދަލުވުމުގައި ލަންކާއާ ދެކޮޅަށް ގަރާރު ފާސްކުރީ 47 ގައުމުގެ ތެރޭން 22-11 ވޯޓުންނެވެ. އިނގިރޭސި ވިލާތުން އިސްވެ ހުށަހެޅި ގަރަރާ ދެކޮޅު ހެދި ގައުމުތަކުގެ ތެރޭގައި ޕާކިސްތާނާއި ޗައިނާ އަދި ރަޝިޔާ ހިމެނެ އެވެ. ވަކިކޮޅަކަށް ވޯޓު ނުދެނީ 14 ގައުމަކުންނެވެ. އޭގެ ތެރޭގައި އަވަށްޓެރި އިންޑިއާ އާއި ޖަޕާން ހިމެނެ އެވެ. ގަރާރުގައި ވަނީ ހަނގުރާމައިގެ ޖަރީމާތަކުގެ ހެކި ހޯދަން ލަންކާ އިން ހުރަސް އަޅާ ކަމަށް ބުނެފަ އެވެ. އަދި އެ ޖަރީމާތައް ހިންގުމަށް ފަހު އެހެން ގައުމުތަކަށް ގޮސް އުޅޭ މީހުންގެ މައްޗަށް ޝަރީއަތް ހިންގުމަށް ވެސް ގޮވާލާފައިވެ އެވެ.

ލަންކާގެ 26 އަހަރުވީ ހަނގުރާމަ މެއި، 2009 ގައި ނިމުނު އިރު، ހަނގުރާމައިގެ ފަހު ދުވަސްވަރު ލާއިންސާނީ ގޮތަކަށް އެއް ލައްކަ މީހުން މަރާފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

މިޝޭލް ބަޗެލޭ ވިދާޅުވީ ކައުންސިލްގެ ގަރާރަށް އެކަމަނާ ތާއީދު ކުރައްވާ ކަމަށެވެ. އަދި އިންސާފު ހޯދުމަށް ލަންކާގެ އެކި ކޮމިއުނިޓީތަކުން ކުރަމުން ގެންދިޔަ ހިތްވަރަށް ވަނީ ތައުރީފް ކުރައްވައިފަ އެވެ.

ކައުންސިލުގެ ގަރާރުން ވަނީ ބަޗެލޭގެ އޮފީހަށް އާ ސްޓާފުންނާއި އިތުރު ބާރުތަކާއި 2.8 މިލިއަން ޑޮލަރުގެ ބަޖެޓެއް ދިނުމަށް ހިމަނައިފަ އެވެ.